Roadha Mihaaru

ނަބާ: ކުރިމަގުގެ ތަރިއަކީ މިއީ!

20 ޑިސެމްބަރ 2021

މި އަހަރުގެ ގައުމީ ޓެނިސް ޗެމްޕިއަންކަން، ނަބާ ނިޝާން ހޯދުމުން، ރާއްޖޭގެ ޓެނިހުގެ ތާރީހުގައި މުޅިން އާ ސޮފްހާއެއް އޭނާ ލިޔެފި އެވެ. އުމުރުން އެންމެ 11 އަހަރުގައި ގައުމީ ޗެމްޕިއަންކަން ހޯދުމުން އޭނާ ވެފައި ވަނީ، ގައުމީ ޓެނިސް މުބާރާތް ކާމިޔާބު ކުރި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މި އަހަރުގެ ގައުމީ ޓެނިސް ޗެމްޕިއަންކަން، ނަބާ ނިޝާން ހޯދުމުން، ރާއްޖޭގެ ޓެނިހުގެ ތާރީހުގައި މުޅިން އާ ސޮފްހާއެއް އޭނާ ލިޔެފި އެވެ. އުމުރުން އެންމެ 11 އަހަރުގައި ގައުމީ ޗެމްޕިއަންކަން ހޯދުމުން އޭނާ ވެފައި ވަނީ، ގައުމީ ޓެނިސް މުބާރާތް ކާމިޔާބު ކުރި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

އެކަމަކު ޓެނިހުގެ ދަނޑުގައި އުމުރުން ހަގު، މި ޗެމްޕިއަން އެންމެ ފުރަތަމަ ކުޅެން ފެށީ އެ ކުޅިވަރެއް ނޫނެވެ.

"ފިޓްކޮށް ހުންނަން ވެގެން ސްޕޯޓްސްއެއްގައި ހަރަކާތްތެރިވުމުގެ ގޮތުން ކަޒިންއަކާ އެކު ގޮސް ޓެނިސް ކުޅެން ފެށީ. ސަބަބަކީ އޭގެ ކުރިން ކުޅުނު އެއްވެސް ކުޅިވަރެއްގައި މާ ބޮޑަކަށް ވޯކް ކުރާ ގޮތެއް ނުވި. އެކަމަކު ޓެނިސް ކުޅެން ފެށީމަ ޝައުގުވެރިވީ،" މެޑިކަލް ދެ ޑޮކްޓަރުން ކަމަށްވާ، ޑރ. އަހްމަދު ނިޝާން އާއި ޑރ. ނަޒްމާ ހަމީދުގެ ދަރިފުޅު ކިޔައިދިނެވެ.

ނަބާގެ ބައްޕަ، ނިޝާން ވިދާޅުވި ގޮތުގައި ނަބާގެ ފިޓްނަސް އަށް ވިސްނައިގެން ގިނަ ކުޅިވަރުތަކަކަށް ގެންދިޔަ އެވެ. ޓީމު ސްޕޯޓްސްގައި ބާސްކެޓްބޯޅަ އަށް ގެންދިޔަ އެވެ. އެކަމަކު އެ ކުޅިވަރަށް އޭނާގެ ޝައުގުވެރިކަން ނުޖެހުނެވެ. ސަބަބަކީ އަމިއްލަ ޒޯންގައި އެކަނި ހުރެގެން ކުޅެވޭ ކުޅިވަރަކަށް ނުވާތީ ކަމަށް ނިޝާން ވިދާޅުވި އެވެ.

ގައުމީ ޓެނިސް ޗެމްޕިއަން ނަބާ: ޓެނިސް ކުޅެން ފެށީ ފިޓްސަން ހިފެހެއްޓުމަށް --- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ގައުމީ ޓެނިސް ޗެމްޕިއަން ނަބާ: ޓެނިސް ކުޅެން ފެށީ ފިޓްސަން ހިފެހެއްޓުމަށް --- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އެއްވެސް ޓީމު ސްޕޯޓްސްއެއްގައި ނަބާ އަށް ކުޅެވޭގޮތެއް ނުވި. ނަބާ ވަރަށް ބިރުގަނޭ އެހެން މީހެއްގެ ގައިގައި ޖެހި ވެއްޓި ކުއްލިއަކަށް ކަމެއް ވެދާނެތީ،" އޭޑީކޭ ހޮސްޕިޓަލްގެ ހެޑް އޮފް ސާޖަރީ ޑިޕާޓްމެންޓްގެ މަގާމު އަދާކުރައްވަމުން އަންނަ ނިޝާން ވިދާޅުވި އެވެ.

