Roadha Mihaaru
ޖެކްލީން އިންޑިއާ ދޫކޮށް ފިލަން އުޅުނު: އީޑީ

ޖެކްލީން، ހެކި ނައްތާލައި އިންޑިއާ ދޫކޮށް ފިލަން އުޅުނު: އީޑީ

23 އޮކްޓޯބަރ 2022

ތަހުގީގު ކުރަމުން އަންނަ މަނީ ލޯންޑަރިންގެ ބޮޑު މައްސަލައެއްގައި ހިމެނޭ ކަމަށް ތުހުމަތުކުރާ ބޮލީވުޑްގެ ތަރި، ޖެކްލިން ފެނަންޑޭޒް، ހެކި ނައްތާލާއި އިންޑިއާ ދޫކޮށް ފިލަން އުޅުނު ކަމަށް އެ ގައުމުގެ އެންފޯސްމަންޓް ޑިރޮކްޓަރޭޓް (އީޑީ) އިން ކޯޓުގައި ބުނެފި އެވެ.

ތަހުގީގު ކުރަމުން އަންނަ މަނީ ލޯންޑަރިންގެ ބޮޑު މައްސަލައެއްގައި ހިމެނޭ ކަމަށް ތުހުމަތުކުރާ ބޮލީވުޑްގެ ތަރި، ޖެކްލިން ފެނަންޑޭޒް، ހެކި ނައްތާލާއި އިންޑިއާ ދޫކޮށް ފިލަން އުޅުނު ކަމަށް އެ ގައުމުގެ އެންފޯސްމަންޓް ޑިރޮކްޓަރޭޓް (އީޑީ) އިން ކޯޓުގައި ބުނެފި އެވެ.

ސްރީ ލަންކާ އަށް އުފަން ޖެކްލީން އަށް މަނީލޯންޑަރިންގެ ތުހުމަތު ކުރަނީ އޭނާ ލޯބީގެ ގުޅުމެއް ބޭއްވި، ސުކޭޝް ޗަންދުރަޝޭކަރު އަޑީގައި ހުރެގެން ހިންގި ކަމަށް ބުނާ 200 ކްރޯޑް ރުޕީސްގެ މައްސަލައެއްގައި ޖެކްލީން ވެސް ޝާމިލުވާ ކަމަށް ބުނެ އެވެ.

އެ މައްސަލައާ ގުޅިގެން ދިއްލީގެ ކޯޓެއްގައި އިއްޔެ ބޭއްވި އަޑުއެހުމެއްގައި އީޑީން ބުނީ، ޖެކްލީން ވަނީ އެ މައްސަލަ ފެންމަތިވުމާ އެކު ގައުމު ދޫކޮށް ފިލަން އުޅެފައި ކަމަށެވެ. ފޯނުގައި ހުރި ބައެއް ޑޭޓާތައް ފޮހެލައި، ހެކި ނައްތައިލުމަށް ވެސް އޭނާ މަސައްކަތްކުރި ކަމުގެ ތުހުމަތު އީޑީން ކޯޓުގައި ކުރި އެވެ.

އީޑީން ބުނިގޮތުގައި ޖެކްލީން، ތަހުގީގަށް އެކަށީގެންވާ ވަރަށް އެއްބާރުލުމެއް ވެސް ނުދެ އެވެ.

މަނީލޯންޑަރިންގެ މައްސަލަ ފެންމަތިވުމާއެކު، އިންޑިއާ ދޫކޮށް ފިލަން ޖެކްލީން އުޅުނަސް އެ ކަން ކާމިޔާބު ނުވީ އެ ގައުމުން ފުރުން މަނާ މީހުންގެ ލިސްޓަށް އޭނާގެ ނަން އަރުވާފައި އޮތުމުންނެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އިންޑިއާ އިން ބޭރަށް ފުރަން އުޅެނިކޮށް މުމްބާއީ އެއާޕޯޓުން ހުއްޓުވުމަށް ފަހު، އިރުކޮޅަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ޖެކްލީން ގެންދިޔަ އެވެ. ފަހުން އޭނާ ދޫކޮށްލީ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު އެވެ.

އީޑީން ޖެކްލީން އަށް އެފަދަ ތުހުމަތުތަކެއް ކުރިޔަސް އޭނާގެ ގާނޫނީ ވަކީލު އެ ތުހުމަތުތައް ދޮގުކުރެ އެވެ. އެ މައްސަލައާ ގުޅިގެން، ކޮންމެ ވަގުތެއްގައި ވެސް ޖެކްލީންގެ ފަރާތުން އެއްބާރުލުން ދީފައިވާ ކަމަށާއި ސުވާލުކުރަން ނޯޓިސް ފޮނުވުމުން ކޮންމެ އިރަކު ވެސް އިޖާބަ ދީފައިވާ ކަމަށް ވަކީލު ބުންޏެވެ.

ސުކޭޝް ޗަންދުރަޝޭކަރު އަޑީގައި ހުރެގެން ހިންގި އެ ޖަރީމާގެ ތެރެއިން ޖެކްލީންގެ އިތުރުން މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީ އަށް ވެސް އަގުބޮޑރެތި ހަދިޔާތައް ދީފައިވާ ކަމަށް އީޑީން ބުނެ އެވެ. އަދި ތަހުގީގީ އޮފިސަރުން ބުނާ ގޮތުގައި ސުކޭޝްއަކީ ކުށުގެ އެތައް މައްސަލައެއްގެ ރެކޯޑް އޮތް މީހެއްކަން ޖެކްލީން އަށް އެނގި ހުރެ އޭނާއާ އެކު ފައިސާގެ މުއާމަލާތުތަކެއް ހިންގާފައިވާ ކަމަށް އީޑީން ބުންޏެވެ.