Roadha Mihaaru
ފުލުހުންގެ އެސްޕީއާރުގައި ބޮޑެތި މަގުސަދުތަކެއް

ވަރުގަދަ މަގުސަދުތަކަކާ އެކު ފުލުހުންގެ އެސްޕީއާރު އެކުލަވާލައިފި

25 ނޮވެމްބަރ 2021

މި އަހަރު ފާސްކޮށްް އަމަލުކުރަން ފެށި ދިވެހި ފުލުހުންގެ ގާނޫނުން ހޯމް މިނިސްޓަރަށް ލާޒިމްކުރާ ސްޓްރެޓެޖިކް ޕޮލިސިން ރިގަމެންޓްސް (އެސްޕީއާރު) ބޮޑެތި މަގުސަދުތަކަކާ އެކު ކަނޑައަޅައި މިއަދު އާއްމުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މި އަހަރު ފާސްކޮށްް އަމަލުކުރަން ފެށި ދިވެހި ފުލުހުންގެ ގާނޫނުން ހޯމް މިނިސްޓަރަށް ލާޒިމްކުރާ ސްޓްރެޓެޖިކް ޕޮލިސިން ރިގަމެންޓްސް (އެސްޕީއާރު) ބޮޑެތި މަގުސަދުތަކަކާ އެކު ކަނޑައަޅައި މިއަދު އާއްމުކޮށްފި އެވެ.

ހޯމް މިނިސްޓްރީން އާއްމުކުރި އެސްޕީއާރުގައިވާ ގޮތުން އެ ސިޔާސަތުތަކުގައިވާ ކަންތައްތައް ހާސިލުކުރުމުގައި ހިފަހައްޓަން ޖެހޭ މައިގަނޑު އަށް ހަމައެއް އެބައޮތެވެ. އޭގެ އެންމެ ފުރަަތަމަ ކަމަކީ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް ހިފެހެއްޓުމެވެ.

ފުލުހުން ހިފަހައްޓަން ޖެހޭ ބައެއް ހަަމަތައް

- އިސްލާމްދީނުގެ އުސޫލުތަކާއި ހަަމަތައް

- ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަށަވަަރުކޮށްދޭ ހައްގުތައް ރައްކާތެރިކުރުމާއި މީހުންގެ އަބުރާއި ކަރާމަތާއި މުދަލަށް ރައްކާތެރިވުން.

- ލާމަރުކަޒީ އުސޫލުތައް

- ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާ

- ސަރުކާރުގެ އެހެން އިދާރާތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރުން

- އެހެން ގައުމުތަކުގެ ފުލުހުންނާއި ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާ ގުޅުން ބަދަހިކުރުން

ފުލުހުން ހިފަހައްޓަން ޖެހޭ ހަމަތަކުގެ އިތުރުން އެސްްޕީއާރްގައި ތަފްސީލުކޮށް ކަނޑައަޅާފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ތަރައްގީކުރުމުގައި ސަމާލުކަން ދޭންވީ ދާއިރާތައް ހިމެނެ އެވެ. އުމްރާނީ ދާއިރާއާއި އިންސާނީ ވަސީލަތްތައް ކުރިއެރުވުމާއި ކަނޑުމަތީގައި ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.

"...ވަކިން ހާއްސަކޮށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ޓެރަރިޒަމްގެ ހަރަކާތްތަކާއި މަސްތުވާތަކެތީގެ ވަގު ވިޔަފާރިއާއި ޓްރާންސް ނެޝަނަލް ކުށްތައް ހުއްޓުވުމަށް ޓަކައި ކަނޑުމަތީގައި ހަަރަކާތްތެރިވުމުގެ ގާބިލުކަން ދިވެހި ފުލުހުންގެ ހިދުމަތުގައި ހުންނަންވާނެ މިންވަރު ދެނެގަނެ، އެ މިންވަރަށް ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުން،" ސަމާލުކަން ދޭންވީ ކަމެއްގެ ގޮތުގައި އެސްޕީއާރްގައި ކަނޑައަޅާފައި ވެ އެވެ.

ސަމާލުކަން ދޭން ޖެހޭ ދާްއިރާތައް

-ފުރާނައާއި މުދަލާއި ވެށީގެ ރައްކާތެރިކަން.

- ކުށްމަދުކުރުން

-ތަހުގީގު

-އިންޓެލިޖެންސް

-ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުން

- މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުން

- ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި ކުށްކުރާ ޖަމާއަތްތައް ހުއްޓުވުން

މި ދާއިރާތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރުމަށް ޓަކައި ސަމާލުކަން ދޭންވީ ގިނަ ކަންއްތަަކެއް އެސްޕީއާރްގައި ތަފްސީލުކޮށްދީފައި ވެ އެވެ.

އެސްޕީއާރް އެކުލަވައިލެެއްވުމަށް ފަހު ހޯމް މިނިސްޓަަރު އިމްރާން އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ އަމާޒު ހިފަން ސަރުކާރުން އެދޭ މިސްރާބު، އެސްޕީއާރުން ސާފުވާނެ ކަމަށެވެ.

"ފުލުހުންގެ މުއައްސަސާ ތަރައްގީކޮށް ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ. މިއީ ފުލުހުންގެ ތަރައްގީއަށް ކުރާ މަސައްކަތަށް އިތުރުވި ބޮޅެއް،" އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 'ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް' ކަނޑައެޅުއްވުމުގައި މިނިސްޓަރު ރިއާޔަތް ކުރެއްވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ރޫހަށާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ މިހާރުގެ ހާލަތަށާއި، ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމަށް މެދުވެރިވަމުންއަންނަ ގޮންޖެހުންތަކަށާއި، ދިވެހިރާއްޖޭގެ ކުށުގެ މާހައުލު ބަދަލުވަމުންއަންނަ ގޮތަށް ކަމަށެވެ.

ކުރިއަށް އޮތްތަނުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހާ ކަންކަން ތަރުތީބުކޮށް އިންތިޒާމުކުރުމާއި ކަންކަން ޕްލޭންކޮށް ރޭވުމުގައި، ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ކޮމިޝަނަ އޮފް ޕޮލިސް މަސައްކަތް ކުރައްވާނީ މިއަދު ކަނޑައެޅިގެންދިޔަ 'ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް' ގައިވާ ކަންކަން ހާލުކުރުމަށް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.