Roadha Mihaaru
މަހުގެ އަގު އަންނަ އަހަރު މަތިވާން ފަށާނެ: ރައީސް

އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު މަހުގެ އަގު މަތިވާން ފަށާނެ: ރައީސް

11 ޑިސެމްބަރ 2021

މަސްވެރިންނަށް ހަމަ އަގު ނުލިބޭ މައްސަލަ އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ހައްލުވާން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްވެރިންނަށް ހަމަ އަގު ނުލިބޭ މައްސަލަ އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ހައްލުވާން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކ. ގާފަރުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ މަހަށް ހަމަ އަގު ހޯދުމަށް ސަރުކާރުން އެތައް މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އެކަން ހާސިލްވާނެ ކަމުގެ އުއްމީދު ލިބިފައިވާ ކަމަށާއި އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މަހުގެ އަގުމަތިވާން ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރަނގަޅެއް ހޯދުމަށް މަސްވެރިންނާއި ސަރުކާރު އެކުގައި ތިބުމަށް ބޭނުންކުރި ހިތި ބޭހުގެ ފޮނި ނަތީޖާ ފުރަތަމަ ފެންނަން ފަށާނީ އެ ދުވަހު،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މަހުގެ އަގާ ގުޅޭ އެންމެ ބޮޑު އެއްކަމަކީ މަހުގެ ކޮލިޓީ އެވެ. އެ ކޮލިޓީ ހިފެހެއްޓުމަށް ވަށާޖެހޭ ނިޒާމެއް ބިނާކުރުމަށް ސަރުކާރުން ބޮޑު އިންވެސްޓެއް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ. އެއީ އައިސް ލިބުމުގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސްޕްލާންޓް ގާއިމުކުރުމެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރ. މަޑުއްވަރީ އަދި ހއ. ހޯރަފުށީގައި ގާއިމްކުރި އައިސްޕްލާންޓާއި ފެލިވަރުގައި އިތުރު 50 ޓަނުގެ އައިސްޕްލާންޓެއް ބަހައްޓާފައިވެ އެވެ. އިތުރު 12 އަތޮޅެއްގައި ޖުމްލަ 18 އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

"އަލަށް މި ހުޅުވުނު އައިސްޕްލާންޓުތަކާ އެކު އަދި އިތުރަށް ގާއިމްކުރެވޭ އައިސްޕްލާންޓުތައް ނިމުމުން ހެޔޮ ބަދަލަކުން ބޮޑު ތަފާތެއް ފެންނާނެ. އޭރުން މަހެއްގެ މައްޗަށް ޖުމްލަ 15000 ޓަނަށްވުރެ ގިނައިން އައިސް އުފެއްދޭނެ ގާބިލުކަން ދިވެހި މަސްވެރިކަމުގެ ސިނާއަތަށް އިތުރުވެގެންދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރަނގަޅެއް ހޯދުމަށް މަސްވެރިންނާއި ސަރުކާރު އެކުގައި ތިބުމަށް ބޭނުންކުރި ހިތި ބޭހުގެ ފޮނި ނަތީޖާ ފުރަތަމަ ފެންނަން ފަށާނީ އެ ދުވަހު.

ދިވެހިން ބާނާމަސް ޕްރޮސެސް ނުކޮށް ރޯމަހުގެ ގޮތުގައި އެކްސްޕޯޓް ކުރުމުގެ ނަތީޖާއަކީ، ރައީސް ވިދާޅުވި ގޮތުގައި، އެ ސިނާއަތް ތަރައްގީވާންޖެހޭ ވަރަށް ތަރައްގީ ނުވެ، ރާއްޖޭގެ މަހުގެ އުފެއްދުންތެރިކަން ގައުމުގެ އެތެރޭގައި ހިފެހެއްޓި، ހުއްޓުން އަރާފައި އޮތުމެވެ. އެއާއެކު، ދިވެހި މަހުގެ ފައިދާ އެހެން ގައުމުތަކުން ނަގަމުން ދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ.

