Roadha Mihaaru

މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި ބޮޑު ލުޔެއް

ދައުލަތުގެ މަސްކުންފުނި މިފްކޯ އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު މާދަމާ އިން ފެށިގެން ހެޔޮކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.

މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި ބޮޑު ލުޔެއް

ދައުލަތުގެ މަސްކުންފުނި މިފްކޯ އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު މާދަމާ އިން ފެށިގެން ހެޔޮކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.

ރ. ދުވާފަރުގައި ބޭއްވި މަސްވެެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، މިފްކޯ އިން މަސްވެރިންނަށް ވިއްކާ ތެލުން އެވްރެޖުކޮށް 51 ލާރި އަގު ހެޔޮވާނެ ކަމަށެވެ. އަދި ތިން ޓަނަށް ވުރެ މަތިން އެ ކުންފުންޏަށް މަސްކިރާ ފަރާތްތަކަށް އެވްރެޖުކޮށް 71 ލާރި ތެލުން އަގުހޮޔޮވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ލުއި މިފްކޯގެ ހުރިހާ ސްޓޭޝަންތަކުން މަސްވެރިންނަށް ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިފްކޯ އަށް މަސްކިރާ ހުރިހާ ފަރާތްތަކަށް ނަމަ މާދަމާ އިން ފެށިގެން ތެޔޮ ވިއްކާނީ 13.90 ލާރި އަށެވެ. އާންމު ފަރާތެއް ނަމަ އެ ކުންފުނިން ތެޔޮ ވިއްކާނީ 14.43ލާރި އަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ބައިވެރިވި ބައެއް މަސްވެރިން.---ފޮޓޯ: ރައީސް އޮފީސް

ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ބައިވެރިވި ބައެއް މަސްވެރިން.---ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ، އެ ބަދަލާ އެކު އެވްރެޖުކޮށް ހާހެއްހާ ރުފިޔާ މަސްވެރިންނަށް ރަައްކާ ކުރެވޭނެ ކަމަށެވެ.

"މިއީ އިރާދަކުރެއްވިއްޔާ އެސްޓީއޯގެ ބޭސް ރޭޓުގައި އެސްޓީއޯ އިން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ފިއުލް ސްޓޭޝަން ހެދުމުގެ އިތުރަށް އެފްއެސްއެމް އާއި މިފްކޯއާ ގުޅިގެން ގެނެވުނު އެރޭޖުމަންޓެއްގެ ދަށުން މިފްކޯ އިން ސީދާ މަސްވެރިންނަށް ތެޔޮ ވިއްކުމުގައި ދެވޭ ވަރަށް ބޮޑު ލުޔެއް. އަދި އޭގެ ސަބަބުން މަސްވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް އާމްދަނީއަށް ލިބިގެންދާނެ ކުރިއެރުންތަކެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ރަައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގެ އެއް ރަށުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކުމުގެ އަމަލީ މަސައްކަތް ވެސް މިއަދު ފަށާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެއީ ދުވާފަރުގައި އެ އަގުގައި މިއަދު ތެޔޮ ވިއްކަން ފެށުމެވެ.

ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މިރޭ ވިދާޅުވީ، އެ މަނިކުފާނު ވައުދުވި ގޮތަށް ކޮންމެ އަތޮޅެއްގެ ކޮންމެވެސް އެއް ރަށަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކުމުގެ ހިދުމަތް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ދީ ނިންމާނެ ކަަމަށެވެ.

މިފްކޯ އަށް ގަންނަ ކަޅުބިލަމަހުގެ ތެރެއިން ރަނގަޅު އަގު ލިބޭ، ސައިޒުގެ މަހަކީ 1.5 ކިލޯއަށް އޮތްއޮތުން ބަދަލުކޮށް ކިލޯއަކަށް ވުރެ ބަރު ނަމަ އެންމެ މަތީ ރޭޓުގައި މަސް ގަންނަން ނިންމިކަން ވެސް ރައީސް މިރޭ އިއުލާން ކުރެއްވި އެވެ.

މިފްކޯ އިން މިހާރު ކަޅުބިލަމަހާއި ކުދި ކަންނެއްޔަށް ދޭ އެންމެ ބޮޑު އަގަކީ ކިލޯއަކަށް 16 ރުފިޔާ އެވެ. އަދި ކުދިމަސް ކަމަށް ބަލާ މިންގަނޑަކީ 1.5 ކިލޯއަށް ވުރެ ލުއިވުމެވެ.

ރައީސް މިރޭ އިއުލާން ކުރެއްވި ގޮތުގައި ކަޅުބިލަމަހާއި ކުދި ކަންނެލި މިފްކޯ އަށް މާދަމާ އިން ފެށިގެން އެންމެ ދަށްވެގެން ގަންނާނީ 16ރ. އަށެވެ.

"މާނައަކީ މިފްކޯއަށް އެ ދުވަހަކު 17ރ. އަށް ގަނެވެންޏާ، 18ރ. އަށް ގަނެވެންޏާ އެ ބޭފުޅުން އަދި އެ އަށް ވުރެ މައްޗަށް ވެސް ގަނެވެންޏާ މިފްކޯ އިން ކަނޑައަޅާނެ އެ ވަގުތަކު ގަނެވޭނެ އެންމެ މަތީ އަގު. އެންމެ ދަށްކޮށް 16ރ. [މަސް ގަންނާނީ]،" ތަފުސީލް ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.