"އެކަމަކު ޓެނިސް ކުޅެން ފެށީމަ މިވާގޮތަކީ ނަބާ އަށް އިހްސާސް ކުރެވެނީ ނަބާގެ ޒޯންގައި ހުރެގެން ކަން މިކަން މި ކުރެވެނީ. އެހެންވެ ވަރަށް ކޮމްފަޓްބަލްކޮށް ޓެނިސް ކުޅެން ފެށީ."

އިންޑަވިޖުއަލް ކުޅިވަރުގައި ނަބާ އެންމެ ފުރަތަމަ ކުޅެން ފެށީ، ބެޑްމިންޓަނެވެ. ނިޝާން ވިދާޅުވި ގޮތުގައި ބެޑްމިންޓަން ވެސް ވަރަށް ރަނގަޅަށް ނަބާ ކުޅުނެވެ.

ޓެނިހުގެ ގައުމީ ޗެމްޕިއަންކަމާ ހަމައަށް ވާސިލުވުމުގެ ކުރިން އުމުރުފުރާ ލެވަލްގައި ގިނަ ކާމިޔާބުތަކެއް ނަބާ ހޯދި އެވެ. ޗެމްޕިއަނެއްގެ ގޮތުގައި މިހާތަނަށް 27 މެޑަލް ކަރުގައި އަޅުވާލި ނަބާ، ކާމިޔާބުގެ ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރަމުން، ގައުމީ ޗެމްޕިއަން ކަމާ ހަމައަށް ވާސިލުވުމާ އެކު އޭނާގެ ކެރިއާ ބިނާ ކުރުމަށް މުޅިން އާ ދަތުރަކަށް އޭނާގެ މައިންބަފައިން ވަނީ ތައްޔާރު ވެފަ އެވެ.

ޑރ. ނިޝާން ނަބަ އަދި ޑރ. ނަޒްމާ

ޑރ. ނިޝާން ނަބަ އަދި ޑރ. ނަޒްމާ

ދަރިފުޅުގެ ޓެނިހުގެ ކެރިއާ ބިނާކޮށްދިނުމަށް ވަގުތު ހުސްކުރުމުގެ ގޮތުން ޑރ. ނަޒްމާ މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ސިނިއާ ގައިނޮކޮލޮޖިސްޓެއްގެ މަގާމުން ވެސް ވަކިވެ ވަޑައިގެންފަ އެވެ. ބައިނަލްއަގުވާމީ ފެންވަރަށް ގެންދިއުމަށް ބޭނުންވާ ޓްރޭނިންތައް ކުރިއަށް ގެންދިއުމަށް އިންޑިއާގެ ބެންގަލޫރަށް ނަޒްމާ ބަދަލުވެ ވަޑައިގަންނަވާ ގޮތަށް މިހާރު ވަނީ ނިންމަވައިފަ އެވެ.

"އެއް އަހަރަށް ޕްލޭން މި ކުރަނީ. ފުރަތަމަ ބަލައިފަ ރަނގަޅު ވެއްޖިއްޔާ ދެން ކުރިއަށް ގެންދާ ގޮތަށް،" ނަބާގެ ޓްރޭނިން އަށް އިންޑިއާ އަށް ބަދަލު ކުރުމާ ބެހޭގޮތުން ނިޝާން ވިދާޅުވި އެވެ.

އެކަމަކު ނިޝާން މާލޭގައި މަޑުކުރައްވާނެ އެެވެ.

ވާސިލުވާން ބޭނުންވާ ޓާގެޓް

ނަބާ ބުނި ގޮތުގައި އޭނާގެ ކެރިއާގައި ޝޯޓް ޓާމް ޓާގެޓްތަކެއް އަދި ލޯންގް ޓާމް ޓާގެޓްތަކެއް އެބަހުއްޓެވެ.

"ޝޯޓްޓާމް ޓާގެޓަކީ އައިޓީއެފްގެ މެއިން މުބާރާތަށް ކޮލިފައިވުން. އެއީ ޓީމު އިވެންޓް ޓޯނަމަންޓެއް،" ސެޕްޓެމްބަރު މަހު ޕާކިސްތާންގައި ބޭއްވި އައިޓީޓީއެފް ޖޫނިއާ ޗެމްޕިއަންޝިޕް ކޮލިފައިންގައި ތިން ވަނަ ހޯދި ރާއްޖޭގެ ޓީމުގައި ހިމެނުނު ނަބާ ބުންޏެވެ.

"ލޯންގް ޓާމް އަކީ ގްރޭންޑް ސްލޭމް ޓެނިސް ޓޯނަމަންޓް."

