Roadha Mihaaru
އިމްރާންގެ ތަފާތު ވާހަކައެއް: ގޮންޖެހުން ކުރިމަތިވާނެ

އިމްރާންގެ ތަފާތު ވާހަކައެއް: ގޮންޖެހުންތައް ކުރިމަތިވާނެ!

19 އޮކްޓޯބަރ 2021

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކި ކުރަން ނިންމާފައި ވަނިކޮށް، "ކަންކަން ރަނގަޅު ކުރާއިރު ގޮންޖެހުންތައް ކުރިމަތިވާނެ" ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތަފާތު ޓްވީޓެއް ކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކި ކުރަން ނިންމާފައި ވަނިކޮށް، "ކަންކަން ރަނގަޅު ކުރާއިރު ގޮންޖެހުންތައް ކުރިމަތިވާނެ" ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތަފާތު ޓްވީޓެއް ކުރައްވައިފި އެވެ.

މީގެ ކުރިން އަމަލުކުރަމުން ދިޔަ ފުލުހުންގެ ގާނޫނުގައިވާ ގޮތުން، އެ މުއައްސަސާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ ހޯމް މިނިސްޓަރެވެ.

ނަމަވެސް ރައީސް އޮފީހުން މިދިޔަ އަންގާރަ ދުވަހު އިމްރާނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ފުލުހުންގެ އާ ގާނޫނުގައި ކަނޑައަޅައިފައެއް ނުވާތީ، ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ހިނގަމުން ދާ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ސިޓީ ލީކުވެފައި ވަނިކޮށް، އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަންކަން ރަނގަޅު ކުރާއިރު ލައްކަ ގިނަ ގޮންޖެހުންތައް ކުރިމަތިވުމަކީ ތަބީއީ ކަމެއް ކަމަށެވެ. އަދި ކާމިޔާބު ވާނީ ގޮންޖެހުންތަކުން އަރައިގަނެ، ކުރިޔަށް ދިޔުމުގެ ހިތްވަރު ހޯދާ ބަޔަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާ ވަކި ކުރަން ނިންމި ނިންމުމާ ގުޅިގެން ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

ގާނޫނުއަސާސީގެ 242 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ސަލާމަތީ ކޮންމެ ހިދުމަތެއް ހިންގަން ވާނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ބެލުމުގެ ދަށުންނެވެ. އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާން ވާނެ ކަމަށް ވެސް ގާނޫނުއަސާސީގައި ބުނެފައިވެ އެވެ.

ފުލުހުންގެ އިދާރާގެ މަސްއޫލިއްޔަތުތައް ހޯމް މިނިސްޓްރީގެ ޒިންމާތަކުގެ ތެރެއިން ނެގުމުން، ފުލުހުންގެ ނަމުގައި ޖަވާބުދާރީ ވާނީ ކޮން ވަޒީރެއް ކަމެއް އަދި ނޭނގެ އެވެ.