Roadha Mihaaru

ބޮޑު ކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: ރައީސް

ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ މީހުންގެ ޝަކުވާތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދަނީ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

10 ޑިސެމްބަރ 2021

ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ މީހުންގެ ޝަކުވާތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެ ޔަގީންކަން ދެއްވީ މިއަދު ފާހަގަކުރާ މި އަހަރުގެ މަސްވެރިންގެ ދުވަހާ ދިމާކޮށް، ބޮޑުކަންނެލީގެ މަސްވެރިން ކަނޑުމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވެ ވަޑައިގެން، ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ވާހަކަފުޅުގައި ބޮޑުކަންނެލީގެ މަސްވެރިންގެ ޝަކުވާތަކަށް ހައްލު ގެނެސްދީ، ބޮޑުކަންނެލި ކިރޭ އަގު އިތުރު ކުރާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި އިތުރު ގައުމުތަކަށް މަސް ވިއްކޭނެ ގޮތަށް މާކެޓް ފުޅާކުރުމާއި މަހުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އިތުރު 18 އައިސްޕްލާންޓް ގާއިމު ކޮށްދޭނެ ދިނުމުގެ އިތުރުން މާލެ ސަރަހައްދުގައި މަސްވެރިންނަށް ބަނދަރު ކުރެވޭނެ އިންތިޒާމެއް ރާވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މަސްވެރިންގެ މުޒާހަރާގައި ރައީސް ބައިވެރިވެވަޑައިގަތްއިރު، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި އެ މަނިކުފާނު މިއަދު ވަނީ ކ. ގާފަރަށް ވަޑައިގެންފަ އެވެ.

އެ ރަށަށް ކުރައްވާ ދަތުރުފުޅުގައި މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ ޝަރަފުވެރިކޮށް ދެއްވުމުގެ އިތުރުން ގާފަރުގައި ސަރުކާރުން ގާއިމު ކޮށްފައިވާ އައިސްޕްލާންޓް ހުޅުވައިދެއްވާނެ އެވެ.