Roadha Mihaaru
ރެއިންބޯ އިން އައްޑޫގައި އިންވެސްޓްކުރާނެ: ކައުންސިލް

ރެއިންބޯ އިން އައްޑޫގައި އިންވެސްޓްކުރަން ޝައުގުވެރިވޭ: ކައުންސިލް

28 ނޮވެމްބަރ 2021

ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ރެއިންބޯ އިން އައްޑޫގައި އިންވެސްޓްކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ރެއިންބޯ އިން އައްޑޫގައި އިންވެސްޓްކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ރެއިންބޯ ކޮންސްޓަރަކްޝަންގެ އިސްވެރިންތަކެއް އިއްޔެ ކައުންސިލާ ބައްދަލުކޮށް، ކުރި މަޝްވަރާތަކަށް ފަހު، ކައުންސިލުން ކުރި ޓްވީޓްތަކެއްގައި ބުނީ އައްޑޫގައި ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމުގެ އިތުރުން އެކި ދާއިރާތަކުން އެ ސިޓީގައި އިންވެސްޓް ކުރަން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

"މި ބައްދަލުވުމުގައި މޭޔަރު އަލީ ނިޒާރު ވަނީ އައްޑޫގައި އިންވެސްޓްކުރަން ގަސްދުކުރާ ފަރާތްތަކަށް އަބަދުވެސް މަރުހަބާ ކިޔައި، އެ ފަރާތްތަކަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން [ވެސް] ދެއްވާފައި." ކައުންސިލުން ބުންޏެވެ.

ރެއިންބޯ އިން އައްޑޫގައި އިންވެސްޓްކުރަން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް މިކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުދެ އެވެ. ރެއިންބޯ އިން އެންމެ ދެކުނުގެ ސިޓީގައި ހައުސިން ޕްރޮޖެކްޓެއް ހިންގަން ޝައުގުވެރިކަން ފާޅުކުރި އިރު، އެއީ އެފަދަ މަޝްރޫއުތައް މާލެ ސަރަހައްދުގައި ވަރަށް ފުޅާކޮށް ހިންގާ ކުންފުންޏެކެވެ.

ރާއްޖޭގެ މަޝްހޫރު އެހެން ކުންފުންޏެއް ކަމަށްވާ އަމިން ކޮންސްޓްރަކްޝަނުން ވެސް އައްޑޫގައި ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ކުރިން ނިންމި އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2011 ގެ ސާކް ސަމިޓް އައްޑޫގައި ބޭއްވި ދުވަސްވަރު އެ ސަމިޓަށްޓަކައި ހެދި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު [މިހާރުގެ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް] ގެ މަސައްކަތް އެ ކުންފުނިން ކުރި ދުވަސްވަރެވެ. ނަމަވެސް ނަޝީދުގެ ވެރިކަން ނިމުނު ފަހުން، އެ ކުންފުނިން އައްޑޫގައި ކުރިއަށް ގެންދަން ނިންމި ހައުސިން ޕްރޮޖެކްޓާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކެވިފައެއް ނުވެ އެވެ.

އައްޑޫގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިންގާފައިވާ މަޝްރޫއުތަކަށް ބަލާ އިރު، ނަޝީދުގެ ވެރިކަމުގައި ފޭދޫގައި ހައުސިން ޔުނިޓްތަކެއް އަދި އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިތަދު އާއި ހުޅުމީދޫގައި ފްލެޓްތަކެއް އަޅާފައިވެ އެވެ.