Roadha Mihaaru
އެމްއައިޓީޑީސީ: ކަމެއްނެތި 3 އަހަރު، އާމްދަނީ ސުމެއް

އެމްއައިޓީޑީސީ: ކަމެއް ނެތި ތިން އަހަރު، އާމްދަނީ ސުމެއް!

25 ޖުލައި 2019

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުފައްދާފައި ވަނީ 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އެ ސަރުކާރުން މި ކުންފުނި އުފެއްދީ މެދުފަންތީގެ ޓޫރިޒަމް ތަރައްގީކޮށް، ޓޫރިޒަމްގެ ތަފާތު ޕްރޮޑަކްޓްތަކެއް ޕްރޮމޯޓް ކުރުމުގެ މަގްސަދުގަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތަށް ފަހު ކުރީ ސަރުކާރުން އުފެއްދި މި ކުންފުނި ފެށީ ބޮޑެތި ޕްރޮޖެކްޓްތަކަކާ އެކު އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް މި ކުންފުންޏަކީ ރައްޔިތުންނަށް ފައިދާއެއް ކުރި، ނުވަތަ ނަތީޖާއެއް ނެރެވުނު ކުންފުންޏަކަށް ނުވި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުފައްދާފައި ވަނީ 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އެ ސަރުކާރުން މި ކުންފުނި އުފެއްދީ މެދުފަންތީގެ ޓޫރިޒަމް ތަރައްގީކޮށް، ޓޫރިޒަމްގެ ތަފާތު ޕްރޮޑަކްޓްތަކެއް ޕްރޮމޯޓް ކުރުމުގެ މަގްސަދުގަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތަށް ފަހު ކުރީ ސަރުކާރުން އުފެއްދި މި ކުންފުނި ފެށީ ބޮޑެތި ޕްރޮޖެކްޓްތަކަކާ އެކު އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް މި ކުންފުންޏަކީ ރައްޔިތުންނަށް ފައިދާއެއް ކުރި، ނުވަތަ ނަތީޖާއެއް ނެރެވުނު ކުންފުންޏަކަށް ނުވި އެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ވެސް އެ ކުންފުންޏަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ވެސް ލިބުނު އާމްދަނީއެއް ނެތެވެ. މަސައްކަތްތަކެއް ޕްލޭން ކުރި ނަމަވެސް އެކަންކަން ވެސް މިހާރު ހުރީ ހުއްޓިފަ އެވެ. އެ ކުންފުނިން ފެށި ލ. ބަރެސްދު އާއި ކާށިދޫގެ ބޮޑު ސަރަހައްދެއްގައި ޓޫރިސްޓުންނަށް ހާއްސަ ވިލެޖެއް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަކަށް ނުދެ އެވެ.

ކުންފުންޏަށް އާމްދަނީއެއް ނުލިބުނު ނަމަވެސް އެ ކުންފުނީގެ އިދާރީ ކަންކަމަށާއި މުވައްޒަފުންގެ މުސާރަ އަށް ބޮޑު ހޭދައެއްކުރަން ޖެހެ އެވެ. އެސްއޯއީތަކާ ގުޅޭ ގޮތުން ނެރެފައިވާ ކުއާޓާލީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ކުންފުންޏަށް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ދިޔުމަށް ބޭނުންވާ އާމްދަނީއެއް ނުލިބެ އެވެ.

އެކަމަކު އާމްދަނީ ސުމެއްގައި އޮވެ ކުންފުނި ހިންގަމުން ދިޔަޔަސް ޕްލޭންކޮށްފައިވާ ޕްރޮޖެކްޓްތައް ފެށުމުން ފައިދާވާނެ ކަމަށް އެ ކުންފުނިން ފޯކަސްޓް ކުރެ އެވެ. އެހެން ނަމަވެސް ހުރި ޕްރޮޖެކްޓްތައް ހިންގުމަށް ވެސް އެ ކުންފުންޏަށް އަދި އަލިމަގެއް ނުފެނެ އެވެ.

