Roadha Mihaaru
އައިސް ޕްލާންޓްތައް ހިންގުން ކައުންސިލްތަކަށް

އައިސް ޕްލާންޓްތައް ހިންގުން ކައުންސިލްތަކަށް

12 ޑިސެމްބަރ 2018

އައިސް ޕްލާންޓްތަކާއި މަސް ޕްލާންޓްތައް ކައުންސިލާއި ރައްޔިތުން ހިއްސާވާގޮތަށް ހިންގުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އައިސް ޕްލާންޓްތަކާއި މަސް ޕްލާންޓްތައް ކައުންސިލާއި ރައްޔިތުން ހިއްސާވާގޮތަށް ހިންގުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 38 ވަނަ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް، ފުޅާ ދާއިރާއެއްގައި ޒުވާނުން މަސްވެރިކަން ކުރާ ގއ، ގެމަނަފުށީގައި މިރޭ ބޭއްވި ޖަލްސާގައި މަސްވެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން ރައީސް ވަނީ ހަނދާނީ ލިޔުން ދެއްވައިފަ އެވެ.

ގިނަ އަދަދެއްގެ މަސްވެރިންނާއެކު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަސްވެރިންނަށް އެންމެ ފައިދާވާގޮތަށް އައިސް ޕްލާންޓްތައް ހިންގުމަށްޓަކައި އެތަންތަން ރަށު ކައުންސިލްތަކުގެ ހިއްސާއާއެކު ހިންގުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"އައިސް ޕްލާންޓްތައް އެގޮތަށް ހަމަޖެހުމުން އެތަންތަން ހިންގާނީ މަސްވެރިންނަށް އެންމެ ލާބަ ލިބޭގޮތަށް. މަސްވެރި މުޖުތަމައުގެ ބައިވެރިވުމާއި ރޭވުންތެރިކަމާ އެކު. މިއީ މަސްވެރިކަމުގެ ސިނާއަތުގައި ރައްޔިތުން ބައިވެރި ކުރުމުގެ މުހިންމު ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވި އެވެ.

ގއ ރަށެއްގައި ގާއިމްކޮށްފައިވާ އައިސް ޕްލާންޓެއް--

ގއ ރަށެއްގައި ގާއިމްކޮށްފައިވާ އައިސް ޕްލާންޓެއް--

ރަށްރަށުގައި ކުދި މަސް ޕްލާންޓް ގާއިމްކުރުމަށްޓަކައި ވަސީލަތްތައް ގާއިމްކޮށްދިނުމަކީ ސަރުކާރުގެ ވައުދަކަށްވާއިރު ރައްޔިތުންނާއި ކައުންސިލްގެ ހިއްސާ އޮންނަ ގޮތަށް އެކަން ކުރުމަށް ދިރާސާ ކުރަން ފަށާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ނޫ އިގްތިސާދަކުން ލާމަރުކަޒު ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ޖަޒީރާ ވަންތަ ތަރައްގީ ގެނައުމަކީ މި ސަރުކާރުގެ އަމާޒު،"

މަސްވެރިން ގިނަ ގެމަނަފުށީގައި މިހާރު ބޭނުން ކުރަމުން އަންނަ އައިސް ޕްލާންޓުގެ ކެޕޭސިޓީ ދެ ގުނައަށް އިތުރުކޮށް 50 ޓަނުގެ އައިސް އުފައްދާ ޕްލާންޓެއް އެރަށުގައި ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ރައީސް މިރޭ ރައީސް ވިދާޅުވި އެވެ.

"މިރަށުގެ މަސްވެރިންގެ ވެސް އެންމެ ބޮޑު ޝަކުވާއަކީ އައިސް ނުލިބުމުގެ މައްސަލަ. މިހާރު މި ރަށުގައި ހުރި 25 ޓަނުގެ އައިސް އުފައްދާ ޕްލާންޓް ވަނީ ކުޑަވެފައި،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ މަސް ފިނިކުރެވޭނެ ނިޒާމްތައް ދޯނިފަހަރުގައި ގާއިމް ކުރުމަށް ލޯނު ސްކީމެއް ތައާރަފް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މަސްވެރިންނާ މުހާތަބު ކުރައްވަމުން ރައީސް އިތުރަށް ވިދާޅުވީ މަސް އޮޑިފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެކަން ކުރާނީ ބޭންކުތަކާ ގުޅިގެން ސްކީމެއް ތައާރަފް ކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ތަމްރީނު ނުލިބި ފީނުމުގެ ސަބަބުން ދިމާވާ ހާދިސާތަކުގައި މަސްވެރިން ނުކުޅެދޭ ހާލަތަށް ދިއުމާއި ފުރާނަ ގެއްލުންފަދަ ހިތާމަވެރި ހާދިސާތައް ހިންގުން ހުއްޓުވުމަށް މުޅި ރާއްޖެއަށް އަމާޒު ކޮށްގެން ހޭލުންތެރި ކުރުމުގެ ޕްރޮގުރާމްތައް ހިންގަން ފައްޓަވާނެ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވި އެވެ.

ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ގެ މައްސަލަ ކުރިމަތިވުން ރާއްޖޭގައި މިހާރު ދަނީ އާންމުވަމުންނެވެ. ހާއްސަކޮށް ވައި ފުޅީގައި ޑައިވްކުރުމުގެ ތަމްރީނު ނެތި އެން ހިފާށާއި ފާނަ ހިފަން ފީނާ މަސްވެރިންގެ އެތައް ބަޔަކު މަރުވެ، އަނެއް ބަޔަކު ޕެރަލައިޒް ވުން ފަދަ ހާލަތާ ކުރިމަތިލާން ޖެހިފައިވެ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ފަތިހު ގދ. ގައި އެން ހިފަން ފޭބި ހަތަރު މީހުންގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސްވެ އޭގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް މަސްވެރިކަމުގެ މައުލޫމާތު ގެނެސްދޭ "ގެމަނަފުށީ މަސްވެރިން" ގެ ޕޭޖަށް ރައީސް ވަނީ މިރޭ ތައުރީފް ކުރައްވާފަ އެވެ. މަސްވެރިކަމުގެ ވީޑިއޯއާއި ފޮޓޯތައް ގެނެސްދޭ އެ ޕޭޖްގެ ސަބަބުން ޒުވާނުން މަސްވެރިކަމަށް ޝައުގުވެރި ކުރުވައިފި ކަމަށް ރައީސް ވިދާޅުވި އެވެ.