Roadha Mihaaru
އެޗްޑީސީ އުވާލަން ޖެހޭ: މުއިއްޒު

މާލޭގެ މީހުންނަށްޓަކައި އެޗްޑީސީ އުވާލަން ޖެހޭ: މުއިއްޒު

28 ޑިސެމްބަރ 2021

މާލޭގެ މީހުންގެ ހައްގުގައި އެޗްޑީސީ އުވައިލުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލޭގެ މީހުންގެ ހައްގުގައި އެޗްޑީސީ އުވައިލުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައިފި އެވެ.

އޭނާ އެހެން ވިދާޅުވީ، ހުޅުމާލޭގެ ބިމުގެ އިހުތިސާސްގެ މައްސަލައިގައި އެޗްޑީސީ އާއި މާލޭ ސިޓީ ކައުންސިލް ދެމެދު ދެބަސްވުން އުފެދިފައި ވަނިކޮށް، މީހުން ދިރިއުޅުމަށްޓަކައި ބީލަމުގެ އުސޫލުން ބޮޑު އަގެއްގައި 60 ބިމެއް ވިއްކަން އެޗްޑީސީން އިއްޔެ އިއުލާން ކުރުމާ ގުޅިގެންނެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ދެ އަހަރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެޗްޑީސީ އަކީ މާލޭގެ ރައްޔިތުންގެ ހައްގުތަކަށް އޮތް ހުރަހަކަށް ވެފައިވާ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހުޅުމާލެ ޑިވެލޮޕްމެންޓް ޔުނިޓް (އެޗްޑީޔޫ) ގެ ނަމުގައި އުފެއްދި ނަމަވެސް އެކި ނަންނަމަށް ފަހުން ބަދަލުކުރަމުން އަންނަ ކުންފުނި އުވާލައި މާލޭގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދަކީ ގާނޫނުން ބުނާ ފަދައިން ރައްޔިތުން ހޯވާފައިވާ ކައުންސިލުން ބަލަހްޓާ ތަނަކަށް ވާން ޖެހޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މާލެ ރައްޔިތުންގެ ހައްގުގައި އެޗްޑީސީ އުވާލަން މިހާރު އެބަޖެހޭ -- މުއިއްޒު

ހުޅުމާލެ ބެލެހެއްޓުމާއި ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އެޗްޑީސީގެ ދަށުގައި ވަނިކޮށް، ސިޓީ ކައުންސިލުން ކުއްލި ގޮތަކަށް ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލްކުރި އެވެ. ރަޖިސްޓަރީ ބާތިލް ކުރީ އިދިކޮޅު ޕީޕީއެމްގެ ޖަލްސާއެއް ހުޅުމާލޭގައި ބާއްވަން އުޅުމުން އެޗްޑީސީން ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވުމުންނެވެ.

ނަމަވެސް ރަޖިސްޓަރީ ބާތިލް ކުރި މައްސަލަ އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެ ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށް އަމުރުކޮށްފަ އެވެ.

ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި ހުޅުމާލެ ތަރައްގީ ކުރުމަށް އެޗްޑީސީ އަށް ލިބިފައި އޮތް ހައްގަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ނުކުރުމަށާއި އަދި ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރަން އަންގާ ކަމަށް އެ އަމުރުގައިވެ އެވެ. އަދި އެފަދަ ކަމެއް ކުރާ ނަމަ، އެކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.

މާލެ ސިޓި ކައުންސިލުން ވަނީ އެ އަމުރު އިސްތިއުނާފް ކުރުމަށް މި ހަފުތާގައި ހައި ކޯޓަށް ފޮނުވަން ނިންމައިފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބޮޑު އަގުގައި 60 ބިމެއް ވިއްކަން އެޗްޑީސީން އިއްޔެ ހުޅުވާލުމުން މާލެ ސިޓީ ކައުންސިލުން ވަނީ އެކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހުޅުމާލެ ޑިވެލޮޕްްމަންޓް ކޯޕަރޭޝަންގެ ނަމުގައި އެޗްޑީސީ ފުރަތަމަ އުފެއްދީ މާޗު 2005 ގައެވެ. އަދި 2009 ގައި އެ ނަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަނަށް ބަދަލު ކުރި ނަމަވެސް ހުޅުމާލެ ތަރައްގީ ކުރުމާއި ބިން ދޫކުރުމާއި ހުޅުމާލެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން ހެދުމުގެ މެންޑޭޓު އޮތީ އެ ކުންފުނީގަ އެވެ.