Roadha Mihaaru
އިސްތިއުފާ ދެއްވުމާ މެދު މަހްލޫފު އަލުން ވިސްނަނީ

ޕީޖީ އޮފީހުގައި ކަންކަން ދަނީ ގޯސްކޮށް، ދައުވާކުރުމުން އިސްތިއުފާ ދިނުމާ މެދު ވިސްނާނަން: މަހްލޫފް

09 އޯގަސްޓް 2021

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ކުރިން ތިއްބެވި ބޭފުޅުންގެ ނަން ހިމެނޭ ގޮތަށް އާންމުކުރީ "ސިޔާސީ" ލިސްޓެއް ކަމަށާއި ދައުވާކޮށްފި ނަމަ، މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން ވިދާޅުވިޔަސް މިހާރު ބޭނުން ވަނީ އެކަމާ މެދު އަލުން ވިސްނަން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ކުރިން ތިއްބެވި ބޭފުޅުންގެ ނަން ހިމެނޭ ގޮތަށް އާންމުކުރީ "ސިޔާސީ" ލިސްޓެއް ކަމަށާއި ދައުވާކޮށްފި ނަމަ، މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން ވިދާޅުވިޔަސް މިހާރު ބޭނުން ވަނީ އެކަމާ މެދު އަލުން ވިސްނަން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާގެ މައްސަލަ ދިރާސާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގައި އެކުލަވާލާފައި އޮތް ދައުލަތުގެ ޕްރޮސެކިއުޓަރުންގެ ކޮމިޓީން ބަލަމުން ގެންދިޔަ މައްސަލަ، އެ ކޮމިޓީ މެންބަރުންގެ އަތުން ނަގައި އަބްދުﷲ ރާބިއު އާއި މަހްމޫދު ސަލީމްއާ ހަވާލުކޮށްފައިވާ ކަމަށް އޮންލައިން ނޫހެއްގައި ރިޕޯޓްކުރުމުން މަހްލޫފް ވަނީ އޭނާގެ އުދާސްތައް ބަންޑުންކޮށްލައި އެ މައްސަލައާ ގުޅިގެން ޓްވީޓްތަކެއް ކުރައްވައިފަ އެވެ.

މަހްލޫފް ވިދާޅުވީ ކުރިން ނިންމަވައިގެން ހުންނެވީ ޕީޖީ އޮފީހުން ގޮތެއް ނިންމުމާ އެކު އިސްތިއުފާ ދެއްވަން ކަމަށާއި ނަމަވެސް އެ މައްސަލައާ ގުޅޭ ގޮތުން އަލުން ވިސްނަވާނެ ކަމަށެވެ. އެ ނިންމެވުން ބަދަލުކުރައްވަން ނިންމެވި ސަބަބެއްގެ ގޮތުގައި މަހްލޫފް ވިދާޅުވީ ޕީޖީ އޮފީސް ތެރޭގައި ވަރަށް ގޯސްކޮށް ކަންކަން ދާތީ ފަސޭހައިން މަގު ކޮށައި ދެއްވަން ބޭނުން ނުވުމެވެ.

"ކުރިން ނިންމައިގެން ހުރީ ޕީޖީ އޮފީހުން ގޮތެއް ނިންމީމަ އިސްތިއުފާ ދޭން. އެކަމަކު މިހާ ގޯސްކޮށް ޕީޖީ އޮފީސް ތެރެއިން ވެސް ކަންކަން ދާތީ، ދައުވާ ކުރިޔަސް ދެން އަޅުގަނޑު އިސްތިއުފާ ދިނުމާ މެދު އިތުރަށް ވިސްނާނަށް. ހަޑިކޮށް އެއްބަޔަކު ކުޅޭއިރު އެހާ ފަސޭހަކޮށް މަގު ކޮށައިދޭކަށް ނެތިން،" މަހްލޫފް ވިދާޅުވި އެވެ.

އެ މައްސަލައިގެ ތެރެއަށް ނުފޫޒު ގަދަ ސިޔާސީ ބަޔަކު ވަދެފައިވާ ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ. އަދި އެއީ ޒާތީ ކަމެއް ކަމަށާއި އޭނާގެ މައްޗަށް ދައުވާކުރިޔަސް ކޯޓުގެ ތެރެއިން އެކަން ހާމަވާނެ ކަމަށް މަހްލޫފް ވިދާޅުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ އަހަރު ކުރިން ގާނޫނީ ވަކީލަކު ފޮނުވި އެ ޗެޓްލޮގް އަދިވެސް އޭނާގެ އަތުގައި އެބައޮތެވެ. އަދި އެ މައްސަލައާ ގުޅޭ ގޮތުން ލަންކާގެ ރައްޔިތެއްގެ ބަޔާން ރާއްޖޭގެ ގާނޫނުތަކާއި ލަންކާގެ ގާނޫނުތަކާ ހިލާފަށް ނެގި މައްސަލައެއް ފެންމަތިވެ، އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން މައްސަލަ ބަލަމުން އެބަދެ އެވެ. އެ މައްސަލަ ފޮރިން މިނިސްޓްރީން ބަލަމުން އަންނަ ކަމަށާއި ޖިނާއީ ތަހުގީގު ޒޫމް މެދުވެރިކޮށް ހިންގިއިރު ލަންކާގައި ހުންނަވާ ސަފީރު ވެސް ވީޑިއޯ އިން ފެންނަ ކަމަށް މަހްލޫފު ވިދާޅުވި އެވެ.

