Roadha Mihaaru
ޝިލްޕާ އަލުން "ސުޕަ ޑާންސާ 4" އަށް

އަންނަ ހަފުތާގައި "ސުޕަ ޑާންސާ 4" އިން ޝިލްޕާ ފެންނާނެ

19 އޯގަސްޓް 2021

ބަތަލާ ޝިލްޕާ ޝެޓީ ޖަޖެއްގެ ގޮތުގައި ބައިވެރިވަމުން ދިޔަ ސޮނީ ޓީވީގެ "ސުޕަ ޑާންސާ 4" ގެ މަސައްކަތްތަކުން އެކަހެރިވުމަށް ފަހު، އަންނަ ހަފުތާ އިން ފެށިގެން އޭނާ އަލުން އެ ޝޯ އިން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ޝިލްޕާ ޝެޓީ ޖަޖެއްގެ ގޮތުގައި ބައިވެރިވަމުން ދިޔަ ސޮނީ ޓީވީގެ "ސުޕަ ޑާންސާ 4" ގެ މަސައްކަތްތަކުން އެކަހެރިވުމަށް ފަހު، އަންނަ ހަފުތާ އިން ފެށިގެން އޭނާ އަލުން އެ ޝޯ އިން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޭނާ ޝޯ އިން ވަކިވީ ފިރިމީހާ ރާޖް ކުންދުރާ ބަރަހަނާ ފިލްމު ހެދި މައްސަލައެއްގައި ހައްޔަރުކުރުމާ ގުޅިގެންނެވެ.

މީޑިއާތަކުން ބުނީ އަންނަ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭގެ އެޕިސޯޑްތަކަށް މި ހަފުތާގައި ޝިލްޕާ ޝޫޓްކޮށް ވެސް ނިންމާފައިވާ ކަމަށެވެ. ފިރިމީހާގެ މައްސަލަގަނޑު ފެންމަތިވި ހިސާބުން ޝިލްޕާ ޝޯއާ ފެއަށް ޖެހުމުން އޭނާ ނެތްތަން ފޫބައްދައިދިން ގެސްޓް ޖަޖުންގެ ތެރޭގައި ކަރިޝްމާ ކަޕޫރާއި ރިތޭޝް ދޭޝްމުކާއި އަންހެނުން ޖެނެލިއާ ޑި ސޫޒާ އާއި ޖެކީ ޝްރޮފާއި ކުރީގެ ބަތަލާ ސަންގީތާ ބިޖްލާނީ ހިމެނެ އެވެ.

ކުރިން ވެސް ޝިލްޕާ އަށް ބައިވެރިނުވެވުނު ބައެއް އެޕިސޯޑްތަކުގައި މަލައިކާ އަރޯރާ ވެސް ބަދަލުގައި ބައިވެރިވެފައިވެ އެވެ. އެއީ ޝިލްޕާގެ އާއިލާގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އޭނާ އަލުން މި ފަހަރު ޝޯއާ މި ގުޅެނީ ކުރިމަތިލާން ޖެހުނު ލަދުވެތި ލައްގަނޑާ އެކު އަލުން ދެން "ސުޕަ ޑާންސާ 4" ގައި ބައިވެރިނުވާނެ ކަމަށް އަޑުއަރާފައި ވަނިކޮށެވެ.

"ސުޕަ ޑާންސާ 4" ގެ ރަސްމީ ޖަޖުންނަކީ ޝިލްޕާގެ އިތުރުން ކޮރިއޮގްރާފަރު ގީތާ ކަޕޫރާއި ޑައިރެކްޓަރު އަނޫރާގް ބާސޫ އެވެ. މިދިޔަ ހަފުތާގައި ގީތާގެ ބަދަލުގައި ޝޯގައި ބައިވެރިވީ ޓެރެންސް ލުވިސް އެވެ.

ބަރަހަނާ ފިލްމު ހަދައި އެ ދައުރުކޮށް އާމްދަނީ ހޯދަމުން ދިޔަ މައްސަލާގައި ޝިލްޕާގެ ފިރިމީހާ ރާޖް ހައްޔަރުކުރީ މިދިޔަ މަހުގެ 19 ގަ އެވެ. އޭގެ ފަހުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދާ އިރު، އޭނާގެ ކަފާލާތުގެ މައްސަލަ ދެ ފަހަރެއްގެ މަތިން ކޯޓުން ވަނީ ބަލައިނުގަނެ، ބޭރުކޮށްލައިފަ އެވެ.

ރާޖްގެ މި މައްސަލަ ފެންމަތިވީ ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ޝިލްޕާ ކުޅުނު ފުރަތަމަ ފިލްމު ހަންގާމާ 2" ވެސް މިދިޔަ މަހުގެ 23 ގައި ރިލީޒްކުރި ދަނޑިވަޅާ އެވެ. އޭގެ ސަބަބުން ޑިޖިޓަލްކޮށް ޕްރީމިއާކުރި ފިލްމަށް ލިބުނު ތަރުހީބު ވެސް ކުޑަ އެވެ.

އަދި މިދިޔަ ހަފުތާގައި ޝިލްޕާ އާއި އޭނާގެ މަންމަ ސުނަންދާ ޝެޓީގެ މައްޗަށް ވަނީ ހީލަތުގެ މައްސަލައެއް ލަކްނޫގެ ފުލުހުންނަށް ހުށަހަޅައިފަ އެވެ.