Roadha Mihaaru
ޑްރާފްޓް ފޮނުވީ އެޗްޑީސީގެ ދަށުގައި ހިދުމަތް ބާއްވަން

ޑްރާފްޓް ފޮނުވީ މުނިސިޕަލް ހިދުމަތް އެޗްޑީސީގެ ދަށުގައި ބާއްވަން އެދި: މުއިއްޒު

09 ޑިސެމްބަރ 2021

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލޭ ސިޓީ ކައުންސިލްގައި ބާއްވަން ދެ ފަހަރަށް ޑްރާފްޓް ފޮނުވުމުން ވެސް އެއްބާރުލުން ނުލިބުނު ކަމަށް ބުނެ ހައުސިން ޑިވެލޮޕްމަންޓް (އެޗްޑީސީ) އިން ހެދީ ދޮގެއް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލޭ ސިޓީ ކައުންސިލްގައި ބާއްވަން ދެ ފަހަރަށް ޑްރާފްޓް ފޮނުވުމުން ވެސް އެއްބާރުލުން ނުލިބުނު ކަމަށް ބުނެ ހައުސިން ޑިވެލޮޕްމަންޓް (އެޗްޑީސީ) އިން ހެދީ ދޮގެއް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގާނޫނުގައިވާ ގޮތުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ދިނުމުގެ ޒިންމާ އޮތީ ކައުންސިލަށެވެ. އެކަން އެގޮތަށް ނުކޮށް ލަސްވާ ސަބަބާ މެދު ސުވާލު އުފެއްދުމުން އެޗްޑީސީން "މިހާރު"އަށް ބުނީ ކުރީގެ ކައުންސިލްގައި އަދި މިހާރުގެ ކައުންސިލަށް ވެސް މުނިސިޕަލް ހިދުމަތްތައް ބަދަލުކުރަން ޑްރާފްޓް ފޮނުވި ކަމަށެވެ. އެކަމަކު ދެ ފަހަރަށް ފޮނުވައިގެން ވެސް އެއްބާރުލުން ނުލިބުނީ ކަމަށް އެޗްޑީސީން ބުންޏެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކުރީގެ ކައުންސިލަށް އަދި ފަހުން ވެސް ޑްރާފްޓް ފޮނުވީ އެޗްޑީސީގެ ދަށުގައި މުނިސިޕަލް ހިދުމަތް ވެސް ބާއްވަން އެދި އެވެ. ގާނޫނުގައިވާ ގޮތަށް ސިޓީ ކައުންސިލާ ހަވާލުކުރުމުގެ ވިސްނުމެއް އެ ކުންފުނީގައި ނެތުމުން އެއްބާރުލުން ނުދެނީ އެޗްޑީސީން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޗްޑީސީން އެ ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކައެއް. އަޅުގަނޑުމެން އެއްބާރުލުން ނުދީފައެއް ނޯންނާނެ. ބޭނުންވަނީ އެތަނުގެ ބެލުމުގެ ދަށުން މުނިސިޕަލް ހިދުމަތް ދޭން. ޑްރާފްޓް ފޮނުވީ ކައުންސިލާ ހަވާލުކުރާކަށެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

އެޗްޑީސީން ދެމުން އަންނަ އެ ހިދުމަތްތައް ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ، ކައުންސިލްތައް ބާރުވެރިކުރުވައި ހުޅުމާލެ ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތްތައް ދޭން މި ސަރުކާރުގެ ވައުދެކެވެ. މި ވައުދާ އެއްގޮތަށް ކައުންސިލާ ޒިންމާތައް ހަވާލުކޮށްދޭން ސަރުކާރާއި އެޗްޑީސީއަށް ހުށަހެޅުމުން އިޖާބަ ނުދޭތީ މުއިއްޒު ގެންދަވަނީ ކަންބޮޑުވުންފާޅުކުރައްވަމުންނެވެ.

އެޗްޑީސީން އެކަށީގެންވާ ގޮތެއްގައި ހިދުމަތް ފޯރުކޮށްނުދެވޭ ކަމަށް ބުނެ 1800 އަށް ވުރެން ގިނަ މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކައުންސިލުން ދޭން އޮތް ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަމެވެ. މާލޭ ސިޓީ ކައުންސިލަށް ކަނޑައަޅާ ޖުމްލަ ބަޖެޓަށް ވުރެން ބޮޑު އަދަދެއް އެ ހިދުމަތަށް އެޗްޑީސީން ހޭދަކުރެ އެވެ. މިހާތަނަށް މަޝްވަރާކުރެވިފައި އޮތީ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކަށް އަހަރަކު ހޭދަވާ 70 މިލިއަން ރުފިޔާ އެޗްޑީސީން ސިޓީ ކައުންސިލަށް ދިނުމެވެ. އެކަމަކު މިކަމާ މެދު ވެސް އޮތީ ގޮތެއް ނުނިމި އެވެ.

ބަޖެޓުގެ ދަތިކަން ހުއްޓަސް އެ ހިދުމަތް ހަވާލުކޮށްފި ނަމަ ސިޓީ ކައުންސިލުން ހަވާލުވާން ތައްޔާރު ކަމަށް މުއިއްޒު މިއަދު ވަނީ ވިދާޅުވެފަ އެވެ.