Roadha Mihaaru
އެމްޕީއެލްއިން ޕައިލަޓޭޖް ފީ 50 ޕަސެންޓަށް ކުޑަކޮށްފި

އެމްޕީއެލް އިން ޕައިލަޓޭޖް ފީ 20-50 ޕަސެންޓަށް ކުޑަކޮށްފި

09 ޑިސެމްބަރ 2021

އެމްޕީއެލް އިން ބޯޓުތަކުން ނަގާ ޕައިލަޓޭޖް ފީ ކުޑަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޕީއެލް އިން ބޯޓުތަކުން ނަގާ ޕައިލަޓޭޖް ފީ ކުޑަކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި ބަދަލުތަކާ އެކު، އާންމުކޮށް މާލެ ވިޔަފާރި ބަނދަރަށް އަންނަ ބޯޓު ފަހަރާއި ޕެސެންޖާ ލައިންތަކުގެ ޕައިލަޓޭޖް ފީތައް 50 ޕަސެންޓަށް ކުޑަވާނެ ކަމަށެވެ. އަދި ބޮޑެތި ބޯޓު ފަހަރުން ނަގާ ޕައިލަޓޭޖްތަކުގެ ފީ 20 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، މިހާރު މިގެންނަ ބަދަލުތަކަކީ ލަންކާއަށް ވުރެ އަގު ހެޔޮކޮށް، މޮރިޝަސް ފަދަ ގައުމުތަކުން ނަގާ ވަރާ ގާތްގަނޑަކަށް އެއް އަގުތަކެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ދާއިރާގެ ބޭފުޅުންނާ މަޝްވަރާކޮށްގެން އެ ބޭފުޅުންގެ އެދުމުގެ މަތިން ގެނައި ބަދަލެކެވެ.

މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ މިމަހުގެ 15 އިން ފެށިގެންނެވެ. ޕައިލަޓޭޖް ފީ އަށް އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭގެ ކުރިން ދިޔަ 13 އަހަރުގައި ވެސް މި ފީއަށް ބަދަލެއް ނުގެނެ އެވެ.

"ކުރިން އެމްޕީއެލްއިން ޕައިލަޓޭޖް ހިދުމަތް ފޯރުކޮށްދެމުން ދިޔައީ މާލެ އާއި ހުޅުމާލެއާ ދޭތެރޭ އޮންނަ ކަނޑުއޮޅިން. އެހެން ނަމަވެސް ބްރިޖް އެޅުމާ ގުޅިގެން އެތަން ބަންދު ކުރުމާ ގުޅިގެން މިހާރު ޕައިލަޓޭޖް ހިދުމަތް ފޯރުކޮށްދެމުން ދާ ޕޮއިންޓަކީ ބޮޑު ކަޅި،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، މިއީ ވަރަށް ދުރު ކަމަށް ވާތީ ޕައިލަޓޭޖް ހިދުމަތް ދިނުމުގައި ވެސް ހަރަދުތައް އިތުރުވި ކަމަށެވެ. އަގުތަކަށް ބަދަލު ގެނެސްފައިވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލް އިން ޕައިލަޓޭޖް ފީތަކަށް ބަދަލު ގެނެސްފައިވަނީ ސަރަހައްދުގެ އެހެން ގައުމުތަކުގެ ޕައިލަޓޭޖް ފީތަކަށް ބަލައިގެން، އެ އަގުތަކާ އަޅާބަލާއިރު މާ ބޮޑު ބަދަލުތަކެއް ނާންނަ ގޮތަށް ކަމަށް ބުންޏެވެ.

ޕައިލަޓޭޖް ފީތަކުގެ އިތުރަށް އެމްޕީއެލް އިން ޓަގު ކުއްޔަށް ދޭ އަގު ވެސް ވަނީ ކުޑަކޮށްފަ އެވެ. ޓަގުގެ އަގުތަކަށް 30 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ ބަދަލެއް ގެނެސްފައިވެ އެވެ.