Roadha Mihaaru
ފަސް އަހަރުގެ ހުކުމުން ޔާމީން ސަލާމަތް ވެއްޖެ

ފަސް އަހަރުގެ ޖަލު ހުކުމުން ޔާމީން ސަލާމަތް ވެއްޖެ

30 ނޮވެމްބަރ 2021

މަނީ ލޯންޑާ ކުރިކަން ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މަނީ ލޯންޑާ ކުރިކަން ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ވަކި މުދަލަކީ ނުވަތަ ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ޝައްކުކުރެވޭ ހާލަތުގައި ވެސް އެ ފައިސާ އަތުގައި ބެހެއްޓުމަކީ މަނީ ލޯންޑަރިން ކަމަށް، މަނީ ލޯންޑަރިންގެ ގާނޫނާ ހަވާލާދީ ދައުލަތުން ބުނެ އެވެ. ޔާމީންގެ މައްޗަށް ދައުވާކުރީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވެ، ފަހުން އެއީ ދައުލަތުގެ ފައިސާކަން އެންގުމުން ވެސް އެ ފައިސާއިން މުއާމަލާތުކޮށް އަސްލު އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. އެ ފައިސާ ޖަމާކުރަން އޭސީސީއާ އެކު ހެދި އެސްކްރޯ އެކައުންޓަށް އެ މަނިކުފާނު ޖަމާކުރެއްވީ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ބަދަލުގައި އެހެން ގޮތަކުން ހޯއްދެވި ފައިސާ އެވެ.

ޔާމީންގެ ފަރާތުން މި މައްސަލައިގައި 100 އަށް ވުރެ ގިނަ އިސްތިއުނާފީ ނުކުތާތަކެއް ހުށަހެޅި ނަމަވެސް މި ސުޕްރީމް ކޯޓުން ގިނަ ނުކުތާތަކުގައި ނިންމީ ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށް، ޔާމީނާ ދެކޮޅަށެވެ.

ޔާމީން މިނިވަންވީ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމާ މެދު ސުވާލު އުފައްދައި ހުށަހެޅި ނުކުތާގައި އެ މަނިކުފާނާ އެއްކޮޅަށް ރައުޔު އައުމުންނެވެ. އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމާ މެދު ޝައްކު އުފެދުނީ އެ ފައިސާ އެސްއޯއެފްއަށް ޖަމާކުރި ކަމަށް ބުނާ ޗެކު ނަމްބަރުތައް ދިމާނުވާތީ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމް ބާތިލްކޮށް މިނިވަންކުރުމުން ސަޕޯޓަރުން އުފާ ފާޅުކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމް ބާތިލްކޮށް މިނިވަންކުރުމުން ސަޕޯޓަރުން އުފާ ފާޅުކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ދައުލަތުގެ ދައުވާގައި، އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ބަޔާންކޮށްފައި ވުމުން އެކަން ދައުލަތަށް ސާބިތު ކުރެވެން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

"ކަން މިހެން އޮތް އިރު މި ޝައްކުގެ އާހިރު ނަތީޖާ އަކީ އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމާ މެދު ސުވާލު އުފެދުން. މި ސުވާލަށް މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުންނާއި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އަހުރެންނަށް ޖަވާބެއް ނުލިބޭ،" ހުކުމުގައިވެ އެވެ.

އިސްތިއުނާފުގެ ޝަރީއަތުގެ މައިގަނޑު އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް، މި ޗެކު ނަމްބަރުތައް ދިމާނުވާކަން ފާހަގަވެގެން ސުޕްރީމް ކޯޓުން އިތުރު އަޑުއެހުމެއް ބާއްވައި ދެ ފަރާތާ ސުވާލު ވެސް ކުރި އެވެ. މިއަދުގެ ހުކުމުގައި ފާހަގަކުރީ ދަށު ކޯޓާއި ހައި ކޯޓުގެ މަރުހަލާއިން ވެސް މައްސަލަ ނިމިގެން ސުޕްރީމް ކޯޓާ ހަމައަށް އައި އިރު އެއީ ފާހަގަކުރެވިފައި އޮންނަންޖެހޭނެ ކަމަށެވެ.

ޔާމީނަށް ޖަމާވި ފައިސާ އަކީ ކުށްކޮށްގެން ހޯދި ފައިސާ ކަމަށް ޝައްކު ކުރެވޭ ހާލަތެއް އޮތް ކަމަށް ދަށު ކޯޓާއި ހައި ކޯޓުން ހުކުމް ކުރިޔަސް، މިއަދު ސުޕްރީމް ކޯޓުން ހުކުމް ކުރީ އެއާ ހިލާފަށެވެ.

"ކުށުގެ ވާގިއާތައް ކަށަވަރުކުރުމެއް ނެތި މާލީ ބަޔާނުގައިވާ އިބާރާތާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވި ސިޓީ އާއި އޮޑިޓާ ޖެނެރަލްގެ ރިޕޯޓުތަކުން އަބްދުﷲ ޔާމީނަށް ޝައްކެއް ކުރެވޭނެ ކަމަށް ބަލައި ހެކި ވަޒަން ކުރުމަކީ މި ބާވަތުގެ މައްސަލަތަކުގައި ހެކި ވަޒަން ކުރެވޭނެ ގާނޫނީ އުސޫލާ އެއްގޮތަށް ވަޒަން ކޮށްފައިވާ ހެކިބަހެއް ކަމުގައި އަހުރެން ނުދެކެން،" މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒްގެ ރައުޔުގައި ވިދާޅުވި އެވެ.

