ފަނޑިޔާރުން ހުކުމްތައް އިއްވާއިރު އިހުސާންތެރިކަމާ އެކު މަސައްކަތްކުރި ނަމަވެސް އިންސާފުވެރިވާން ވާނީ ޖަޒުބާތުގައި ނުޖެހި ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.
15 ފެބުރުއަރީ 2025
ފަނޑިޔާރުން ހުކުމްތައް އިއްވާއިރު އިހުސާންތެރިކަމާ އެކު މަސައްކަތްކުރި ނަމަވެސް އިންސާފުވެރިވާން ވާނީ ޖަޒުބާތުގައި ނުޖެހި ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މެޖިސްޓްރޭޓުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެމަނިކުފާނު އެ ރަސްމިއްޔާތަށް ވަޑައިގަތީ އެ ދުވަހު ވަރަށް ބޮޑު މައްސަލައަކަށް ހުކުމެއް އިއްވަން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށް ކަމަށެވެ.
އެ މައްސަލައަކީ 2010 ވަނަ އަހަރު މާލޭގައި ކުރީގެ ފިރިމީހާއަށް ހަމަލާދީ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ ޖަލު ހުކުމް އިސްތިއުނާފުކުރި މައްސަލަ އެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެދުވަހު ވަނީ ނަޒާހާގެ ހުކުމް ދަމަހައްޓައިފަ އެވެ.
އެ މައްސަލައިގައި އިއްވާނެ ހުކުމާ މެދު ވިސްނަވަން އޮންނެވުމުން އެ ރޭ ނިދަން ވަރަށް އުނދަގޫ ފުޅުވެވަޑައިގަތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"ރޭގައި 12 ޖެހީއްސުރެ 2 ޖަހަންދެން ހޭލާ ހުރިން. ކޮން ކަމެއްތޯ ކުރީ؟ ވިސްނަން. އިތުރު އެއްވެސް ކަމެއް ނުކުރަން." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"[ހުކުމް] ލިޔެ ނިމިފައި އޮތީ. އިތުރު މާ ބޮޑު ވާހަކައެއް ނުވަތަ އެއަށް އިތުރުކުރާނެ އެއްޗެއް ވެސް ނެތް، އެކަމަކު، އެ ރައުޔާ ދޭތެރޭގައި ވިސްނާފައި އެއީ ބޮޑު ކަމަކަށް ވާތީ، ދެ ފަރާތަށް ފުރޮޅި ފުރޮޅި އެނދުގައި އޮތިން 2 ޖަހަންދެން."
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި، އެހެން އޮންނެވުމަށްފަހު ހުރިހާ ފަނޑިޔާރުން ހިމެނޭ ގްރޫޕަކަށް މެސެޖެއް ވެސް ކުރެއްވި އެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެ ކަމަށް ބައްލަވައި، އެ މެސެޖު މާ ގިނައިރެއް ނުވެ ޑިލިޓް ކުރެއްވި އެވެ.
"އެހެންވީމަ، މި ދަންނަވަނީ މިއީ މީގެ ބުރަ ކަމަކީ. މީގައި ވިސްނަން ޖެހެނީ، ވަގުތުން ވަގުތަށް ނިންމާއިރު، މީގެ ތެރެއަށް ވަދެ، މިއީ އިންސާފުތޯ ބަލަން ޖެހޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"މީގައި އިހުސާންތެރިކަމާ އެއްކޮށް ވިސްނި ކަމުގައި ވިޔަސް، ޖަޒުބާތުގައި ޖެހިގެން ނުވާނެއޭ."
ނަޒާހާގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދުގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ ރައުޔަކީ އެ ހުކުމް ބާތިލް ކުރަން ޖެހޭނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވާ ކަމުގެ އިޝާރާތެއް
ސުޕްރީމްކޯޓުގެ ބެންޗު ބަދަލުކުރުމުގެ ނިޔަތެއް ނެތް:އޭޖީ
ކޯޓާއި މަޖިލިސް ވަކިވާ ހަނި ރޮނގުގެ ފުޅާ ބަހުސް!
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާ ގައުނެއް
"މަސައްކަތް މި ކުރަނީ ވަރަށް އިހްލާސްތެރިކަމާ އެކު"
"މަސައްކަތް ކުރަންވީ އާންމު މަސްލަހަތު ހިމާޔަތްކުރަން"
"ކޯޓުތަކުގެ މުގައްދަސްކަން ނަގަހައްޓަންޖެހޭނެ"
މިއީ ސުޕްރީމް ކޯޓުން އެންމެގިނަ މައްސަލަ ނިންމި އަހަރު
ނުފޫޒެއްގައި ނުޖެހި، ހައްގުތައް ނަގަހައްޓާނެ:މުއުތަސިމް
ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އާންމުކުރަން ފަށައިފި