Roadha Mihaaru
އިންވެސްޓާސް ވީކްގެ ހަރަކާތްތައް ސީއެމްޑީއޭއިން ފަށައިފި

"އިންވެސްޓާސް ވީކް"ގެ ހަރަކާތްތައް ސީއެމްޑީއޭއިން ފަށައިފި

05 އޮކްޓޯބަރ 2022

އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "ވޯލްޑް އިންވެސްޓާސް ވީކް" އާ ގުޅުވައިގެން ސީއެމްޑީއޭ އިން ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "ވޯލްޑް އިންވެސްޓާސް ވީކް" އާ ގުޅުވައިގެން ސީއެމްޑީއޭ އިން ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.

އެ ހަރަކާތްތައް ފެށުމުގެ ގޮތުން ސީއެމްޑީއޭއިން ވަނީ ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. އެ ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހަސަން މަނިކެވެ. އެ ރަސްމިއްޔާތުގައި އޭނާ ވަނީ އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އަދި އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނެކޭ އެއްފަދައިން ރީޓެއިލް އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ.

އިންވެސްޓާސް ވީކުގެ ފެށުން ފާހަގަ ކުރުމަށް ސީއެމްޑީއޭއިން ބޭއްވި ރަސްމިއްޔާތުގައި އެ އޮތޯރިޓީގެ ސީއީއޯ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ސީއެމްޑީއޭ

އިންވެސްޓާސް ވީކުގެ ފެށުން ފާހަގަ ކުރުމަށް ސީއެމްޑީއޭއިން ބޭއްވި ރަސްމިއްޔާތުގައި އެ އޮތޯރިޓީގެ ސީއީއޯ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ސީއެމްޑީއޭ

ސީއެމްޑީއޭއިން ބުނީ މި މަހުގެ ތިނަކުން ނުވައަކަށް އިންވެސްޓާސް ވީކް ފާހަގަ ކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ކެޕިޓަލް މާކެޓާއި، ފައިނޭންޝަލް ލިޓަރަސީއަށް އާއްމުން އަހުލުވެރިކުރުވުމަށް ސީއެމްޑީއޭގެ ފޭސްބުކް މެދުވެރިކޮށް ހިންގާ ކުއިޒެއް ހިމެނޭ ކަމަށެވެ. އަދި އާއްމުންނާއި މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް އަމާޒުކޮށް ކޮލެޖުތަކާއި ޔުނިވާސިޓީގައި ކެޕިޓަލް މާކެޓާ ގުޅޭ ގޮތުން މައުލޫމާތު ދޭ ސެޝަނެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ. އަދި ޖާނަލިސްޓުންނާއި އެޑިޓަރުން، މާލީ ކަންކަމާބެހޭ ގޮތުން އާއްމުންނަށް މައުލޫމާތު ދިނުމުގައި ބަލަންޖެހޭ ކަންކަމަށް އަހުލުވެރިކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސީއެމްޑީއޭއިން ބުންޏެވެ.

އިންވެސްޓާ ވީކު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ބައިވެރިންނާއި އެކު ސީއެމްޑީއޭގެ އިސްވެރިން. -- ފޮޓޯ: ސީއެމްޑީއޭ

އިންވެސްޓާ ވީކު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ބައިވެރިންނާއި އެކު ސީއެމްޑީއޭގެ އިސްވެރިން. -- ފޮޓޯ: ސީއެމްޑީއޭ

ވާލްޑް އިންވެސްޓާސް ވީކަކީ، ސެކިއުރިޓީޒް ރެގިއުލޭޓަރުންގެ ބައިނަލްއަގުވާމީ ޖަމިއްޔާގެ، އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް ސެކިއުރިޓީޒް ކޮމިޝަންސް (އައިއޯއެސްސީއޯ) އިން 2017 ވަނަ އަހަރުން ފެށިގެން ފާހަގަ ކުރަމުންދާ ހަފްތާއެކެވެ. މި ހަފްތާ ފާހަގަކުރުމުގެ މަގުސަދަކީ، ފަހަށް ރައްކާކުރުމާއި އިންވެސްޓްކުރުމާމެދު ހޭލުންތެރިކަން އިތުރުކުރުމާއި، އިންވެސްޓަރުންގެ ހައްގުތައް ރައްކާތެރިކޮށް އިތުބާރު އުފައްދައި ދެމެހެއްޓުމަށް މަސައްކަތް ކުރުމެވެ.