"މަހުގެ ސިނާއަތް ފުޅާކޮށް އޭގެ ނަފާ އިތުރުކުރެވޭނީ ހަމައެކަނި ރޯމަސް އެކްސްޕޯޓް ކުރުމުގެ ވިސްނުން ދޫކޮށްލައިގެން. އޭގެ ބަދަލުގައި ބާނާ މަހަށް އެކުވި-އަގެއް ލިއްބައިދެވޭނެ ވެލިއުޑް އުފެއްދުންތަކެއްގެ ގޮތުގައި މަސް އެކްސްޕޯޓް ކުރެވިގެން،" އެ މަނިކުފާނު ވިދާޅުވި އެވެ.

"ފެލިވަރު، ކޫއްޑޫ، ކަނޑުއޮތްގިރި އަދި ތިނަދު އާއި މުލަކުގައި ގާއިމުކުރެވޭ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުން ކުރިއަށްދާނެ. އެއީ ޖުމުލަ ކެޕޭސިޓީ 9000 ޓަނަށްވުރެ އިތުރުވެގެންދާނެ މަޝްރޫއެއް. މި މަޝްރޫއުތައް ނިމުމުން މަސްވެރިންގެ އަތުން މަސް ގަނެވޭ މިންވަރު ދުވާލެއްގެ މައްޗަށް 61 އިންސައްތަ މިހާރަށް ވުރެ އިތުރުކުރުމުގެ ގާބިލުކަން މިފްކޯއަށް ލިބިގެންދާނެ،"

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައިސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައިސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ބޮޑުކަންނެލީގެ މަސްވެރިންނަށް ވެސް ފައިދާ އިތުރުކުރެވޭނީ ރާއްޖޭގައި ޕްރޮސެސް ކުރުން މަތިކުރެވިގެން ކަމަށްވާތީ ކަނޑުއޮތްގިރި އިތުރަށް ތަރައްގީކޮށް ސްޓޯރޭޖާއި ޕެކޭޖިން ކެޕޭސިޓީ އިތުރުކުރުމަށް ތައްޔާރުވަމުން ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަސައްކަތް ނިމުމުން އަމިއްލަ ފަރާތްތަކަށް އެ ފެސިލިޓީގައި ބޮޑުކަންނެލި އެކްސްޕޯޓް ކުރުމަށް ޕެކޭޖިން މަސައްކަތް ކުރިއަށް ގެންދެވޭނެ އެވެ. މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތާއެކު އެކަންކަމަށް ވަގުތީ ހައްލުތަކެއް ވެސް ގެނެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، މިފްކޯއަށް މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކޮށް، ދުވާލަކު 100 ޓަނު މަސް ފިނިކުރެވޭ އަދި 300 ޓަނު މަސް ސްޓޯ ކުރެވޭ ބޯޓެއް މުޅިން އަލަށް ހޯދައި ހިދުމަތަށް ނެރެން ތައްޔާރުވެފައިވާ ކަން ފާހަގަކުރެއްވި އެވެ.

މި އަހަރަކީ މިފްކޯއަށް ރެކޯޑް އަދަދަކަށް މަސް ކިރާފައިވާ އަހަރަކަށް ވެގެންދާނެ އެވެ. މި އަހަރުގެ މިހާތަނަށް 50,000 މެޓްރިކް ޓަނަށްވުރެ ގިނަ މަސް މިފްކޯއަށް ކިރާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ މިހާތަނަށް މަސްވެރިންނަށް ޖުމްލަ 775 މިލިއަން ރުފިޔާ ދީފައިވެ އެވެ. މިއީ ފާއިތުވީ 15 އަހަރުގެ ތެރޭގައި އެންމެ ގިނައިން މިފްކޯއަށް މަސް ގަނެފައިވާ އަހަރެވެ.