"އެ މީހުން ބުނަނީ އެއީ އެ މީހުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް، އަދި އަޔަސް ޗެއިން އޮފް ކަސްޓަޑީ ނެތް އެއްޗެއްގެ އެއްވެސް ގާނޫނީ ބުރަދަނެއް ނެތް ކަމަށް،" މަހްލޫފް ވިދާޅުވި އެވެ.

ޕީޖީން އަމަލުކުރަމުންދާ ގޮތާ މެދު ކަންބޮޑުވެ މަހްލޫފް ވިދާޅުވީ ގިނަވެގެން ހަ ދުވަސްތެރޭ ދައުވާކުރުމާ މެދު ގޮތެއް ނިންމާކަމަށް ކުރިން ބޭއްވި ނިއުސް ބްރީފިންގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވި ނަމަވެސް އޭނާގެ މައްސަލައިގައި ވަކި ގޮތެއް ނުނިންމާ އޮންނަތާ މިހާރު 60 ދުވަސްވެފައިވާ ކަމަށެވެ. އަދި މިހާރު އެހެން ބަޔަކާ އެ މައްސަލަ ހަވާލުކޮށްފައި މިވަނީ އެމްއެމްޕީއާރުސީގެ މައްސަލަތައް ނިންމާ ކޮމިޓީން ދައުވާ ނުކުރެވޭނެ ކަމަށް ބުނުމުން ކަމަށް މަހްލޫފް ވިދާޅުވެ އެވެ.

"އެމްއެމްޕީއާރުސީގެ މައްސަލަތައް ނިންމަން ނަގާފައި އޮތް ކޮމިޓީން ދައުވާ ނުކުރެވޭނެ ކަމަށް ބުނުމުން، އެމީހުންގެ އަތުން މައްސަލަ އަތުލާ ހަވާލުކުރީ އެހެން ބަޔަކާ،" މަހްލޫފު ވިދާޅުވި އެވެ.

އެކަން ރަސްމީކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވާނެ ކަމަށާއި މަގާމުން ވަކިކުރުމަކީ ރައީސަށް ގާނޫނުއަސާސީން ލިބިފައިވާ ބާރެއް ކަމުން، އޭނާ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަވާނީ ރައީސް ކަމަށް މަހްލޫފް ވިދާޅުވި އެވެ.

އާންމުކުރި ލިސްޓުގައި މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން ނަން އޮތީ މަހްލޫފްގެ އެކަންޏެވެ. އެކަމަކު ސަރުކާރުގެ ބައެއް އިސް މަގާމުގައި ތިއްބެވި ބޭފުޅުންގެ ނަން ވެސް އެ ލިސްޓުގައި ހިމެނެ އެވެ.

އެސްއޯއެފްއާ އެކު ޑޮލަރުގެ މުއާމަލާތެއް ހިންގާފައިވާކަން އެނގުމުން، މަހްލޫފްް ސަސްޕެންޑް ކުރީ ފެބްރުއަރީ 14، 2019 ގަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މަހްލޫފްގެ މައްސަލައެއް ނެތުމާއި ބަލަން ޖެހޭ އިތުރު ކަންކަމަށް ބެލުމަށް ފަހު، މަހްލޫފްގެ ސަސްޕެންޝަން އުވާލީ، އޭގެ ދެ މަސް ފަހުން، 16 އޭޕްރީލްގަ އެވެ.

މަހްލޫފް ސަސްޕެންޑްކުރީ އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓް އޭސީސީން ނެރުމުން، މަހުލޫފްގެ މުއާމަލާތެއް ވެސް އޭގައި ހިމެނުމުންނެވެ. އެކަމުގައި މަހުލޫފް ވިދާޅުވީ އޭނާގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައި ވަނީ، ޑޮލަރު ގަތުމަށް ހިންގެވި ސައްހަ މުއާމަލާތެއްގެ ތެރެއިން ކަމަށެވެ.

އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެ އެވެ. މަހުލޫފުގެ އެދިވަޑައިގަތުމަކަށް އޭނާގެ މައްސަލަ ބެލުމަށް ފަހު އޭސީސީން ވަނީ އެކަމުގައި އޭނާގެ ހިޔާނާތުގެ އަމަލެއް ނެތް ކަމަށް ނިންމައިފަ އެވެ.