Roadha Mihaaru
އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅު މާދަމާ ހަވާލުކުރާނެ

އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅު މާދަމާ ހަވާލު ކުރާނެ: ޕްލޭނިން މިނިސްޓްރީ

07 ޑިސެމްބަރ 2021

އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ވަގުތީ ގެކޮޅުގެ މަސައްކަތް ނިންމައި މާދަމާ ހަވާލު ކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ވަގުތީ ގެކޮޅުގެ މަސައްކަތް ނިންމައި މާދަމާ ހަވާލު ކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅުގެ ގޮތުގައި ދައުލަތުން ކަނޑައަޅާފައިވާ ރެހެންދި ފްލެޓްގެ އެޕާޓްމަންޓުތަކުގެ މަރާމާތުގެ މަސައްކަތް ކުރިން އޮތީ މިދިޔަ މަހު ނިންމައި ހަވާލު ކުރާ ގޮތަށެވެ. ނަމަވެސް އެ މަސައްކަތް ނުނިމި އިތުރަށް ދިގުލައިގެން ދިޔަ އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅުގައި މިހާރު ކުރިޔަށް ދަނީ އެންމެ ފަހު އިންސްޕެކްޝަންގެ މަސައްކަތް ކަމަށެވެ. އެކަން ނިންމާ މާދަމާ ސުޕްރީމް ކޯޓާ ހަވާލު ކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"މި ބަލަނީ މިއަދު ފައިނަލް އިންސްޕެކްޝަން ނިންމައި މާދަމާ އެތަން ހަވާލު ކުރެވޭތޯ،" އަކްރަމް ވިދާޅުވި އެވެ.

ދެ ބާރުގެ ވެރިންނަށް ވަގުތީ ގެކޮޅު ހަމަޖައްސައިދޭ އިރު، ދާއިމީ ގެކޮޅު އިމާރާތް ކުރުމުގެ އިދާރީ މަސައްކަތްތައް ވެސް ކުރިއަށް އެބަދެ އެވެ. އެކަމަށް ހަރަދު ކުރަން އަންނަ އަހަރުގެ ބަޖެޓުގައި 12 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

މަޖިލީހުގެ ރައީސްގެ ގެކޮޅު އިމާރާތް ކުރަނީ ސުޕްރީމް ކޯޓު ކުރިމަތީގައި އޮންނަ ދަންޑަހެލު ގޭގެެ ބިމުގަ އެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅު އިމާރާތް ކުރަނީ ކުރީގެ ސްކައުޓް އެސޯސިއޭޝަން ހިންގި އިމާރާތުގަ އެވެ.

ދައުލަތުގެ ދެ ބާރުގެ ވެރިންގެ ސެކިއުރިޓީ ވަރުގަދަކުރަން، ގާނޫނު އިސްލާހުކޮށް އުއްތަމަ ފަނޑިޔާރަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ގެކޮޅު ހަމަޖައްސައިދޭން ނިންމީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހު ދިން ޓެރަރިސްޓު ހަމަލަ އަށް ފަހު އެވެ.

އޭގެ ފަހުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިހާރު ދިރިއުޅުއްވާ ގެކޮޅަށް މީހަކު ވަދެ އެތަނުގެ ސީސީޓީވީ ކެމެރާތަކަށް ގެއްލުންދިން މައްސަލައެއް ވެސް ފެންމަތިވި އެވެ. އެއާއެކު އެމްއެންޑީއެފް އިން އެ ގޭގެ ވެސް ސެކިއުރިޓީ ވަރުގަދަ ކުރި އެވެ.