Roadha Mihaaru
ސްޓާލިންކަށް އިންޑިއާއިން އަދި ހުއްދައެއް ނުދޭ

ސްޓާލިންކަށް އިންޑިއާ އިން ހުއްދަ ނުދޭތީ ޕްރީ-އޯޑަރު ހުއްޓާލަން އަންގައިފި

29 ނޮވެމްބަރ 2021

މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސްގެ އިންޓަނެޓް ވިއުގަ، ސްޓާލިންކްގެ ހިދުމަތް އިންޑިއާގައި ދޭން މިހާތަނަށް ރަސްމީކޮށް އަދި ހުއްދަ ދީފައި ނުވާ ކަމަށާއި އެހެންވެ އެ ގައުމުގެ ރައްޔިތުން އެއަށް ޕްރީ-އޯޑަރު ނުދިނުމަށް ސަރުކާރުން އަންގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސްގެ އިންޓަނެޓް ވިއުގަ، ސްޓާލިންކްގެ ހިދުމަތް އިންޑިއާގައި ދޭން މިހާތަނަށް ރަސްމީކޮށް އަދި ހުއްދަ ދީފައި ނުވާ ކަމަށާއި އެހެންވެ އެ ގައުމުގެ ރައްޔިތުން އެއަށް ޕްރީ-އޯޑަރު ނުދިނުމަށް ސަރުކާރުން އަންގައިފި އެވެ.

މިދިޔަ އަހަރުން ފެށިގެން ދުނިޔޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ދެމުން އަންނަ ސްޓާލިންކުން ޕްރީ-އޯޑަރަށް ހުޅުވައިލީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އިންޑިއާގައި ހިދުމަތް ދޭން ސްޓާލިންކަށް އަދި ހުއްދަ ދީފައި ނުވާ ކަމަށް ބުނެފައިވާ އިިރު، އެ ގައުމުގައި އޭގެ ބީޓާ ޓެސްޓިން އެޕްރީލް މަހުގެ ތެރޭގައި ފެށި ކަމަށް ބުނެ ޑިޕާޓްމަންޓް އޮފް ޓެލެކޮމިއުނިކޭޝަން (ޑީއޯޓީ) އަށް ވެސް ޝަކުވާތަކެއް ހުށަހަޅާފައިވެ އެވެ.

އިންޑިއާ އިން ބުނި ގޮތުގައި ސްޓާލިންކްގެ ހިދުމަތް އެ ގައުމުގައި ދޭން ފެށުމުގެ ކުރިން އެކަމަށް ރަަސްމީކޮށް ހުއްދަ ހޯދަން ޖެހޭނެ އެވެ. އެކަމަކު އަދި ހުއްދަ ދީފައި ނުވާތީ އެ ހިދުމަތަށް ޕްރީ-އޯޑަ ނުކުރަން ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށާއި ޕްރީ-އޯޑަރަށް ސްޓާލިންކާ ގުޅުން ހުރި އެއްޗެހި ނުވިއްކަން ވެސް ޑީއޯޓީ އިން އަންގާފައިވެ އެވެ.

ސްޓާލިންކުން ބުނީ އެތަނުގެ ވިޔަފާރި އަށް އިންޑިއާގައި ރަޖިސްޓްރީކުރީ މި މަހު 1 ގައި ކަމަށެވެ. އަދި އޭގެ ފަހުން މިހާތަނަށް 5،000 އަށް އަށް ވުރެ ގިނަ ޕްރީ-އޯޑަރު ލިބިފައިވެ އެވެ. ނަމަވެސް ޑީއޯޓީން އެންގި އެންގުމާ ގުޅިގެން އޯޑަރުތައް ކެންސަލްވުމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ސްޓާލިންކުން އަމާޒު ހިފާފައި އޮތީ އިންޑިއާގެ ރަށްފުށުގެ 80 ޕަސެންޓަށް އަންނަ އަހަރުގެ ތެރޭގައި ހިދުމަތް ދިނުމެވެ. އެއީ 200،000 ޑިވައިސްއާ އެކީގަ އެވެ.

ސްޓާލިންކްގެ ހިދުމަތް 20 ގައުމަކަށް ލިބޭ އިރު، ބީޓާ ޔޫޒަރުންގެ އަދަދު މިހާރު 140،000 އަށް އަރާ ކަމަށް ބުނެ އެވެ. އީލޮން ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރުގެ ތެރޭގައި ސްޓާލިންކްގެ ކަސްޓަމަރުންގެ އަދަދު 500،000 އަށް ވުރެ ގިނަ ވާނެ އެވެ.