Roadha Mihaaru
އާ އެމްޑީންނާ އެކު ކުންފުނިތަކަށް ބޮޑެތި ބަދަލުތަކެއް

ކުންފުނިތައް ބޮޑު ބަދަލެއް: ޝަރީފް ސްޓެލްކޯ އަށް، މުޣުނީ އެނާޖީ އޮތޯރިޓީ އަށް، ވެމްކޯގެ އެމްޑީ ޕޯސްޓަށް

28 ފެބުރުއަރީ 2022

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ބަދަލުކޮށް، ކުންފުނިތައް ހިންގުމަށް ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ބަދަލުކޮށް، ކުންފުނިތައް ހިންގުމަށް ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ނިންމައިފި އެވެ.

ކުންފުނިތަކަށް މި ބަދަލު ގެނައުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ވަނީ ހުށަހަޅައިފަ އެވެ. މި ބަދަލުތަކުގެ ތެރޭގައި ކުރިން އަޑު އެރި ގޮތަށް ސްޓެލްކޯ ވެސް ހިމެނެ އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސަން ނިންމާފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފެވެ. އެ މަގާމުގައި މިހާރު ހުންނެވި ހަސަން މުޣުނީ، އައްޔަންކުރައްވަނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީ އަށެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އާދަމް މުހައްމަދު ބަދަލުކުރަނީ އެނގިފައިވާ ގޮތުގައި ޕޯސްޓް އޮފީހަށެވެ. އެތަނުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަފީގް ބަދަލުކުރާ މަގާމެއް އަދި ކަށަވަރެއް ނޫނެވެ.

މީގެ ކުރިން ވެސް ޝަރީފާ ސްޓެލްކޯ ހަވާލުކުރަން އުޅުނު

ސްޓެލްކޯގެ ހިންގުން ޝަރީފްއާ ހަވާލުކުރަން އުޅޭ ކަމުގެ ވާހަކަތައް މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ދެއްކެވުނެވެ.

އީސީގެ ރައީސްކަމުގެ މަގާމުގެ މުއްދަތު ހަމަވެ ޝަރީފް އިސްތިއުފާ ދެއްވުމާ ގުޅިގެން، ފުރަތަމަ ބޭނުންވީ އެނގިފައިވާ ގޮތުގައި، ފެނަކައިގެ އެމްޑީއަކަށް އޭނާ އަައްޔަން ކުރުމަށެވެ. އެކަމަކު، އެ ކުންފުނީގެ އެތެރޭގެ ބައެއް ކަންކަމާ ގުޅިގެން އެ ނިންމުން ފަހުން ބަދަލުކުރީ ކަމަށް މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވި އެވެ.

ފަހުން ސްޓެލްކޯގެ ހިންގުން ޝަރީފްއާ ހަވާލުކުރަން ނިންމައި، އެ ކުންފުނީގެ މުވައްޒަފުންގެ ތެރޭގައި ވެސް ތެރޭގައި ވެސް އެ ވާހަކަ އޮތީ ވާހަކަ ދެކެވިފަ އެވެ. ދެން ހަވާލުވެވަޑައިގަންނަވާ އެމްޑީއަކީ ޝަރީފް ކަމަށް ގްރޫޕްތަކަށް ފޮޓޯ ވެސް ފޮނުވާފައިވެ އެވެ.

އެމްޑީއެއްގެ ގޮތުގައި ހުންނަވައިގެން ސްޓެލްކޯގެ ހިންގުން ރަނގަޅު ކޮށްފައިވާ ކަމަށް މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުޣުނީ ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، އޭނާ މަގާމުން ދުރުކޮށް، އެނާޖީ އޮތޯރިޓީއަށް އައްޔަންކުރާ ސަބަބެއް ސާފެއް ނުވެ އެވެ.

ދައުރު ހަމަވެ، އީސީން ވަކިވެވަޑައިގަތްއިރު ޝަރީފް ވިދާޅުވެފައި ވަނީ ފުރުސަތެއް ލިބިއްޖެ ނަމަ އަދިވެސް ދެމިހުންނަވާނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ކަމަށެވެ.

ޝަރީފަކީ ކުރިން، ޕީޕީއެމްގެ ސިޔާސީ ފިކުރުގައި ހުންނެވި ބޭފުޅެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރެއްވުމަށް ފަހު އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް ވަޑައިގެން އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް އެތަން ހިންގެވި ކަމުގެ ފާޑުކިއުން އަމާޒުވި އެވެ. ނަމަވެސް 2018 ގެ ރިޔާސީ އިންތިހާބުގެ ވޯޓާ ހަމައިން ޔާމީން ވަނީ އިދިކޮޅު ޕާޓީތަކާ ގުޅިގެން ވޯޓު އޮޅުވައިލި ކަމުގެ ތުހުމަތު ޝަރީފަށް ކުރައްވައިފަ އެވެ.

އެކަމަކު މި ތުހުމަތުތައް ޝަރީފް ވަނީ ތަކުރާރުކޮށް ދޮގު ކުރައްވައިފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް މިހާ ބޮޑު ބަދަލެއް ކުއްލިއަކަށް ގެންނަ ސަބަބު ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މި ހަފުތާގެ ތެރޭގައި މި ބަދަލުތައް ގެންނާނެ ކަމަށް މައުލޫމާތު އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.