ގައުމީ ޓެނިސް ޗެމްޕިއަން ނަބާ: އޭނާގެ ބޮޑު ޓާގެޓަކީ ގްރޭންޑް ސްލޭމް މުބާރާތް --- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ގައުމީ ޓެނިސް ޗެމްޕިއަން ނަބާ: އޭނާގެ ބޮޑު ޓާގެޓަކީ ގްރޭންޑް ސްލޭމް މުބާރާތް --- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ސްރީ ލަންކާގައި ބޭއްވި ޖޫނިއާ އިންޓަނޭޝަނަލް ހަތަރު މުބާރާތެއްގައި ވާދަކޮށް ތިން މުބާރާތް ކާމިޔާބު ކުރި، ނަބާގެ އިތުރު ޓާގެޓްތަކެއްގެ ގޮތުގައި އޮތީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގައި މެޑަލް ހޯދުން ކަމަށް ނިޝާން ވިދާޅުވި އެވެ.

"މި ދެ ގޭމްސް އަކީ ރާއްޖެ އަށް ވަރަށް މުހިންމު ދެ މުބާރާތް. ހާއްސަކޮށް މި ދެ ގޭމްސްގައި އަދި މިހާތަނަށް ޓެނިސްގައި މެޑަލްއެއް ލިބިފައި ނެތީމަ އެއަށް ބަލާއިރު ވެސް ވަރަށް މުހިންމު ދެ ގޭމްސް މިއީ،" ނިޝާން ވިދާޅުވި އެވެ.

ކިޔެވުމާއި ކުޅިވަރު އެއްކޮށް ގެންދެވިދާނެ

މަޖީދިއް ސްކޫލްގައި ކިޔަވަމުން އަންނަ ނަބާ އަކީ ކިޔެވުމުގައި ވެސް މޮޅު ދަރިވަރެކެވެ. އެ ސްކޫލްގެ ގްރޭޑް 7 ގައި ކިޔަވަމުން އަންނަ ދަރިވަރަކީ ކްލާހްގެ އެންމެ ޓޮޕް 2 ދަރިވަރުންގެ ތެރޭގައި ހިމެނޭ ދަރިވަރެކެވެ.

"އެކެޑެމިކް އެކްޓިވިޓީތަކުން ވެސް އެއް ވަނަ ނޫނީ ދެވަނަ ނަބާ ގެންނާނެ،" ނިޝާން ވިދާޅުވި އެވެ. "އަދި ސްކޫލްގައި ބާއްވާ އެކިއެކި ކަރިކިއުލާ އެކްޓިވިޓީތައް ސްޕެލިން ކޮންޓެސްޓް ކަހަލަ އެކްޓިވިޓީތަކުން ވެސް އެއް ވަނަ ގަންނާނެ."

ނިޝާން ވިދާޅުވި ގޮތުގައި ނަބާ އަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ކުއްޖެކެވެ. އޭނާ ބުނީ ސްކޫލްގެ އިތުރުން ބައެއް އަމިއްލަ ފަރާތްތަކުން ބާއްވާ ގުރުއާން މުބާރާތްތަކުން ވެސް އެއް ވަނަ ގެނެސްފައިވާ ކަމަށެވެ.

ނަބާ އޭނާގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮ އާ އެކު

ނަބާ އޭނާގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮ އާ އެކު

ފަލާހް ގުރުއާން މުބާރާތުން ވެސް އުމުރުފުރާގައި ޓޮޕް ފައިވްގައި ހިމެނުނެވެ. އަލް ކައުން މުބާރާތުން ދެވަނަ މަގާމު ހޯދައިފައި ވެއެވެ. ބިލަބޮންގް ސްކޫލްގައި ކިޔެވި ދުވަސްވަރު އެ ސްކޫލް ބައެއް މުބާރާތްތަކުން އެއް ވަނަ ހޯދާފައިވާކަން، ނިޝާން ފާހަގަ ކުރެއްވި އެވެ.

ޓްރޭނިން އަށް ހާއްސަކޮށް އެއް އަހަރު އިންޑިއާ އަށް ބަދަލުވިއަސް ނިޝާން އާއި ނަޒްމާގެ ޕްލޭންކުރައްވާފައި އޮތީ ކުޅިވަރާ އެކު ތައުުލީމު ފޯރުކޮށްދެވޭނެ އިންތިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށެވެ.

ސްކޫލްގެ ހަޔާތް ނިމި މަތީ ތައުލީމުގެ މަރުހަލާ އަށް ވާސިލުވުމުގައި ވެސް ޓެނިސް ނަބާ އާ ވަކި ނުވާނެ ގޮތަކަށް ގެންދިއުމަށް އިސްކަން ދެއްވާނެ ކަމަށް ނިޝާން ވިދާޅުވި އެވެ.