ލ.ބަރެސްދޫ ޕްރޮޖެކްޓްގެ ކުރެހުންތައް--ފޮޓޯ:ނިޝާން އަލީ/މިހާރު

ލ.ބަރެސްދޫ ޕްރޮޖެކްޓްގެ ކުރެހުންތައް--ފޮޓޯ:ނިޝާން އަލީ/މިހާރު

ބަރެސްދޫ ޕްރޮޖެކްޓް: ހުސް ވާހަކައެއް

އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ރާއިދު ވިދާޅުވީ، އެ ކުންފުންޏަށް 3.5 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ލިބިފައިވާ ކަމަށެވެ. އެއީ ލ. ބަރެސްދޫގެ ޕްރޮޖެކްޓުން ބިން ކުއްޔަށް ނެގުމަށް އެކި ފަރާތްތަކުން ދައްކާފައިވާ ރީފަންޑަބަލް ޑިޕޮސިޓް ކަމަށް އޭނާ ވިދާޅުވި އެވެ.

ބުކިން ފީތަކެއް ލިބިފައިވާ ނަމަވެސް، ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކުރިއަށް ނުދާތީ، އެ ފައިސާ ހޯދަން، އެ ފައިސާ ދެއްކި މީހުން އެދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން މިހާތަނަށް ހަ ލައްކަ ޑޮލަރު ރީފަންޑު ކޮށްދީފައިވެ އެވެ. ބަރެސްދޫގައި ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަން ކުއްޔަށް ނަގަން 40 ފަރާތުން ބުކިން ފީ ދެއްކި އިރު މިހާތަނަށް 10 ފަރާތަކުން ފީ އަނބުރާ ހޯދާފައިވެ އެވެ.

"މީގަ ދިމާވާ މައްސަލައަކީ މި ފައިސާއެއް މި ކުންފުންޏަކު ނެތް. ހިޔާނާތުގެ އެކިއެކި ކަންކަމުގައި މި ފައިސާ ވެސް ބޭނުން ކުރީ. ސިޔާސީ ޕާޓީއެއްގެ އޮފީސް ވެސް ހެދީ މިތަނުގެ ފައިސާއިން،" އޭނާ ވިދާޅުވި އެވެ.

އެ ފައިސާ އަށް ވީ ގޮތް ބެލުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަންނަނީ މައްސަލަ ބަލަމުންނެވެ. އެ މައްސަލަ ހުށަހަޅައިގެން އުޅޭތާ ހަތަރު ވަރަކަށް މަސް ވަނީ ވެފަ އެވެ.

ރާއިދު ވިދާޅުވީ، ޕްރޮޖެކްޓަކީ ފީޒިބަލް ޕްރޮޖެކްޓެއް ކަމަށާއި އެހެން ނަމަވެސް ކަންކަން ކޮށްފައި ވަނީ އެއްވެސް އުސޫލެއްގެ ތެރެއިން ނޫން ކަމަށެވެ.

އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު-- ފޮޓޯ: ހުސަިއން ވަހީދު/ މިހާރު

އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު-- ފޮޓޯ: ހުސަިއން ވަހީދު/ މިހާރު

ރާއިދު ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް ވެސް ދިމާވެގެން އުޅެނީ "ސީލައިފް" ކުންފުންޏަށް ދިމާވެގެން އުޅޭ ކަހަލަ މައްސަލައެކެވެ.

"ފައިސާ ވަކި ކަމަކަށް ނަގާފައި، އެހެންކަމަކަށް ބޭނުން ކުރީމަ، ކިހިނެއްތޯ އެ ރަށް ހަދަނީ؟،" އޭނާ ވިދާޅުވި އެވެ.

ބަރެސްދޫގެ ޕްރޮޖެކްޓް ހުއްޓިފައިވާ އިރު އަލުން ފެށުމަށްޓަކައި މިހާރު ވެސް އަންނަނީ އިންވެސްޓަރުންނާ މަޝްވަރާ ކުރަމުންނެވެ. އަދި މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަކީ އެ ކުންފުނީގެ އަމާޒެވެ.

ބަރެސްދޫގައި 25 އެނދުން ފެށިގެން 50 އެނދާ ދެމެދުގެ 50 ވަރަކަށް ގެސްޓް ހައުސް އާއި 100 އެނދުގެ ބޮޑު ދެ ހޮޓާ ތަރައްގީ ކުރުމަށް ޕްލޭން ކުރި އެވެ. އޭގެ އިތުރުން ރެސްޓޯރަންޓްތަކާއި ކެފޭ، ބާ، ސްޕާ، ތީމް ޕާކް، ތިއޭޓަރު، ގޮލްފްކޯސް، ބޮޓޭނިކަލް ގާޑެން އަދި ޑައިވް ސެންޓަރު ފަދަ ތަންތަން ހެދުމަށް ނިންމާފައިވެ އެވެ.

