Roadha Mihaaru
ޖެކްލިން، ޕްރިޔަންކާ އުޅުނު ގެ ގަނެފި

ޖެކްލިން، ޕްރިޔަންކާ އުޅުނު ގެ ގަނެފި

08 ފެބުރުއަރީ 2021

މިހާރު އެމެރިކާގައި ދިރިއުޅޭ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ކުރިން މުމްބާއީގައި ދިރިއުޅުނު ހިތްގައިމު ލަގްޒަރީ ގެ، ބަތަލާ ޖެކްލިން ފެނަންޑޭޒް ގަނެ އެތަނަށް ދިރިއުޅުން ބަދަލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު އެމެރިކާގައި ދިރިއުޅޭ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ކުރިން މުމްބާއީގައި ދިރިއުޅުނު ހިތްގައިމު ލަގްޒަރީ ގެ، ބަތަލާ ޖެކްލިން ފެނަންޑޭޒް ގަނެ އެތަނަށް ދިރިއުޅުން ބަދަލުކޮށްފި އެވެ.

މީޑިއާތަކުން ބުނީ ސްރީ ލަންކާ އަށް ނިސްބަތްވާ ބަތަލާ މުމްބާއީގެ ޖުހޫގައި ހުރި އެ ގެ ގަތީ 7 ކްރޯޑް ރުޕީސް (961,692 ޑޮލަރު) އަށް ކަމަށާއި އެތަން ގަތުމަށް ފަހު ޖެކްލިން ބޭނުންވާ ގޮތަށް އިންޓީރިއާ ބަދަލުކުރުމަށް ފަހު، އެތަނަށް އޭނާ ބަދަލުވީ މީގެ ދެ ހަފުތާވަރު ކުރިން ކަމަށެވެ.

ޖެކްލިން ކުރިން ދިރިއުޅުނީ މުމްބާއީގެ ބަންޑްރާ އިން ކުއްޔަށް ހިފައިގެން އުޅުނު ތަނެއްގަ އެވެ. ނަމަވެސް މިހާރު މުމްބާއީ އިން އަމިއްލަ އަށް ގެއެއް މިލްކުކުރުމުގެ ފުރުސަތު ލިބުމާ އެކު އޭނާގެ މަސައްކަތްތަކަށް ވެސް ލުއިވާނެ އެވެ.

ޖެކްލިން އަކީ މި ވަގުތު ބޮލީވުޑްގައި ތިބި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރެއިން އެކެކެވެ.

ދެހާސް ނުވަ ވަނަ އަހަރު ފިލްމު "އަލައްދިން" އިން ބޮލީވުޑަށް ނުކުތް 35 އަހަރުގެ ބަތަލާ އަތުގައި މި ވަގުތު ހުރި ފިލްމުތަކުގެ ތެރޭގައި "ބޫތު ޕޮލިސް" އާއި "އެޓޭކް" އާއި "ސާކަސް" އާއި "ބައްޗަން ޕާންޑޭ" ގެ އިތުރުން "ކިކް 2" ހިމެނެ އެވެ. ދާދި ފަހުން ޖެކްލިން ވަނީ "ވިމެންސް ސްޓޯރީޒް" ކިޔާ ހޮލީވުޑް އެންތޮލޮޖީ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ.

އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ކިކް" އާއި "ރޭސް 3" އާއި "ޑިޝޫމް" އާއި "ރޯއި" އާއި "ޖުޅުވާ 2" އާއި "ހައުސްފުލް 3" އަދި "ފްލައިން ޖަޓް" ފަދަ ފިލްމުތައް ހިމެނެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ހޮލީވުޑަށް ހިޖުރަކޮށް، އޭގެ ތިން އަހަރު ފަހުން އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސްއާ ކައިވެނިކުރި ފަހުން ޕްރިޔަންކާ އާންމުކޮށް ދިރިއުޅެނީ އެމެރިކާގަ އެވެ. އޭނާ އާއި ނިކްގެ 20 މިލިއަން ޑޮލަރުގެ ގަނޑުވަރެއް ކަހަލަ ގެއެއް ވެސް ލޮސް އެންޖެލިސްގައި ހުރެ އެވެ.

ޕްރިޔަންކާގެ ދެމަފިރިން މި ވަގުތު ވަގުތީ ގޮތުން ދިރިއުޅެނީ އިނގިރޭސިވިލާތުގެ ލަންޑަންގަ އެވެ.