Roadha Mihaaru
ކައުންސިލްގެ ގިނަ މަސައްކަތްތައް މި އަހަރު ނިމޭނެ

މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ ގިނަ މަސައްކަތްތަކެއް މި އަހަރު ނިމޭނެ ކަމަށް

02 މާޗް 2023

މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ ގިނަ މަސައްކަތްތައް މި އަހަރު ނިމެނޭ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ ގިނަ މަސައްކަތްތައް މި އަހަރު ނިމެނޭ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ މީހުންނާ ބައްދަލުކުރުމަށް މާލޭ ސިޓީ ކައުންސިލުން އާޓިފިޝަލް ބީޗުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވަނީ މިދިޔަ އެއް އަހަރު ދުވަހު އެ ކައުންސިލުން ކުރި މަސައްކަތްތަކުގެ ރިޕޯޓް އިއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ވަރަށް ގިނަ ގޮންޖެހުންތަކާއެކު ވެސް ކައުންސިލުން މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

އޭނާ ވިދާޅުވީ، މިހާރު މާލޭގައި އެންމެ ބޮޑުވެފައިވާ މައްސަލައަކީ ގެދޮރާއި ބިމުގެ ދަތިކަން ކަމަށެވެ. އެ މައްސަލަ ހައްލުކުރެވޭނެ ގޮތް ސިޓީ ކައުންސިލަށް އެނގޭ ކަމަށް ވިދާޅުވި އެވެ. އެއީ ގުޅިފަޅުން 280 ހެކްޓަރުގެ ބިން ހިއްކުމާއި ފުށިދިއްގަރު ފަޅުން 900 ހެކްޓަރުގެ ބިމާ އަދި ގިރާވަރު ފަޅުން 200 ހެކްޓަރުގެ ބިން ހިއްކުން ކަމަށް މޭޔަރު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުން -- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުން -- ފޮޓޯ: ނިޝާން އަލީ | މިހާރު

"މި ބިންތައް ހިއްކައި ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ މީހުންނަށް ދޭންވީ. ގޯތި ބޭނުންވާ މީހުންނަށް ގޯތި، ފްލެޓް ބޭނުންވާ މީހުންނަށް ފްލެޓް،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންނަށް ބުރަ ކަމެއް ނާންނާނެ ލުއި އަގުގައި، ހައުސިން ލޯން ސްކީމަތައް އެމްއެމްއޭ އިން ރެގިއުލޭޓްކޮށްގެން، ބޭންކުތަކުން ލިބޭނެ ގޮތް ހަމަޖައްސައި، ހައުސިން ސަބްސިޑީ ސްކީމް ތައާރަފުކުރުމުން މި މައްސަލަ ހައްލުވާނެ ކަމަށް މުއިއްޒު ދެކެވަޑައިގަންނަވަ އެވެ.

ހަތް މަސް ދުވަހުގެ ތެރޭގައި ނިންމަން ކަމަށް ބުނެ ފެށި އަމީނީ މަގުގެ މަސައްކަތް ހަ މަސް ވީއިރު، އަދި ތާރު އެޅިފައި އޮތީ މުސައްލައެއްހާ ތަންކޮޅެއްގައި: މޭޔަރު މުއިއްޒު

މާލެ ދެން ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަގުތަކުގެ މައްސަލަ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ވިދާޅުވީ އެ މައްސަލަ ހައްލުކުރަން ސިޓީ ކައުންސިލުން ދިރާސާއެއް ވެސް ކުރި ކަމަށެވެ. އަމީނީ މަގުގައި ތާރު އަޅަން 39 މިލިއަން ރުފިޔާ އަށް ސިޓީ ކައުންސިލާ ހަވާލުކުރުމުން، އެ މަސައްކަތް ހުއްޓުވައި، އެ އަށް ވުރެ ބޮޑު އަގެއްގައި، 84 މިލިއަން ރުފިޔާ އަށް އެ މަސައްކަތް ސަރުކާރުން އެމްއާރުޑީސީއާ ހަވާލުކުރުމުން މިރޭ ވެސް މުއިއްޒު އެކަމަށް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުން -- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުން -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ހަތް މަސް ދުވަހުގެ ތެރޭގައި ނިންމަން ކަމަށް ބުނެ ފެށި އަމީނީ މަގުގެ މަސައްކަތް ހަ މަސް ވީއިރު، އަދި ތާރު އެޅިފައި އޮތީ މުސައްލައެއްހާ ތަންކޮޅެއްގައި،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ދެއްވި ތާރީހުތައް

• އެޕްރީލް މަހު 1 ގައި 60 މުވައްޒަފުން މަގުފާރަވެރިން ގޮތުގައި މާލޭގެ މަގުތައް ބަލަހައްޓަން ނުކުންނާނެ.

• މި މަހުގެ 9 ގައި ވިލިމާލޭގައި ބަގީގެ ހިދުމަތް ފަށާނެ.

• އީދަށް ފަހު ލޯކަލް މާރުކޭޓް ބަންދުކޮށް އެ ތަނުގައި ހަތަރު ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށާނެ.

• ވިލިމާލޭގައި ޕިކްނިކް ސަރަހައްދަކާއި ފުޓްލަސް ދަނޑާއި ކުޑަކުދިންގެ ޕާކު ހެދުމުގެ މަސައްކަތް ނިމޭނެ.

މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި އެސްޖީ މުޖުތަބާ ޖަލީލް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ސަރުކާރުން ހުރަސް ނާޅައިފި ނަމަ މި އަހަރު ޑިސެމްބަރުގައި މި މަސައްކަތް [ލޯކަލް މާރުކޭޓްގެ އިމާރާތުގެ މަސައްކަތް] ނިންމައި ހުޅުވާނަން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ އިމާރާތުގައި ލޯކަލް މާރުކޭޓަކާއި މަސް މާރުކޭޓަކާއި ދަތުރުވެރިންގެ މާރުކޭޓެއް ހުުންނާނެ އެވެ.

މިރޭގެ ބައްދަލުވުމުގައި މުއިއްޒު ވަނީ މާލޭ ރައްޔިތުންގެ ހުރި އެކި ކަންބޮޑުވުންތައް އައްސަވައި، ސުވާލުތަކަށް ޖަވާބު ދެއްވައިފަ އެވެ. ކޮންމެ ހަ މަހަކުން ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ މަޝްވަރާ ހޯދުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލާޒިމް ކަމެކެވެ. މާލޭ ސިޓީ ކައުންސިލުން ވަނީ މިދިޔަ އަހަރު މާލޭގެ އެކި އަވަށުގެ ރައްޔިތުންނާ ވަކިންވަކިން ވެސް ބައްދަލުކޮށް، ކަންބޮޑުވުންތައް އަޑުއަހައިފަ އެވެ.