ހުއްޓިފައިވާ މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ބޭރުގެ ދެ ފަރާތަކާ މަޝްވަރާ ކުރަމުން ދަނީ އެ މީހުންގެ ފައިނޭންސްގައި ޕްރޮޖެކްޓް ގެންދިޔުމަށެވެ. ދެން ބަރެސްދޫގެ ބިންތައް ކުއްޔަށް ދޭން ހުޅުވާލާނީ ތަރައްގީ ކުރުމަށް ފަހު ކަމަށް ރާއިދު ވިދާޅުވި އެވެ.

ކާށިދޫ ޕްރޮޖެކްޓުގައި އޮޅުވާލުން

ކާށިދޫގައި އެމްއައިޓީޑީސީން ހިންގި ޕްރޮޖެކްޓަކީ ސަރުކާރުން އެއް މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ކުރިއަށް ގެންދިޔަ މަޝްރޫއެވެ. އެހެން ނަމަވެސް އެތަނުގައި ހަމައެކަނި ހުރީ ދަގަނޑު ސްޓްރަކްޗާއެއް އެކަންޏެއް ނޫނެވެ. އެތަނުގައި ކުރި މަސައްކަތަށް ދެ ލައްކަ ޑޮލަރު ވެސް ނާރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބާކީ ފައިސާއެއް ނެތް. އަޅުގަނޑުމެން މިވަނީ މިކަމުގައި ވެސް ކާށިދު އަށް ދަރަނި ވެރިވެފައި. މި މަސައްކަތް ކުރަން ފެށިއިރު މި ބިމަކީ އެމްއައިޓީޑީސީ އަށް ދީފައި އޮތް ބިމެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.

މި ބިން އޮތީ ޓޫރިޒަމް މިނިސްޓްރީގެ ދަށުގަ އެވެ. އެހެންކަމުން އެމްއައިޓީޑީސީން ހަރަދުކުރީ ވެސް އެ ކުންފުންޏަށް ލިބިފަ އޮތް ބިމަކަށް ނޫނެވެ.

އެމްއައިޓީޑީސީން ކާށިދޫގައި މިހާތަނަށް ކުރި މަސައްކަތް--ފޮޓޯ:އެމްއައިޓީޑީސީ

އެމްއައިޓީޑީސީން ކާށިދޫގައި މިހާތަނަށް ކުރި މަސައްކަތް--ފޮޓޯ:އެމްއައިޓީޑީސީ

އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގައި ހިންގި މަޝްރޫއަކީ އިންތިހާބަކާ ދިމާކޮށް ހިންގި މަޝްރޫއެކެވެ. އެއްގޮތަކަށް ވެސް މި ޕްރޮޖެކްޓްގެ ފީޒިބިލިޓީއެއް ހަދައިފައެއް ނުވެ އެވެ.

މިދިޔަ ސަރުކާރުން ނިމެއް އެއް ދުވަހަށް ވެފައި އޮއްވާ ޓޫރިޒަމުން މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އެމްއައިޓީޑީސީ އަށް ސިޓީއެއް ފޮނުވާފައި އޮތެވެ.

"މި ޕްރޮޖެކްޓަކީ ފީޒިބަލް ޕްރޮޖެކްޓަކަށް ނުވާތީ، މަސައްކަތް ހުއްޓާލަން އެދިފައި އޮތީ. އަޅުގަނޑަށް ހީވާ ގޮތުގައި ކުރީގެ މިނިސްޓަރު މޫސާ ޒަމީރު އެންމެ ފަހުން އޮފީހުން ނިކުންނަވަމުން ކުރެއްވި ސޮއިކަންނޭނގެ އެއީ،" އޭނާ ވިދާޅުވި އެވެ.

މިކަމަށް ވެސް އަދި މިހާތަނަށް ހައްލެއް ލިބިފައެއް ނުވެ އެވެ.

ކުންފުންޏަށް ގާނޫނީ ގޮންޖެހުންތައް

އެމްއައިޓީޑީސީ އަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ކުންފުންޏަށް ބިމުގެ ކުލީގެ ގޮތުގައި ބޮޑު އަދަދެއް ސަރުކާރަށް ދައްކަން ޖެހުމެވެ.

