Roadha Mihaaru
އުފަންވާ ރޭޓް ދަށްވެ ރާއްޖޭގެ އާބާދީ ދެން ވާނީ މަދު

އުފަންވާ ރޭޓް ނުރައްކާ މިންވަރަކަށް ދަށަށް، އާބާދީ ދެން ވާނީ މަދު

12 ޖުލައި 2023

ރާއްޖޭގައި އުފަންވާ ރޭޓް މިހާރު ހުރީ އާބާދީ އިތުރުނުވެ ދަށަށް ދާނެ ހާލަތަށް ވެއްޓިފައި ކަމަށް ބޯހިމެނުމުގެ ރިޕޯޓުގައި ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި އުފަންވާ ރޭޓް މިހާރު ހުރީ އާބާދީ އިތުރުނުވެ ދަށަށް ދާނެ ހާލަތަށް ވެއްޓިފައި ކަމަށް ބޯހިމެނުމުގެ ރިޕޯޓުގައި ބުނެފި އެވެ.

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވަނީ، މިދިޔަ އަހަރުގެ ބޯހިމެނުމުގެ ރިޕޯޓު ނެރެފަ އެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައި އޮރް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދަރިން ހޯދާ ނިސްބަތް މާބޮޑަށް ދަށަށް ދިއުމެވެ. އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުން ދިވެހި އަންހެނަކަށް އެވްރެޖުކޮށް ލިބެނީ 1.7 ދަރިންނެވެ.

ނަމަވެސް، އެންމެ ފަހުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުގައި ދެއްކީ އެވްރެޖުކޮށް އަންހެނަކު 2.5 ދަރިން ހޯދާ ކަމަށެވެ. އޭގެ ކުރިން، 2006 ވަނަ އަހަރު 2.2 ދަރިން އަދި 2000 ވަނަ އަހަރު 2.8 ދަރިންނެވެ. އެ އަދަދު 1990 ގައި ހުރީ 6.4 ގަ އެވެ.

ދަރިން ހޯދާ އަދަދު އަހަރުން އަހަރަށް ދަށްވަމުން ދިއުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

"ރާއްޖޭގެ ދަރިމައިވުމުގެ ނިސްބަތްވަނީ 'ބިލޯ ރިޕްލޭސްމަންޓް ލެވެލް' އަށް ގޮސްފަ އެވެ." ބޯހިމެނުމުގެ ރިޕޯޓުން ދައްކަ އެވެ.

"ބިލޯ ރިޕްލޭސްމަންޓް ލެވެލް" އަކީ އުފަންވާ ރޭޓާއި މަރުވާ ރޭޓް އަޅާބަލާއިރު އާބާދީ އިތުރު ނުވެ ދަށްވާނެ ހާލަތު މެދުވެރިވުމެވެ.

ރާއްޖޭގައި އަންހެނުން އެވްރެޖުކޮށް ކައިވެނިކުރަނީ 20 އަހަރުގައި ކަމަށް ބޯހިމެނުމުގެ ހިސާބުތަކުން ދައްކަ އެވެ. ފިރިހެނުން ކައިވެނިކުރާ އެވްރެޖް އުމުރަކީ 24 އެވެ.

ރާއްޖޭގައި ދިރިއުޅޭ ދިވެހި އާބާދީގެ 69 ޕަސެންޓަކީ މީހުންނާ އިނދެގެން އުޅޭ މީހުންނެވެ. ނުވަ ޕަސެންޓް މީހުންނަކީ ވަރިވެފައިވާ މީހުންނެވެ، ދުވަހަކު ވެސް މީހަކާ ނީންނަ ދިވެހިންގެ އާބާދީގެ ނިސްބަތަކީ 19 ޕަސެންޓެވެ.

މި ޕަސެންޓުތައް ބަލާފައިވަނީ 15 އަހަރުން މަތީގެ އާބާދީއަށް ބަލައިފަ އެވެ. އެކަމަކު، ރާއްޖޭގައި ކައިވެނިކޮށްދޭ ރަސްމީ އުމުރަކީ 18 އަހަރެވެ.