Roadha Mihaaru
މެލޭޝިއާގައި މީހަކު ވަޅުގަނޑަކަށް ވެއްޓި ގެއްލިއްޖެ

މެލޭޝިއާގައި އިންޑިއާ މީހަކު "ސިންކްހޯލް" އަކަށް ވެއްޓި ގެއްލިއްޖެ

24 އޯގަސްޓް 2024

މެލޭޝިއާގެ ކުއާލަ ލަމްޕޫރުގެ މަގެއްގައި އިއްޔެ ވެލިގަނޑު އަޑިއަށްގޮސް ކުއްލިއަކަށް އުފެދުނު "ސިންކްހޯލް" އެއްގެ ތެރެއަށް ވެއްޓުނު މީހަކު ގެއްލިއްޖެ އެވެ.

މެލޭޝިއާގެ ކުއާލަ ލަމްޕޫރުގެ މަގެއްގައި އިއްޔެ ވެލިގަނޑު އަޑިއަށްގޮސް ކުއްލިއަކަށް އުފެދުނު "ސިންކްހޯލް" އެއްގެ ތެރެއަށް ވެއްޓުނު މީހަކު ގެއްލިއްޖެ އެވެ.

"މަސްޖިދު އިންޑިއާ" ކައިރިން ޕޭވްމަންޓުން ހިނގާފައި ދަނިކޮށް ކުއްލިއަކަށް ވަޅުގަނޑު ތެރެއަށް ވެއްޓުނީ އުމުރުން 48 އަހަރުގެ އިންޑިއާ އަންހެނެކެވެ.

ފައިދަށުން ބިންގަނޑު އަޑިއަށްގޮސް އުފެދުނު އަށް މީޓަރުގެ ފުން ވަޅުގަނޑަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތަށް 24 ގަޑިއިރު ވީއިރު ވެސް އަދި ނުފެނެ އެވެ.

ކުއާލަ ލަމްޕޫރުގެ ފުލުހުންގެ ވެރިޔާ ރުސްދީ މުހައްމަދު އީސާ ވިދާޅުވި ގޮތުގައި ވަޅުގަނޑަށް ވެއްޓުނު މީހާ ބިމު އަޑީގެ ފެނުގެ ނެޓްވޯކްގެ ބާރުގަދަ އޮއިވަރުގައި ޖެހި ދަމައިގަތީ ކަމަށް ބެލެވެ އެވެ.

"އަޅުގަނޑަށް މައުލޫމާތު ދީފައިވަނީ އެތަނުގައި [މަގުގެ] އަޑިން ނިމޭ ހިސާބަށް ދަންދެން ވެސް ގަދައަށް ފެން ދައުރުވަމުންދާ ކަމަށް. އެތަނުގެ ނިމޭ ހިސާބަށް ދަންދެން މިހާރު ބަލައިފިން. އެކަމަކު އެ މީހާއެއް ނުފެނުނު،" އީސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިމު އަޑިން ފެނާއި ގޭސް ފަދަ އެކި ހޮޅިތައް އަޅާފައި ހުންނާތީ، އެ ނެޓްވޯކަށް ގެއްލުމެއް ނުދީ މަސައްކަތްކުރުން ވެސް އުނދަގޫ ކަމަކަށް ވެފައިވާ ކަމަށެވެ. ގެއްލުނު މީހާ ހޯދުމުގެ މަސައްކަތަށް ބައެއް ހޮޅިތައް ބަންދުކޮށްފި ނަމަ ބައެއް ހިސާބުތަކުގައި ފެން ބޮޑުވުން ވެސް އެކަށީގެންވާ ކަމަށް ފުލުހުންގެ ވެރިޔާ ވިދާޅުވި އެވެ.

ގެއްލުނު މީހާ އަކީ އާއިލާއާ އެކު މެލޭޝިއާއަށް ޗުއްޓީއަކަށް ގޮސް އުޅުނު މީހެކެވެ. އެ މީހުން ދެ މަހެއްހާ ދުވަހު މެލޭޝިއާގައި ތިބުމަށް ފަހު އޮތީ ފުރަން ތައްޔާރުވެފަ އެވެ.

ފުލުހުން ބުނީ އެ މީހާ ސަލާމަތުން ފެންނާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މިއީ މެލޭޝިއާގައި ދުވަހަކު ވެސް ހިނގި ބާވަތުގެ ހާދިސާއެއް ނޫނެވެ. އަދި މިއީ މެލޭޝިއާގެ މަގުތަކުގެ ރައްކާތެރިކަން ކުޑަވެގެން ހިނގި ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.