އެމްއައިޓީޑީސީ އުފެއްދި އިރު އެ ކުންފުންޏަށް މަތިކޮށްފައި ވަނީ ތިން ކަމެކެވެ. އެއީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީން މުޖުތަމައުއަށް ކުރާ ލާބަ އާއި މަންފާ އިތުރުކުރުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޓޫރިޒަމް އިންޑަސްޓްރީގައި ސީދާ ބައިވެރިވުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިކޮށްދިނުމާއި އިންޓަގްރޭޓެޑް ޓޫރިޒަމް ތައާރަފްކޮށް ހިންގުމެވެ.

މިކަންކަން ހުރި ނަމަވެސް ޒިންމާ އަދާކުރުމަށް ބޮޑެތި ދަތިތައް އެބަހުއްޓެވެ.

"ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހަކީ ގެސްޓްހައުސްތައް ނިކަމެތިކޮށްލުމަށް ގެނެވިފައި އޮތް އިސްލާހެއް،" އޭނާ ވިދާޅުވި އެވެ.

ހަތް ތަރީގެ ރިސޯޓެއްގެ ބިމުގެ ކުއްޔަށާއި ގެސްޓްހައުސްއެއް ހެދުމަށް ދައްކަންޖެހޭ ކުލި އެއް ހަމަވުމަކީ އިންސާފެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ލ.ބަރެސްދޫ ޕްރޮޖެކްޓްގެ ކުރެހުންތައް--ފޮޓޯ:ނިޝާން އަލީ/މިހާރު

ލ.ބަރެސްދޫ ޕްރޮޖެކްޓްގެ ކުރެހުންތައް--ފޮޓޯ:ނިޝާން އަލީ/މިހާރު

"އަޅުގަނޑުމެން އެދެނީ ޓޫރިޒަމާ ބެހޭ ގޮތުން ހަދާފައިވާ ގަވައިދުތައް އިސްލާހުކޮށްދެއްވަން. ކުލި ދެއްކުމުގައި މީހުން ދިރިއުޅޭ ރަށްތައް އެއިން އިސްތިސްނާވާނެ ކޮންމެވެސް އުސޫލެއް އަންނަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓޫރިޒަމާ ބެހޭ ގާނޫނު އޮތީ ގެސްޓްހައުސްތަކަށް އެންމެ ފަހިވާ ގޮތަށް ނޫން ކަމަށެވެ. އެކަން އިސްލާހުވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކާށިދު އަށް ލޭންޑް އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި 22 މިލިއަން ރުފިޔާ އެމްއައިޓީޑީސީން ދައްކަންޖެހޭ އިރު އެ ފައިސާ ދައްކާނެ ގޮތެއް ވެސް އެ ކުންފުންޏަކު ނެތެވެ.

އެ ކުންފުންޏަށް ގާނޫނީ ގޮތުން ދިމާވާ އަނެއް ގޮންޖެހުމަކީ ޕްރޮޕޯސަލް ހުށަހެޅުމުގައި އޮތް އުސޫލެވެ. މީހުން ދިރިއުޅޭ ރަށަކަށް އިންވެސްޓް ކުރުމަށް އެމްއައިޓީޑީސީން ޖެހެނީ އެހެން ކުންފުނިތެކެކޭ އެއްގޮތަށް ބިޑަށް ކުރިމަތިލާށެވެ. ސަރުކާރުން މިކަން ކުރަން އޮތް ކުންފުންޏެއްގެ ގޮތުގައި އެމްއައިޓީޑީސީ އޮންނަ ނަމަ އެޔަށްވުރެ ލުއި ގޮތްތަކެއް އޮންނަންވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

އެކަމަކު މި ހާލަތުގައި ވެސް އެ ކުންފުނި ހިންގިދާނެ ކަމަށް ރާއިދު ދެކެވަޑައިގަންނަވަ އެވެ. ކުންފުންޏަށް ތިން އަހަރުވި އިރު އެ ކުންފުނި އަދި އޮތީ އިންފެންޓް ސްޓޭޖުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 1.1 މިލިއަން ރުފިޔާގެ ގެއްލުން ލިބިފަ އެވެ. މި ގެއްލުން ފައިދާ އަށް ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް އަދި ކުރަންޖެހެ އެވެ.