Roadha Mihaaru
އިންޑިއާ އާއި މެލޭޝިއާ އިން އޮމިކްރޯން ފެނިއްޖެ

އިންޑިއާ އާއި މެލޭޝިއާ އިން އޮމިކްރޯން ވޭރިއަންޓް ފެނިއްޖެ

03 ޑިސެމްބަރ 2021

ނިއު ދިއްލީ (ޑިސެމްބަރު 3) - ކޮވިޑުގެ އާ ވޭރިއަންޓް އަދި އެންމެ ހަލުވިކޮށް ފެތުރޭނެ ކަމަށް ބެލެވޭ އޮމިކްރޯން އިންޑިއާ އާއި މެލޭޝިއާ އިން ފެނިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ޑިސެމްބަރު 3) - ކޮވިޑުގެ އާ ވޭރިއަންޓް އަދި އެންމެ ހަލުވިކޮށް ފެތުރޭނެ ކަމަށް ބެލެވޭ އޮމިކްރޯން އިންޑިއާ އާއި މެލޭޝިއާ އިން ފެނިއްޖެ އެވެ.

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުން އޮމިކްރޯން އަށް ޕޮޒިޓިވްވެފައި ވަނީ ބޭރު ގައުމަކުން ދިޔަ 66 އަހަރާއި 46 އަހަރުގެ ދެ ފިރިހެނުންނެވެ. އެ ދެ މީހުން ވެސް މިހާރު ތިބީ އޮބްޒަވޭޝަނުގަ އެވެ. ދެ މީހުންގެ ޕްރައިމަރީ އަދި ސެކަންޑަރީ ކޮންޓެކްޓް ޓްރޭސް ކުރުމަށް ފަހު ޓެސްޓްކޮށްފައިވާ ކަމަށް އިންޑިއާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

އޮމިކްރޯން އަށް ޕޮޒިޓިވްވި އުމުރުން 46 އަހަރުގެ މީހާ އަކީ ބެންގަލޫރުގައި މަސައްކަތްކުރާ ޑޮކްޓަރެކެވެ. އެ ޑޮކްޓަރާ ކޮންޓެކްޓްވި ފަސް ޕޭޝަންޓުގެ ސާމްޕަލް ނަގައި މިހާރު ވަނީ ޖެނޯމް ޓެސްޓިން އަށް ފޮނުވައިފަ އެވެ. ދެން ޕޮޒިޓިވްވީ 66 އަހަރުގެ ސައުތު އެފްރިކާގެ މީހެކެވެ. އޭނާގެ ޖެނޯމް ސީކުއެންސިން ނަތީޖާ ލިބުމުގެ ކުރިން ވަނީ އިންޑިއާ އިން ފުރައިފަ އެވެ. އެ މީހާ ބެންގަލޫރަށް ދިޔައީ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ. އެއާޕޯޓުން ޓެސްޓް ކުރުމުން އެ މީހާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ ހޮޓަލެއްގައި އޭނާ ހުރީ ކަރަންޓީނުގަ އެވެ. އަދި ޖެނޯމް ސީކުއެންސަށް ސާމްޕަލް ފޮނުވީ ދެ ދުވަސް ފަހުންނެވެ. އޭގެ ފަހުން އިންޑިއާގެ ޕްރައިވެޓް ލެބަކުން އެ މީހާ ވަނީ ޓެސްޓްކޮށް ވަނީ ނެގެޓިވް ނަތީޖާއެއް ލިބިފަ އެވެ. އެހެންވެ އޭނާ ވަނީ މިދިޔަ މަހު 27 ގައި ދުބާއީ އަށް ފުރައިފަ އެވެ. އޭނާ އެއާޕޯޓަށް ދިޔައީ ކެބެއް ނަގައިގެންނެވެ. އޮފިޝަލުން ބުނެފައި ވަނީ އެ މީހާއާ ކޮންޓެކްޓްވި 24 ޕްރައިމަރީ އަދި 240 ސެކަންޑަރީ ކޮންޓެކް ޓްރޭސްކޮށް ޓެސްޓްކޮށްފައިވާ ކަމަށެވެ. އެ އެންމެން ވެސް ވަނީ ނެގެޓިވްވެފަ އެވެ.

އޮމިކްރޯންގެ ފުރަތަމަ ކޭސް މެލޭޝިއާ އިން ފެނިފައިވާކަން ހެލްތު މިނިސްޓަރު ޚައިރީ ޖަމާލުއްދީން މިއަދު ވަނީ އިއުލާން ކުރައްވައިފަ އެވެ.

މެލޭޝިއާ އިން ޕޮޒިޓިވްވެފައި ވަނީ ސައުތު އެފްރިކާ އިން އެ ގައުމަށް ދަތުރުކުރި މީހެކެވެ. އެއީ ސިންގަޕޫރުން މިދިޔަ މަހު 19 ވަނަ ދުވަހު ދިޔަ ދަރިވަރެކެވެ. ހެލްތު މިނިސްޓަރު ވިދާޅުވީ ޕޮޒިޓިވްވި ދަރިވަރު މެލޭޝިއާ އަށް އެތެރެވެފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އޮމިކްރޯން ވޭރިއަންޓް އިއުލާން ކުރުމުގެ ކުރިން ކަމަށެވެ.

މެލޭޝިއާ އިން މިހާރު ވަނީ އޮމިކްރޯން އުޅޭ ގައުމުތަކުން މީހުން އެތެރެވުން މަނާކޮށްފަ އެވެ.