Roadha Mihaaru
ޓޮޓެންހަމް-ރެނެސް މެޗު އަލުން ނުކުޅޭނެ: ޔޫއެފާ

ޓޮޓެންހަމް-ރެނެސް މެޗު އަލުން ނުކުޅޭނެ: ޔޫއެފާ

12 ޑިސެމްބަރ 2021

ބަސެލް، ސްވިޒަލެންޑް (ޑިސެމްބަރު 11) - ޔޫރަޕުގެ ތިންވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތް، ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާ އާއި ފްރާންސްގެ ރެނެސް ބައްދަލުކުރަން އޮތް މެޗު އަލުން ތާވަލު ނުކުރާނެ ކަމަށް، ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ، ޔޫއެފާ އިން ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބަސެލް، ސްވިޒަލެންޑް (ޑިސެމްބަރު 11) - ޔޫރަޕުގެ ތިންވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތް، ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާ އާއި ފްރާންސްގެ ރެނެސް ބައްދަލުކުރަން އޮތް މެޗު އަލުން ތާވަލު ނުކުރާނެ ކަމަށް، ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ، ޔޫއެފާ އިން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުޅެން އޮތް މި މެޗު ފަސްކުރީ، ޓޮޓެންހަމް ހޮޓްސްޕާގެ ކޮވިޑް-19 ޕީސީއާރު ޓެސްޓުތަކުން 13 ޕޮޒިޓިވް ނަތީޖާ ލިބުމާ އެކު، މެޗު ފަސް ކުރަން ޓޮޓެންހަމުން އެދިގެންނެވެ. އަދި ޓޮޓެންހަމުން މެޗު ފަސްކުރަން އެދުމުން ރެނެސް އިން ވަނީ އެ ނިންމުމަށް ފާޑު ކިޔައިފަ އެވެ.

ޔޫއެފާ ގަވާއިދުގައިވާ ގޮތުން ނަމަ، ޓީމުގައި ގޯލްކީޕަރަކާ އެކު، އެ ޓީމެއްގެ މުބާރާތުގެ 'އޭ' ލިސްޓުގައި ހިމެނޭ 13 ކުޅުންތެރިން ހަމަވާ ނަމަ، މެޗުތައް ޝެޑިއުލާ އެއްގޮތަށް ކުރިޔަށް ދާނެ އެވެ.

ޓޮޓެންހަމުން ކޮވިޑަށް ޕޮޒިޓިވްވި 13 ސާމްޕަލްގެ ތެރޭގައި ހިމެނެނީ އަށް ކުޅުންތެރިންގެ ޕޮޒިޓިވް ނަތީޖާ އެވެ. ނަމަވެސް އެ ކުޅުންތެރިންގެ ނަންތައް ޓީމުން ހާމަކޮށްފައެއް ނުވެ އެވެ.

ޔޫއެފާ އިން މެޗް ކުރިޔަށް ނުގެންދާނެ ކަމަށް ބުނި ނަމަވެސް، މެޗުގެ ނަތީޖާ ކަނޑައަޅާނީ އަންނަ ހަފްތާގައި، ޔޫއެފާގެ އެތިކްސް އެންޑް ޑިސިޕްލިނަރީ ކޮމިޓީންނެވެ. ގުރޫޕް ސްޓޭޖުގައި ފަސްކުރާ މެޗްތައް ޑިސެމްބަރު 31 ގެ ކުރިން ކުޅެން ޖެހޭއިރު، އެ ކޮމިޓީން އަދިވެސް މެޗު އަލުން ތާވަލު ކުރަން ދެ ޓީމަށް ފުރުސަތު ދިނުން ވެސް އެކަށީގެން ވެއެވެ.

މެޗް ކުޅޭނެ ތާރީހެއް ދެ ޓީމަށް ނުނިންމި، ޓޮޓެންހަމުން މެޗު ދޫކޮށްލައިފި ނަމަ، އެ ޓީމު މުބާރާތުން ކަޓާނެ އެވެ. ނަމަވެސް ރެނެސް އިން މެޗު ނުކުޅެ ދޫކޮށްލައިފި ނަމަ ޓޮޓެންހަމަށް ގުރޫޕުގެ ދެވަނަ ލިބި، މުބާރާތުގެ އަނެއް ބުރުގެ ޕްލޭއޮފުން ޖާގަ ލިބޭނެ އެވެ. އަދި މި ވަގުތު ދެވަނައިގައި އޮތް ނެދަލެންޑްސްގެ ވިޓޭސޭ މުބާރާތުން ކަޓާނެ އެވެ. ރެނެސް އިން މެޗު ދޫކޮށްލިޔަސް، އެ ޓީމު އޮންނާނީ ގުރޫޕުގެ އެއްވަނައިގަ އެވެ.

ޓޮޓެންހަމުން މާދަމާ ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށްފައިވާއިރު، އެންމެ އަވަހަށް އެ ޓީމުގެ މެޗެއް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު ލީގުގައި ލެސްޓާ ސިޓީއާ ދެކޮޅަށެވެ. އެއަށް ފަހު 19 ވަނަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅޭއިރު، 22 ވަނަ ދުވަހު ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ލީގު ކަޕުގައި ވާދަކުރާނެ އެވެ.

ލީގު ކަޕް މެޗަށް ފަހު ލީގުގައި މި މަހު ދެ މެޗެއް ތާވަލުކޮށްފައިވެ އެވެ. އެއީ 26 ވަނަ ދުވަހު ކެރިސްޓަލް ޕެލަސްއާ ދެކޮޅަށް އަދި 28 ވަނަ ދުވަހު ސައުތެމްޓަންއާ ދެކޮޅަށެވެ.