Roadha Mihaaru
ޖެކްލިން ސޮއިކުރި ތެލެގޫ ފިލްމުން "ވަކިކޮށްފި"

ޖެކްލިން ސޮއިކުރި ތެލެގޫ ފިލްމުން "ވަކިކޮށްފި"

17 ޑިސެމްބަރ 2021

ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު އިންޑިއާގެ އެންފޯސްމަންޓް ޑިރެކްޓޮރޭޓް (އީޑީ) އިން ތަހުގީގު ކުރަމުން އަންނަ މަނީ ލޯންޑްރިންގެ ބޮޑު މައްސަލައެއްގައި ތުހުމަތު ކުރެވޭ ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒް ސޮއިކޮށްފައި އޮތް ތެލެގޫ ފިލްމަކުން އޭނާ "ވަކިކޮށްފި" އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު އިންޑިއާގެ އެންފޯސްމަންޓް ޑިރެކްޓޮރޭޓް (އީޑީ) އިން ތަހުގީގު ކުރަމުން އަންނަ މަނީ ލޯންޑްރިންގެ ބޮޑު މައްސަލައެއްގައި ތުހުމަތު ކުރެވޭ ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒް ސޮއިކޮށްފައި އޮތް ތެލެގޫ ފިލްމަކުން އޭނާ "ވަކިކޮށްފި" އެވެ.

މީޑިއާތަކުން ބުނީ މަޝްހޫރު އެކްޓަރު ޕަވަން ކަލިއަން ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ "ހަރީ ހަރާ ވީރާ މައްލޫ" އިން ސްރީލަންކާ އަށް ނިސްބަތްވާ ބަތަލާ "ވަކިކުރީ" އޭނާ ގާނޫނީ ގޮޅިއަކަށް ފެތިދާނެކަމުގެ ބިރު ވެސް އޮތުމުންނެވެ. އެހެންވެ ޖެކްލިންއާ އެކު ފިލްމުގެ މަސައްކަތް ކޮށްފި ނަމަ އެއަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފާނެތީ އޭނާ ކާސްޓްގައި ނުހިމަނަން ނިންމީ އެވެ.

ނަމަވެސް "ހަރީ ހަރާ ވީރާ މައްލޫ" ގެ ޑައިރެކްޓަރު ކްރިޝް އެ ވާހަކަ ދެއްކީ މުޅިން އެހެން ގޮތަކަށެވެ. ކަންގަނާ ރަނާވަތުގެ 2019 ގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ ޑައިރެކްޝަނުގައި ވެސް ހިއްސާވި ކްރިޝް ބައެއް މީޑިއާތަކަށް ބުނި ގޮތުގައި ޕަވަންގެ ފިލްމު، ޖެކްލިންއާ ނުލައި ހަދަން ނިންމީ އޭނާ އަށް ތާރީހުގެ މައްސަލަތަކާ ހެދި ވަގުތު ދެވެން ނެތުމުން ކަމަށެވެ.

"އެ ނިންމުން ނިންމީ ވެސް މިދިޔަ އަހަރު. އެހެންވީމަ އެކަމަކާ ޖެކްލިން ހިމެނޭ ގޮތަށް އީޑީން ކުރިއަށް ގެންދާ ތަހުގީގަކާ އެއްވެސް ގުޅުމެއް ނެތް." ކްރިޝް ބުންޏެވެ.

ސަތާރަ ވަނަ ގަރުނުގެ ވާހަކައެއް ކިޔައިދޭން ބޮޑު ބަޖެޓަކުން ހަދާ ކޮސްޓިއުމް ޑްރާމާ "ހަރީ ހަރާ ވީރާ މައްލޫ" އިން ޖެކްލިން "ވަކިކޮށް" އޭގެ ބަތަލާއަކަށް މިހާރު ނަގާފައި ވަނީ ރަންބީރް ކަޕޫރާ އެކު 2011 ގެ "ރޮކްސްޓާ" ކުޅުނު ނަރްގިސް ފަޚްރީ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ޕްރީމިއާކުރި ސަންޖޭ ދަތުގެ "ތޯރުބާޒް" އެވެ.

ސެޕްޓެމްބަރު މަހު ރިލީޒްކުރި "ބޫތު ޕޮލިސް" ގެ ކާސްޓްގައި ހިމެނޭ ޖެކްލިން ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހުގެ 28 ގައި ރިލީޒްކުރާ ޖޯން އަބްރަހަމްގެ "އެޓޭކް" އިންނެވެ. އޭނަގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "ބައްޗަން ޕާންޑޭ" އާއި "ރާމް ސެތޫ" އާއި ކަންނާޑާ ފިލްމު "ވިކްރަންތު ރޯނާ" އަދި ރަންވީރު ސިންގްގެ "ސާކަސް" ހިމެނެ އެވެ.

އީޑީން ކުރިއަށް ގެންދާ މަނީ ލޯންޑްރިންގެ ތަހުގީގާ ހެދި، މި މަހުގެ 10 ގައި ސަލްމާން ޚާން ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބޭއްވި "ދަ-ބަންގް" ޓުއާގައި ބައިވެރިވުމުގެ ފުރުސަތު ވެސް ޖެކްލިން އަށް ގެއްލުނެވެ. އީޑީން އޮތީ ތަހުގީގަށް ހާޒިރު ކުރަން ޖެހޭތީ އޭނާ އިންޑިއާ އިން ބޭރަށް ނުދިއުމަށް އަންގައިފަ އެވެ.