Roadha Mihaaru
ޕޮލިސް ސްޓޭޝަން މަޝްރޫއުގެ ފައިސާ އަދިވެސް ހަމަނުޖެހޭ

ޕޮލިސް ސްޓޭޝަންތަކުގެ މަޝްރޫއުއަށް އިންޑިއާއިން އަދިވެސް ފައިސާ ހަމަނުޖެހޭ

22 މެއި 2023

ރާއްޖޭގައި މީހުން ދިރިއުޅޭ 60 އަށް ވުރެ ގިނަ ރަށުގައި ޕޮލިސް ސްޓޭޝަން ގާއިމުކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން އަދިވެސް ފައިސާ ހަމަނުޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރާއްޖޭގައި މީހުން ދިރިއުޅޭ 60 އަށް ވުރެ ގިނަ ރަށުގައި ޕޮލިސް ސްޓޭޝަން ގާއިމުކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން އަދިވެސް ފައިސާ ހަމަނުޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އިމްރާން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތީ ތ. ތިމަރަފުށި އަދި ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތާ ގުޅޭގޮތުން އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށެވެ.

ރިޔާޒްގެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސްކޮށްގެން ކުރިއަށް ގެންދަން 2021 ވަނަ އަހަރު ހަމަޖެހުނު މަޝްރޫއުއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަޝްރޫއު ފެށުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ނިމި ފައިނޭންސް ހަމަޖެއްސުމުގެ ލިޔެކިޔުންތަކުގައި ސޮއިކުރުމާ ހަމައަށް މިހާރު ވަނީ ދެވިފަ އެވެ.

"ފައިނޭންސްގެ ކަންކަން ހަމަޖެހުމާ އެކު އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ވެސް މި މަސައްކަތް ފެށިގެންދާނެ. އަޅުގަނޑުމެން އުއްމީދުކޮށްގެން މި ތިބެނީ މިއަހަރުގެ ތެރޭގައި މި ފައިނޭންސްގެ ކަންކަން ހަމަޖެހޭނެ ކަމަށް،" އިމްރާން ވިދާޅުވި އެވެ.

އެއާ ވިދިގެން އިތުރު ސުވާލުކުރަން ލިބުނު ފުރުސަތުގައި ރިޔާޒް ވިދާޅުވީ މިދިޔަ އަހަރުގެ މާޗް މަހު ވެސް ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު މަޖިލީހުގައި ދެއްވީ ހަމަ އެ ޖަވާބު ކަމަށެވެ.

ރިޔާޒް ވިދާޅުވީ، މިދިޔަ އަހަރުގެ މާޗު މަހު މިނިސްޓަރު މަޖިލީހަށް ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި އެ މަޝްރޫއުގެ މަސައްކަތް ފެށި، މިއަހަރުގެ ނިޔަލަށް 80 ޕަސަންޓުގެ މަސައްކަތް ނިންމަން ކަމަށެވެ.

"...މީގެ އެއް އަހަރުކުރިން ދެއްވި މައުލޫމާތަކީ އިތުރުފުޅެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ފައިސާ ހަމަނުޖެހެނީސް މި މަޝްރޫއުގެ މަސައްކަތް ހިނާނެކަމަށް މިނިސްޓަރު ވިދާޅުވި ވިދާޅުވުމެއް ކަމަށް އެއީ،" ރިޔާޒް ވިދާޅުވި އެވެ.

އެކަން ދިފާއުކުރައްވަމުން، އިމްރާން ވިދާޅުވީ އެ މަޝްރޫއުއަކީ އިންޑިއާ އެގްޒިމް ބޭންކުން ފައިނޭންސް ކުރާ ޕްރޮޖެކްޓެއް ކަމަށާއި ފައިސާ ހަމަނުޖެހި އެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެކަން މެމްބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އަދި މި މަޝްރޫއުއަށް ދިވެހި ސަރުކާރުން ދައްކަންޖެހޭ 15 ޕަސަންޓަށްވާ ފައިސާ ވެސް މިދިޔަ މާޗު މަހުގެ ތެރޭގައި ދައްކާފައިވާކަން މިނިސްޓަރު ހާމަކުރެއްވި އެވެ.

އިންޑިއާގެ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާ ހަވާލުކޮށްގެން ދެ އަހަރު ތެރޭގައި ނިންމާ ގޮތަށް 48 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގަ އެވެ.