Roadha Mihaaru

ޔާމީންގެ ސިޔާސީ ކުރިމަގާ ގުޅިފައިވާ ހުކުމުގެ އިންތިޒާރުގައި އެންމެން

30 ނޮވެމްބަރ 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ޝަރީއަތް ނިންމައި ހުކުމް އިއްވުމުގެ މަޖިލިސް ފަށައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ޝަރީއަތް ނިންމައި ހުކުމް އިއްވުމުގެ މަޖިލިސް ފަށައިފި އެވެ.

މިއީ ޔާމީންގެ ސިޔާސީ ކުރިމަގާ ވަރަށް ބޮޑަށް ގުޅިފައިވާ ހުކުމެކެވެ. ދަށު ކޯޓުން އިއްވައި ހައި ކޯޓުން ދަމަހައްޓާފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި ނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ޔާމީނަށް ފުރުސަތު ގެއްލޭނެ އެވެ. މަނީ ލޯންޑަރިންގެ އެހެން ދައުވާތަކެއް ޔާމީންގެ މައްޗަށް އުފުލައި ޝަރީއަތް ފަށާފައި ވިޔަސް މިއަދުގެ ހުކުމް އެހެން މައްސަލަތަކަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފާނެ ކަމަށް ގާނޫނީ ބޭފުޅުން ދެކެވަޑައިގަނެ އެވެ.

އެހެންވެ މިއަދު ކޮންމެ ގޮތަކަށް ހުކުމް އައި ކަމުގައި ވިޔަސް ޔާމީންގެ ސިޔާސީ ކުރިމަގަށް ދެން އަންނާނެ ބަދަލު އަންދާޒާކޮށްލެވޭނެ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން ލިބުނު އެއް މިލިއަން ޑޮލަރު، އެ ކުންފުނީގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުންޏަށް ފޮނުވައި އެ ފައިސާ ޔާމީންގެ އެކައުންޓަކަށް ޖަމާކޮށް ލޯންޑާކުރި ކަމުގެ ކުށުގައި ޔާމީން ޖަލަށް ލުމަކީ ބޭއިންސާފެއް ކަމަށް އެ މަނިކުފާނުގެ ސަޕޯޓަރުން ދެކެ އެވެ. އެއީ އެ ޚިޔާނާތުގައި އެތައް ބަޔަކު ބައިވެރިވެފައި ވާއިރު ހަމައެކަނި ޔާމީނަށް ހުކުމް އައިސްފައި ވާތީ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވަން ކޯޓަށް ގެންދާއިރު ގޭދޮށަށް އެއްވެފައިވާ ސަޕޯޓަރުން ކޮންޓްރޯލްކުރަން ފުލުހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވަން ކޯޓަށް ގެންދާއިރު ގޭދޮށަށް އެއްވެފައިވާ ސަޕޯޓަރުން ކޮންޓްރޯލްކުރަން ފުލުހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

މިއަދުގެ ހުކުމުގެ އިންތިޒާރުގައި އެތައް ބަޔަކު ތިބި އިރު ޔާމީންގެ ސަޕޯޓަރުން މިއަދަށް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. ޔާމީން މިނިވަންވާނެ ކަމުގެ އުންމީދުގައި އެ މަނިކުފާނުގެ އެތައް ސަޕޯޓަރުންނެއް އެބަ ތިއްބެވެ. ސަޕޯޓަރުން މިހާރު ވެސް ދަނީ މަގުމައްޗަށް އެއްވެ ޔާމީން މިނިވަންކުރުމަށް ގޮވާލައި އަޑު އުފުލަމުންނެވެ.

ޔާމީން ސުޕްރީމް ކޯޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ވަގުތުގެ މާކުރިން ސަޕޯޓަރުން ވަނީ އެ މަނިކުފާނުގެ ގޭދޮށަށް އެއްވެފަ އެވެ. ގޭބަންދުގައި ހުންނެވި ޔާމީން ވަނީ ސަޕޯޓަރުންނަށް ފެންނަ ހިސާބަށް ނުކުމެވަޑައިގެން ހިތްވަރު ދެއްވައިފަ އެވެ.

ސުޕްރީމް ކޯޓުގައި ޔާމީންގެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރާއި ޑރ. މުހައްމަދު އިބްރާހިމް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.