ކަން މިހެން އޮތް އިރު މި ޝައްކުގެ އާހިރު ނަތީޖާ އަކީ އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމާ މެދު ސުވާލު އުފެދުން. މި ސުވާލަށް މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުންނާއި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އަހުރެންނަށް ޖަވާބެއް ނުލިބޭ: ފަނޑިޔާރު މަހާޒް

ޔާމީނާ ދެކޮޅަށް ހެކިބަސް ދިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކިބަހަށް ބާރު ލިބޭ ހެކިތަކެއް ހުރި ނަމަ އެ މީހުންގެ ހެކިބަހަށް ބުރަދަން ދެވޭނެ ކަމަށް ކުރިން ނިންމިޔަސް، މިއަދު ސުޕްރީމް ކޯޓުން ފާހަގަކުރީ އެ މީހުންގެ ހެކިބަހަށް ބާރު ލިބޭ ހެއްކެއް ހުކުމުގައި ފާހަގަނުކުރާ ކަމެވެ.

ކުރީގެ ރައީސް ޔާމީން މިނިވަންވުމުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އުފާފާޅުކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކުރީގެ ރައީސް ޔާމީން މިނިވަންވުމުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އުފާފާޅުކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ދަށު ކޯޓުން ހުކުމް ކުރި އިރު ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަބެއް ކަނޑައަޅައި ޖަލު އަދަބަށް ލުއި ގޮތެއް ދީފައި އޮތީ ވެސް ގޯސްކޮށް ކަމަށް މިއަދުގެ ހުކުމުގައިވެ އެވެ. ހުކުމުގައިވާ ގޮތުން އަދަބު ކަނޑައަޅާއިރު ޖެހޭނީ ޖޫރިމަނާ އާއި ޖަލު އަދަބު ވެސް އެއް މިންވަރަކުން ބޮޑުކުރަން ނުވަތަ ކުޑަކުރާށެވެ. އެހެންވެ، ޔާމީންގެ މައްސަލައިގައި އެގޮތަށް އަމަލުކޮށްފައި ނުވުމަކީ ތަފާތުކުރުން ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެކައުންޓަށް ޖަމާވި ފައިސާގެ އަސްލު ހަގީގަތް ޔާމީނަށް އެނގޭނެ ހެކިތަކެއް ޝަރީއަތަށް ހުށަހެޅިފައިހުރި ނަމަ މި މައްސަލައިގައި ރައުޔު ތަފާތުވީސް ކަމަށާއި އެފަދަ ހެކިތަކެއް ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

"އެކައުންޓަށް ޖަމާވި ފައިސާގެ އަސްލު ހަގީގަތް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެނގޭނެ ހެކިތަކެއް ޝަރީއަތަށް ހުށަހެޅިފައިހުރިނަމަ، ނުވަތަ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ބޭންކް ތަކުން އަމަލުކުރަންޖެހޭ ގަވާއިދާ އެއްގޮތަށް ބޭންކްތަކުން އަމަލުކޮށްފައިވާ އިޖުރާއަތުގެ ތެރޭގައި މާލީ އިދާރާތަކުގައި ރެކޯޑުކުރެވިފައި ހުންނާނެ ކަމަށް ގަލުކުރެވޭ މި ބުނެވުނު ޒާތުގެ ހެކި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ހުށަހެޅިފައިވީ ނަމަ، އަހުރެންގެ މި ރައުޔު ތަފާތުވީހެވެ." ހުކުމުގައިވެ އެވެ.

މި ހުކުމުގައި ވަނީ ޔާމީނަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދަން ތަހުގީގުކޮށް އެ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ނަމަ ދައުލަތަށް ނެގުމުގެ އިހްތިޔާރު އޮތް ކަމަށެވެ. އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްނަމަ، އެ ފައިސާއާއި، އެ ފައިސާއިން އިންވެސްޓްކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާނަމަ، އެ ފައިދާއެއް ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ޔާމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ މަނިކުފާނަށް އޭރު ގަބޫލު ކުރެވުނީ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ އެ މަނިކުފާނަށް ސިޔާސީ މަސައްކަތަށް އެކި ފަރާތްތަކުން ދީފައިވާ ފައިސާ ހަވާލުކުރަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގާތުގައި އެދުމުން އަދީބު ޖަމާކުރެއްވި ފައިސާ ކަމަށެވެ. އެ ފައިސާ ޖަމާކުރީ އެސްއޯއެފުންކަން އެނގިވަޑައިގަތީ މާ ފަހުން ކަމަށާއި އެސްއޯއެފްގައި އެ މަނިކުފާނު ދަންނަ މީހަކު ވެސް ނޫޅޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

މި ހުކުމާ އެކު މިވަގުތު ޔާމީން މުޅިން މިިނިވަންވި ނަމަވެސް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެހެން ދެ މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އެއީ ރ. ފުއްގިރި ދޫކުރި މުއާމަލާތާއި ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރި ދައުވާތަކެވެ. އެއިން ކޮންމެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ދައުވާއަކާއެކު ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއް ކޮށްފައިވެ އެވެ.