Roadha Mihaaru
"ޒާރާ" ގެ ވެރިޔަކަށް ކުންފުނީގެ ވެރިޔާގެ ދަރިއެއް

"ޒާރާ" ގެ ވެރިޔަކަށް ކުންފުނީގެ ވެރިޔާގެ ދަރިއަކު ހަމަޖައްސައިފި

01 ޑިސެމްބަރ 2021

ސްޕެއިންގެ މަޝްހޫރު ފެޝަން ބްރޭންޑް "ޒާރާ" ހިންގާ ކުންފުނި އިންޑިޓެކްސްގެ ޗެއާމަންގެ މަގާމަށް ކުންފުނީގެ ބާނީ އަމާންޝީއޯ އޯޓެގާގެ އަންހެން ދަރިފުޅު މާޓާ އޯޓެގާ ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޕެއިންގެ މަޝްހޫރު ފެޝަން ބްރޭންޑް "ޒާރާ" ހިންގާ ކުންފުނި އިންޑިޓެކްސްގެ ޗެއާމަންގެ މަގާމަށް ކުންފުނީގެ ބާނީ އަމާންޝީއޯ އޯޓެގާގެ އަންހެން ދަރިފުޅު މާޓާ އޯޓެގާ ހަމަޖައްސައިފި އެވެ.

އަންގާރަ ދުވަހު އޭނާ މަގާމަށް ހަމަޖެއްސި އިރު، މާޓާ ކުންފުނިގައި މަސައްކަތް ކުރާތާ މިހާރު 15 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އޭނާ އިންޑިޓެކްސްއާ އެންމެ ފުރަތަމަ ގުޅުނީ ކުންފުނީގެ އެސިސްޓަންޓެއްގެ ގޮތުގަ އެވެ.

"ޒާރާ" ގެ އިތުރުން ފެޝަން ބްރޭންޑެއްގެ ގޮތުގައި މަޝްހޫރު "މަޒިމޯ ޑުޓީ" ވެސް ހިންގާ އިންޑިޓެކްސްގެ ޗެއާމަންގެ މަގާމަށް ހަމަޖެއްސުމާ ގުޅިގެން މާޓާ ބުނީ އޭނާ އަށް އިތުބާރުކޮށްފައި ކުންފުނީގެ ބޯޑުން، އޭގެ އެންމެ އިސް މަގާމު ދިނުމަކީ ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރެެއް ކަމަށެވެ.

"އަހަރެން އުފަންވެ އުޅެވި ބޮޑުވީ މި ކުންފުނީގެ މަަސައްކަތް ވަރަށް ގާތުން ފެނި މިކަމުގެ ތެރޭގައި. ފާއިތުވި ފަނަރަ އަހަރުގެ ތެރޭގައި ކުންފުންޏާ އެކު މަސައްކަތްކުރި ޕްރޮފެޝަނަލުންގެ މަސައްކަތްތައް ވަރަށް ގާތުން ތަޖުރިބާކުރަން ފުރުސަތު ވެސް ލިބުނު މީހެއް އަހަންނަކީ،" މާޓާ، 37، ބުންޏެވެ. "އަހަންނަށް އިތުބާރު ކޮށްފައި ބޮޑު ޒިންމާއެއް ދިނުމަކީ ޝަރަފެއް."

އޭނާ ބުނި ގޮތުގައި މި ފުރުސަތަކީ އާއިލާ އަދި މައިންބަފައިންގެ ލެގަސީ ދަމަހައްޓަން ލިބުނު ރަނުގެ ފުރުސަތެކެވެ. އަދި އޭގެ ބޭނުން ވަރަށް ރަނގަޅަށް ހިނގާނެ އެވެ. މާޓާ އަކީ ކުންފުނީގެ ރިޓެލް ބްރޭންޑް މާކެޓްކުރަން މިހާތަނަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ މީހެކެވެ. އެގޮތުން ޒާރާގެ ޕްރީމިއަމް ކަލެކްޝަންތަކެއް ކަމަށްވާ "ޒާރާ އެސްއާރްޕީއެލްއެސް" އާއި "ޝާލޮޓް ގެއިންބޯފް ބާއި ޒާރާ" އަކީ މާޓާ ވަރަށް އިސް ރޯލެއް އަދާކުރި ކަލެކްޝަނެކެވެ.

އިންޑިޓެކްސްގެ ޗެއާމަންގެ މަގާމަށް އޭނާ އައްޔަންކުރި އިރު، 2011 އިން ފެށިގެން ކުންފުނީގެ ޗެއާމަންގެ މަގާމު އަދާކުރައްވަމުން ގެންދެވީ ޕަބްލޯ އިޒްލާ އެވެ.

ޗެއާވުމަންގެ މަގާމަށް މާޓާ ހަމަޖެއްސުމުގެ އިތުރަށް އަންގާރަ ދުވަހު ވަނީ އިންޑިޓެކްސް ޗީފް އެކްޒެޓިވްގެ މަގާމަށް ވެސް އާ މީހަކު ހަމަޖައްސައިފަ އެވެ. އެއީ މިދިޔަ މާޗް މަހު ކުންފުނީގެ ބޯޑްގެ ސެކްރެޓަރީ އާއި ޖެނެރަލް ކައުންސެލްގެ މަގާމަށް ހަމަޖެއްސި އޮސްކާ ގާޝިއާ މާސެއަރަސް އެވެ. އޭނާ އަކީ އަހަރުތަކެއް ވަންދެން ސްޕެއިންގެ ސްޓޭޓް އެޓާނީއެއްގެ މަގާމު ވެސް އަދާކޮށްފައިވާ މީހެކެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ފެޝަން ބްރޭންޑްގެ ގޮތުގައި މަޝްހޫރު "ޒާރާ" ގެ ބެލެނިވެރި ކުންފުނި އިންޑިޓެކްސް އަކީ 1975 ގައި ވުޖޫދަށް ގެނައި ކުންފުންޏެކެވެ. އޭގެ ބާނީ އަދި މާޓާގެ ބައްޕަ އަމަންޝިއޯ އަކީ މިހާރު ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރެއިން އެކެކެވެ. އޭނާގެ މިލްކިއްޔާތު 77.8 ބިލިއަން ޑޮލަރަށް އަރަ އެވެ.

އަމަންޝިއޯގެ ތިބެނީ މާޓާއާ އެކު ތިން ދަރިންނެވެ. އެއީ މާކޯސް އޯޓެގާ، 50، ގެ އިތުރުން ސަންޑްރާ އޯޓެގާ، 53، އެވެ.