Roadha Mihaaru
ބަލި ރިޕޯޓް ނުކުރުމާއި ދޮގު ރިޕޯޓްކުރުމުން ޖޫރިމަނާ

ނުރައްކާ ބަލިތައް ރިޕޯޓް ނުކުރުމާއި ބައްޔާ ބެހޭ ދޮގު ރިޕޯޓް ދިނުމުން ޖޫރިމަނާ

12 ޑިސެމްބަރ 2021

މީހަކަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމަށް ބުނެ ގަސްދުގައި ދޮގު މައުލޫމާތު ދީފި ނަމަ 3،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އޮންނަ ގޮތަށް، ބަލިތައް ރިޕޯޓްކުރުމާ ބެހޭ ގަވައިދު އެކުލަވާލައި ގެޒެޓްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މީހަކަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމަށް ބުނެ ގަސްދުގައި ދޮގު މައުލޫމާތު ދީފި ނަމަ 3،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އޮންނަ ގޮތަށް، ބަލިތައް ރިޕޯޓްކުރުމާ ބެހޭ ގަވައިދު އެކުލަވާލައި ގެޒެޓްކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީީ (އެޗްޕީއޭ) އިން އެކުލަވާލައި މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކުރި ގަވައިދުގައިވާ ގޮތުންް، މީހަކަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާކަން އެނގުމުން، ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކުރަން ޖެހޭ ވަގުތުގައި ރިޕޯޓްނުކުރުމަކީ ވެސް ޖޫރިމަނާއެއް އަންނާނެ ކުށެކެވެ. ހަމަ އެގޮތަށް، ވަކި މީހަކަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމަށް ބުނެ ދޮގު މައުލޫމާތު ދިނުމަކީ ވެސް ކުށެކެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ މި ގަވައިދުގައިވާ ގޮތުން ޖޫރިމަނާގެ އަދަދު ބޮޑީ ދޮގު މައުލޫމާތު ދޭ މީހުންނަށެވެ. ނުރައްކާތެެރި ބައްޔެއް ޖެހިގެން ރިޕޯޓްކުރަން ޖެހޭ ހާލަތުގައި ރިޕޯޓްނުކޮށްފި ނަމަ ޖޫރިމަނާ ކުރެވޭނީ ގިނަވެގެން 1،000.ރ އިންނެވެ. އެކަމަކު ދޮގު ހަދައިގެން ރިޕޯޓްކޮށްފި ނަމަ ގިނަވެގެން 3،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައި އޮންނަ ގޮތުން، ނުރައްކާތެރި ބަލިތަކާއި ރިޕޯޓުކުރަންޖެހޭ ބަލިތަކާއި ގައިންގަޔަށް އަރާ ބަލިތައް ފާހަގަކުރެވިގެން އެކަން ރިޕޯޓުކުރާނެގޮތުގެ އުސޫލުތައް ކަނޑައެޅުމުގެ ބާރު ހެލްތު މިނިސްޓަރަށް އޮވެ އެވެ.

އެ ގަވައިދުގައިވާ ގޮތުން، ރިޕޯޓްކުރަން ޖެހޭ ބަލިތަކުގެ ތަފްސީލު ހިމެނޭ ބުކްލެޓެެއް، އެ ގަވައިދަށް އަމަލުކުރަން ފަށާތާ ދެ މަސްދުވަހުގެ ތެރޭގައި އެޗްޕީއޭއިން އާއްމުކުރަން ޖެހެ އެވެ. އަދި ނުރައްކާތެރި ބަލިތަކާއި ގައިންގަޔަށް އަރާ ބަލިތަކާއި އަލަށް ފެންނަ ބަލިތަކުގެ ލިސްޓެއް، އެ ބުކްލެޓްގައި ހިމަނަން ޖެހެ އެވެ. އާ ބައްޔެއް ނުފެންނަ ނަމަ، ނުވަތަ ފެނިފައިވާ ބައްޔެއްގެ ކަންތައްތަކަށް ބަދަލެއް ނާންނަ ނަަމަ ބުކްލެޓް ރިވައިސްކުރަން ޖެހޭނީ ގަވައިދު ބުނާ ގޮތުގައި ކޮންމެ ތިން އަހަރަަކުންނެވެ. އާ ބައްޔެއް ފެނިއްޖެ ނަމަ ނުވަތަ ފެނިފައިވާ ބައްޔަކަށް ބަދަލެއް އައިސްފި ނަމަ، އެ ބަދަލުތައް ހިމަނައި ބުކްލެޓް ރިވައިސްކުރަން ޖެހޭނެ އެވެ.

ރިޕޯޓްކުރަން ޖެހޭ ބަލިތަކުގެ ލިސްޓެއް އާއްމުކޮށްފައި އޮންނަ އިރު، އެ ލިސްޓްގައި ނެތް ނަމަވެސް ދުނިޔޭގައި ފެތުރޭ ބައްޔެއް، ރާއްޖޭގައި ފެތުރުމުގެ ފުރުސަތު އޮންނަ ހާލަތުގައި، އެފަދަ ބައްޔެއް މީހެއްގެ ކިބައިިން ފެނިއްޖެ ނަަމަ 24 ގަޑި އިރުގެ ތެރޭގައި ރިޕޯޓްކުރަން ޖެހޭނެ އެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނުން، އެޗްޕީއޭއަށް އެ މައުލޫމާތު ދޭން 24 ގަޑިއިރުގެ މުހުލަތެއް އޮތް ނަމަވެސް ގަވައިދުގައިވާ ގޮތުން، ސިއްހީ ހިދުމަތްތެރިން، އެމީހުން މަަސަައްކަތްކުރާ ތަންތަަނަށް ރިޕޯޓްކުރަން ގަވައިދުގައި އޮތީ 12 ގަޑިއިރުގެ މުހުލަތެކެވެ. ރިޕޯޓްކުރަން ޖެހޭ ފަދަ ބައްޔެއްގައި މީހަކު މަރުވެއްޖެ ނަމަ ދެ ގަޑިއިރުގެ ތެރޭގައި އެކަން އެޗްޕީއޭއަށް ރިޕޯޓްކުރަން ވެސް ގަވައިދުގައި ލާޒިމްކޮށްފައި އެބަ އޮތެވެ.