Roadha Mihaaru
ސްޓާލިންކްގެ އިންޓަނެޓް އަންނަ މަހު މުޅި ދުނިޔެ އަށް

ސްޓާލިންކްގެ އިންޓަނެޓް އަންނަ މަހު މުޅި ދުނިޔެ އަށް

01 ޖުލައި 2021

އިންޓަނެޓްގެ ހިދުމަތަށް އިންގިލާބެއް ގެންނަން މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އިން ކުރިއަށް ގެންދާ އިންޓަނެޓް ވިއުގަ މަޝްރޫއު، ސްޓާލިންކްގެ ހިދުމަތް އަންނަ މަހުގެ ތެރޭގައި މުޅި ދުނިޔެ އަށް ލިބެން ފަށާނެ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޓަނެޓްގެ ހިދުމަތަށް އިންގިލާބެއް ގެންނަން މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އިން ކުރިއަށް ގެންދާ އިންޓަނެޓް ވިއުގަ މަޝްރޫއު، ސްޓާލިންކްގެ ހިދުމަތް އަންނަ މަހުގެ ތެރޭގައި މުޅި ދުނިޔެ އަށް ލިބެން ފަށާނެ ކަމަށް ބުނެފި އެވެ.

މި ހަފުތާގައި ސްޕެއިންގެ ބާސެލޯނާއި ކުރިއަށް ގެންދިޔަ މޯބައިލް ވޯލްޑް ކޮންގްރެސްގައި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން ވިދާޅުވި ގޮތުގައި ސްޓާލިންކް ތަރައްގީވަމުން އައިސް މިހާރު އޮތީ ދުނިޔޭގެ ދެ ތަނޑި ނޫން އެހެން ހުރިހާ ތަނަކަށް އިންޓަނެޓްގެ ހިދުމަތް ދެވޭ ވަރަށް ފައްކާވެފަ އެވެ. އެހެންވެ އަންނަ މަހުގެ ތެރޭގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް އެ ވިއުގަ ލިބެން ފަށާނެ ކަމަށް ވިދާޅުވި އެވެ.

ސްޓާލިންކްގެ ހިދުމަތް އެންމެ ފުރަތަމަ ލިބެން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު އެމެރިކާއަށެވެ. އޭގެ ފަހުން މިހާރު 12 ވަރަކަށް ގައުމަށް ލިބެމުން އަންނަ އިރު، ހިދުމަތުގެ ޕްރީ-އޯޑަރަށް ސްޓާލިންކުން ހުޅުވައިލީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ކުންފުނީގެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އެ ހިދުމަތަށް އޯޑަރުކުރެވޭނެ އެވެ. އެކަމަށް ބޭނުންވާ އީމެއިލް އެޑްރެސް އާއި އެޑްރެސް ޖެހުމުން އެ މީހަކު ބޭނުންވާ ތަނަކަށް އިންޓަނެޓް ހިދުމަތް ލިބޭ ނަމަ އެކަން އެނގޭނެ އެވެ. ހިދުމަތުގެ ޕްރީ-އޯޑަރަށް 99 ޑޮލަރުގެ ޑިޕޮސިޓެއް ދައްކަންޖެހޭނެ އެވެ. އަދި ހާޑްވެއާ އަށް 499 ޑޮލަރާއި ޝިޕިން އަށް 50 ޑޮލަރު ދައްކަން ޖެހޭނެ އެވެ.

ސްޕޭސްއެކްސް އިން ބުނެފައިވާ ގޮތުގައި މި އަހަރުތެރޭ ސިކުންތަކު 300 މެގަބިޓް ސްޕީޑުގައި އިންޓަނެޓް ލިބޭނެ ގޮތް ވެސް ހަދާނެ އެވެ. ސްޓާލިންކުން މިހާރު ކަނޑައަޅާއި އޮތް ސްޕީޑަކީ ސިކުންތަކު 50-150 މެގަބިޓެވެ. އެ އަދަދު 300 މެގަބިޓަށް ބަދަލުވުމަކީ ސްޕީޑް ދެ ގުނަ އަވަސްވުމެވެ. ހަމަމިއާ އެކު މި އަހަރު ނިމުމުގެ ކުރިން ލޭޓެންސީ 20 މިލިސިކުންތަށް ދަށްވާނެ ކަމަށް ވެސް އީލޮން ވިދާޅުވި އެވެ. މިހާރު އެވްރެޖް ލޭޓެންސީ އުޅެނީ 20-40 މިލިސިކުންތާ ދޭތެރޭގަ އެވެ.

އީލޮން ވިދާޅުވެފައިވާ ގޮތުގައި ސްޓާލިންކްގެ ކަސްޓަމަރުންގެ އަދަދު މިހާރު ވަނީ 69،420 އަށް ވުރެ މަތީގަ އެވެ. އަދި ކުރިއަށް 12 މަސް ދުވަހުގެ ތެރޭގައި އަދަދު 500،000 އަށް އަރާނެކަމުގެ އުންމީދު ބޮޑު ކަމަށް ވިދާޅުވި އެވެ.

ސްޓާލިންކަކީ ޖައްވުގެ ތެރެއަށް ސެޓެލައިޓް ފައުޖެއް ފޮނުވައިގެން ބިނާކުރަމުން އަންނަ ވިއުގައެކެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް ސްޕޭސް އެކްސް އިން 1،800 ސެޓެލައިޓް ލޯންޗްކޮށްފައިވެ އެވެ. އަދި 2026 އާ ހަމައަށް އަންނަ އިރު ސެޓްލައިޓްތަކުގެ އަދަދު 12،000 އަށް އަރާނެ އެވެ.