Roadha Mihaaru
ސްޓާލިންކްގެ އިންޓަނެޓް ފިލިޕީންސަށް ދެނީ

ސްޓާލިންކްގެ އިންޓަނެޓް ލިބޭ އޭޝިއާގެ ފުރަތަމަ ގައުމަކަށް ފިލިޕީންސް

24 މާޗް 2021

އިންޓަނެޓް ހިދުމަތުގެ ފެންވަރު ދުނިޔޭގައި އެންމެ ދަށް އެއް ގައުމު ކަމަށްވާ ފިލިޕީންސްގައި ސްޓާލިންކްގެ އިންޓަނެޓްގެ ހިދުމަތް ފަށަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޓަނެޓް ހިދުމަތުގެ ފެންވަރު ދުނިޔޭގައި އެންމެ ދަށް އެއް ގައުމު ކަމަށްވާ ފިލިޕީންސްގައި ސްޓާލިންކްގެ އިންޓަނެޓްގެ ހިދުމަތް ފަށަން ނިންމައިފި އެވެ.

އެހެންވެ އެ ގައުމު ވާނީ ސްޓާލިންކްގެ ހިދުމަތް ދޭން ފަށާ އޭޝިއާގެ ފުރަތަމަ ގައުމަށެވެ.

ސްޓާލިންކް މަޝްރޫއު ކުރިއަށް ގެންދާ މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އިން ބުނީ ވަރަށް އަވަހަށް ހިދުމަތް ލޯންޗްކުރުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު ސްޓާލިންކްގެ ވިއުގައާ އެކު ފިލިޕީންސްގެ އިންޓަނެޓްގެ ހިދުމަތަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ސްޕޭސް އެކްސް އާއި ފިލިޕީންސަށް އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނި ކަވަރޭޖް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސޮލިއުޝަންސް (ކަވަރޭޓް އައިޓީސީ) އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.

"މަޝްވަރާތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ،" ކަވަރޭޓް އައިޓީސީގެ ސީއީއޯ ޑެނިސް އެންތަނީ ޔީ ވިދާޅުވި އެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ގައުމެއް ކަމަށްވާ ފިލިޕީންސް މި ވަގުތު ހިމެނެނީ ފިކްސްޑް ބްރޯޑްބޭންޑްގެ ސްޕީޑް ރޭންކްގެ 92 ވަނައިގަ އެވެ. އަދި މޮބައިލް އިންޓަނެޓް ސްޕީޑް ރޭންކްގެ 83 ވަނައިގަ އެވެ.

ސްޕީޑްޓެސްޓް ގްލޯބަލް އިންޑެކްސްގައިވާ ގޮތުން ފިލިޕީންސްގައި މިހާރު ޑައުންލޯޑް ސްޕީޑް އުޅެނީ ސިކުންތަކު 26-38 މެގަބިޓާ ދޭތެރޭގަ އެވެ.

އިންޓަނެޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން އެ ގައުމަށް ސްޓާލިންކް ވިއުގަ ލޯންޗްކުރަން ނިންމާފައި މި ވަނީ މިދިޔަ އަހަރު އެމެރިކާ އާއި އާއި ކެނެޑާއި އިނގިރޭސިވިލާއި ޖަރުމަން އަދި ނިއު ޒީލެންޑްގެ ބައެއް ސަރަހައްދުތަކަށް ހިދުމަތް ތައާރަފުކޮށް، ދާދި ފަހުން އިތުރު ބައެއް ގައުމުތަކަށް ޕްރި-އޯޑަރަށް ވެސް ހުޅުވާލުމަށް ފަހުގަ އެވެ. އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން ސްޓާލިންކްގެ ވިއުގަ މުޅި ދުނިޔެ އަށް ފުޅާކުރުމެވެ.

ސްޓާލިންކުން މިހާރު ކަނޑައަޅާއި އޮތް ސްޕީޑަކީ ސިކުންތަކު 50-150 މެގަބިޓެވެ. އަދި މި އަހަރުތެރޭ ސިކުންތަކު 300 މެގަބިޓް ސްޕީޑުގައި އިންޓަނެޓް ލިބޭނެ ގޮތް ހަދާނެ ކަމަށް މިދިޔަ މަހު އިއުލާންކޮށްފައިވެ އެވެ. މިއާ އެކު މި އަހަރު ނިމުމުގެ ކުރިން ލޭޓެންސީ 20 މިލިސިކުންތަށް ދަށްވާނެ ކަމަށާއި އެވްރެޖް ލޭޓެންސީ އުޅެނީ 20-40 މިލިސިކުންތާ ދޭތެރޭގައި ކަމަށް ސްޓާލިންކުން ބުނެ އެވެ.

ސްޓާލިންކަކީ ޖައްވަށް އެތައް ސަތޭކަ ސެޓެލައިޓް ފޮނުވައިގެން ބިނާކުރަމުން އަންނަ ވިއުގައެކެވެ.