މެޑްރިޑް (ޑިސެމްބަރު 8) - ޔޫރަޕުގެ އެންމެ މަގްބޫލު ކްލަބް ފުޓުބޯޅަ މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގު 13 ފަހަރު ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ރެއާލް މެޑްރިޑުން އެ މުބާރާތުގައި 1،000 ގޯލު ހަމަކޮށްފި އެވެ.
08 ޑިސެމްބަރ 2021
މެޑްރިޑް (ޑިސެމްބަރު 8) - ޔޫރަޕުގެ އެންމެ މަގްބޫލު ކްލަބް ފުޓުބޯޅަ މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގު 13 ފަހަރު ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ރެއާލް މެޑްރިޑުން އެ މުބާރާތުގައި 1،000 ގޯލު ހަމަކޮށްފި އެވެ.
ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ އެ ޓީމުން ވަނީ އަމިއްލަ ދަނޑުގައި އިންޓަ މިލާން ބަލިކޮށް، ގުރޫޕުގެ އެއްވަނަ ވެސް ހޯދައިފަ އެވެ.
ރޭގެ މެޗު ކާމިޔާބުކޮށްގެން އިންޓަ އަށް ގުރޫޕްގެ އެއްވަނައިގައި ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އޮތް ނަމަވެސ،ް ރެއާލުން މެޗު ކާމިޔާބު ކުރީ 2-0 އިންނެވެ. އިންޓަ މިލާން ދެވަނައިގައި ނިންމީ 10 ޕޮއިންޓާ އެކު، ރެއާލަށް ވުރެ ފަސް ޕޮއިންޓް ފަހަތުންނެވެ. ހަތް ޕޮއިންޓާ އެކު ގުރޫޕުގެ ތިންވަނަ ހޯދައިގެން މޯލްޑޯވާގެ ޝެރިފް ޓިރާސްޕޯލް ކުޅެން ޖެހޭނީ، ޔޫރޮޕާ ލީގެވެ. ގުރޫޕުގެ ފުލަށް ދިޔައީ ޔޫކްރޭންގެ ޝަހުތަރު ޑޮނެސްކެވެ.
ރެއާލްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ޖަހައިދިނީ މިޑްފީލްޑަރު ޓޯނީ ކްރޫސް އެވެ. އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި މި ލަނޑާ އެކު، ރެއާލް މެޑްރިޑުވެފައި ވަނީ ޗެމްޕިއަންސް ލީގު ތާރީހުގައި ވެސް 1،000 ލަނޑު ހަމަކުރި ފުރަތަމަ ކުލަބަށެވެ.
މެޗުގައި ރެއާލްގެ ދެވަނަ ލަނޑު ފަހު ހާފުގައި މާކޯ އަސެންސިއޯ ޖެހީ، އިންޓަ އިން 10 ކުޅުންތެރިންނާ އެކު ކުޅެމުން ދަނިކޮށެވެ. އިންޓަގެ ނިކޯލޯ ބަރޭލާ ގަސްތުގައި ރެއާލްގެ މިލިޓާއޯ އަށް ހަމަލާ ދިނުމުން އޭނާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.
މި ގުރޫޕުގައި ޝަހުތަރު ޑޮނެސްކާއި ޝެރިފް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
ޗެމްޕިއަންސް ލީގު ގުރޫޕް ސީގައި ހިމެނޭ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ގުރޫޕް ސްޓޭޖު ފަހު މެޗުގައި 5-0 އިން ތުރުކީގެ ބެސިކްތާސް ބަލިކޮށްފަ އެވެ. ޑޯޓްމަންޑުގެ ލަނޑުތައް ޖަހައިދިނީ ޑޮންޔެލް މޭލެން އާއި މާކޯ ރޮއިސް އަދި އާލިން ބްރައުޓް ހާލަންޑެވެ. ރޮއިސް އާއި ހާލަންޑް މެޗުގައި ދެ ލަނޑު ޖެހި އެވެ.
މި މެޗުން މޮޅުވި ނަމަވެސް ބާކީ އެއް މެޗު އޮއްވައި، ޑޯޓްމަންޑަށް ވަނީ މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމުގެ ދޮރު ބަންދު ވެފަ އެވެ.
ޑޯޓްމަންޑް ހިމެނޭ ގުރޫޕުގެ ދެވަނައިގައި ނިންމި ޕޯޗުގަލްގެ ޕޯޓޯއާ އެއްވަރަށް ނުވަ ޕޮއިންޓު ހަމަކުރި ނަމަވެސް، ޕޯޓޯ އަށް ކުރި ލިބެނީ ދެ ޓީމުގެ ހެޑް-ޓު-ހެޑް ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި ނިންމައި، ޑޯޓްމަންޑް ވާދަކުރާނީ ޔޫރޮޕާ ލީގުގަ އެވެ.
މި ގުރޫޕުގެ އެއްވަނައިގައި އޮތް ނެދަލެންޑްސްގެ އަޔެކްސް ވަނީ ޕޯޓޯއާ ވާދަކޮށް 4-2 އިން ރޭގެ މެޗު ކާމިޔާބު ކޮށްފަ އެވެ.
އަޔެކްސް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ބެސިކްތާސް މުބާރާތް ނިންމާލީ އެންމެ ޕޮއިންޓެއް ވެސް ނުހޯދި އެވެ.
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ޑޯޓްމަންޑް ބަލިވެ، ރެއާލް އާއި އިންޓަ މޮޅުވެއްޖެ
އިންޓަ އަށް އުއްމީދެއް، ރެއާލް އަށް ޕްރެޝަރު
ރެއާލާ ދެކޮޅަށް ލުކާކޫ އަށް ނުކުޅެވޭނެ
ބެޔާން އަތުން ބަލިވީ ގޯސްތަކެއް ހެދިގެން: އޮލޮންސޯ
އެތުލެޓިކޯގެ މައްޗަށް ރެއާލުން ހަނި އެޑްވާންޓޭޖެއް ނަގައިފި
ބެލޮންޑިއޯ ހަފުލާއަށް ނުދިޔައީ ރެއާލުން ބުނެގެން: ވިނީ
އެމްބާޕޭގެ ހުވަފެނީ މޮޅުން ރެއާލް އަނެއް ބުރަށް
ރެއާލް އަތުން މޮޅުވާން ސިޓީ އަށް އޮތީ ހަނި ފުރުސަތެއް