Roadha Mihaaru
އައްޑޫން ގޯތި ދިނުމާ ގުޅިފައިވާ ހިއްކާ ބިންތަކާ

އައްޑޫން ބިން ހިއްކައި ނިމުމުން އަލުން ގޯތި ދޫކުރަން ފަށާނެ: ނިޒާރު

30 ޖެނުއަރީ 2022

އައްޑޫގައި ބިން ހިއްކުމުގެ ބޮޑު މަޝްރޫއެއް ފަށަން ނިންމާފައިވާތީ، އެ މަސައްކަތް ނިމުމުން ކުރިއެކޭ އެއްގޮތަށް އާންމުންނަށް ގޯތި ދޫކުރާނެ ކަމަށް މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން ސ. ފޭދޫން އަހުމަދު އަދްޝަން

އައްޑޫގައި ބިން ހިއްކުމުގެ ބޮޑު މަޝްރޫއެއް ފަށަން ނިންމާފައިވާތީ، އެ މަސައްކަތް ނިމުމުން ކުރިއެކޭ އެއްގޮތަށް އާންމުންނަށް ގޯތި ދޫކުރާނެ ކަމަށް މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ، ގޯތި ދޭނެ ބިމުގެ ދަތިކަން މި ވަގުތު އައްޑު އަށް ވަރަށް ބޮޑު ކަމަށާއި ބޯހިޔާވަހި ކަމަށް ހާއްސަ ކޮށްގެން ކުރިން ބިން ދޫކުރަމުން އައި ގޮތަށް ބިން ދޫކުރުމަކީ މިހާރަށް ބަލާއިރު ކުރަން ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ނިޒާރު ދެކެވަޑައިގަންނަވާ ގޮތުގައި، އެއީ ދާއިމީ ހައްލެއް ވެސް ނޫނެވެ.

"އެކަމަކު ބިން ހިއްކަން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއަށް ފަހު އައްޑޫން އަލުން ގޯތި ދޫކުރުމަކީ އަހަރެމެން ކުރާނެ ކަމެއް،" މޭޔަރު ވިދާޅުވި އެވެ.

އައްޑޫގެ ހަތަރު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. މި މަޝްރޫއުގެ ދަށުން އައްޑޫންް ގާތްގަނޑަކަށް 230 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެކަމަކު، އެ މަސައްކަތް އަދި ބަޔަކާ ހަވާލު ނުކުރާތީ އެ ކަމަށް ނަގާނެ ދުވަހެއް ނޭނގެ އެވެ.

އައްޑޫގައި އެންމެ ފަހުން ބިން ހިއްކާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޭދޫންނެވެ. އެކަމަކު ފޭދޫ ވަށައިގެން ހިއްކި ބިމުން ބޯހިޔާވަހިކަމަށް ބިން ދޫކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން އާންމުންގެ ޝަކުވާތަކެއް ހުރި އިރު، ފޭދޫ ހިއްކި ބިމުން ލޯކަލް ޓޫރިޒަމަށް ބިން ދޫކޮށްފައިވެ އެވެ.

ކައުންސިލުން ދާފި ފަހުން ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ކުރިއަށް ގެންދަން ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާއި ޗައިނާގެ ބީޔޫސީއެންޖީއާއެކު ވެސް އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ.

މިހާރު ގޯތި ލިބި، ގެ ނުހެދި ތިބި މީހުންނަށް ހެޔޮ އަގުތަކެއްގައި ގެ ހެދުމުގެ ފުރުސަތު ޗައިނާގެ ކުންފުނީގެ އެހީތެރިކަމާއެކު ލިބޭނެ އެވެ. ތުރުކީގެ ކުންފުނީގެ މަޝްރޫއުގެ ސަބަބުން، ފްލެޓް އުސޫލުން ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބޭނެ އެވެ.

"އެ ދެ ކުންފުންޏާ ގުޅިގެން ހިންގާ މަޝްރޫއުތަކުގެ ސަބަބުން އައްޑޫގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ބޮޑު ހައްލެއް އަންނާނެ،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫން ބިން ހިއްކައިގެން ގޯތި ދޫކުރަން ނިންމާފައިވާއިރު، އެންމެ ފަހުން ގޯތިދޫކުރަން އިއުލާންކުރީ 2019 ގަ އެވެ. އޭރު ކައުންސިލުން އިއުލާންކުރީ އައްޑޫގެ ވަކިން އޮންނަ ހުޅުދު އާއި މީދޫން ކޮންމެ އަވަށަކުން 2،000 އަކަފޫޓްގެ 50 ގޯތި ދޫކުރުމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޭދޫގެ ދެ ދިމާއެއްގައި 25 ހައުސިން ޔުނިޓް އެޅި އެވެ. އަދި ޔާމީންގެ ވެރިކަމުގައި ހިތަދޫގައި 264 އަދި ހުޅުމީދޫގައި 48 ފްލެޓް އިމާރާތްކުރި އެވެ.