Roadha Mihaaru

އިޒްރޭލުގެ ބޮޑުވަޒީރު ޔޫއޭއީ އަށް

އިޒްރޭލުގެ ބޮޑުވަޒީރަކު ޔޫއޭއީ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، މިހާރުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް، އެމިރޭޓްސް އަށް މިއަދު ވަޑައިގަންނަވާނެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ޔޫއޭއީ އަށް

އިޒްރޭލުގެ ބޮޑުވަޒީރަކު ޔޫއޭއީ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، މިހާރުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް، އެމިރޭޓްސް އަށް މިއަދު ވަޑައިގަންނަވާނެ އެވެ.

ނަފްތާލީގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ބޮޑުވަޒީރުގެ މި ދަތުރުގައި މާދަމާގެ ވަގުތެއްގައި، އެމިރޭޓްސްގެ ވަލީ އަހުދު ޝައިޚް މުހައްމަދު ބިން ޒާޔިދު އާލް ނަހްޔާންއާ ބައްދަލު ކުރައްވާނެ އެވެ. ނަމަވެސް ނަފްތާލީގެ މި ދަތުރާ ބެހޭ ގޮތުން އެމިރޭޓްސް ސަރުކާރުން ވަކި އެއްޗެއް އަދި ނުބުނެ އެވެ.

އިޒްރޭލާއި އެމިރޭޓްސްއާ ދެމެދު ސުލްހަވެރި ގުޅުމެއް ގާއިމުކުރީ، އެމެރިކާ މެދުވެރިވެގެން، ބައެއް އަރަބި ގައުމުތަކާއި އިޒްރޭލާ ދެމެދު މިދިޔަ އަހަރު ގާއިމުކުރި "އިބްރާހީމީ މުއާހަދާ"ގެ ނަން ދީފައިވާ އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ މެދުގައި ޓޫރިޒަމާއި ވިޔަފާރީގެ އިތުރުން ޓެކްނޮލޮޖީ ދާއިރާ އިން އެއްބާރުލުން ދީ ތަޖުރިބާ ހިއްސާކުރުން ހިމެނެ އެވެ.

ނަފްތާލީގެ މި ދަތުރުގައި އެމިރޭޓްސްގެ ވެރިންނާ އެކުގައި ކުރައްވާ މަޝްވަރާތަކުގައި، ދެ ގައުމުގެ ދެމެދުގައި އަސްކަރީ ގޮތުން ގުޅުން ބަދަހިކުރުމާއި، އިގްތިސާދީ ދާއިރާގެ ތަރައްގީ އަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުން ހިމެނެ އެވެ.

ބޮޑުވަޒީރު ނަފްތާލީގެ މި ދަތުރަށް ތައްޔާރުވުމުގެ ގޮތުން، އިޒްރޭލުގެ ހާރިޖީ ވަޒީރު ޔައީރް ލެޕިޑް ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި އެމިރޭޓްސް އަށް ވަޑައިގެން، އެމިރޭޓްސްގެ އިސް ވެރިންނާ މަޝްވަރާ ކުރައްވައިފަ އެވެ. އަދި އަބޫ ދާބީގައި ގާއިމުކުރި އިޒްރޭލުގެ އެމްބަސީ ރަސްމީކޮށް ހުޅުއްވައިދެއްވި އެވެ.

ލެޕިޑް އާއި އެމިރޭޓްސްގެ ހާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދު އާލް ނަހްޔާނާ ދެމެދު ބޭއްވެވި މަޝްވަރާތަކަކީ، ދެ ގައުމުގެ ދެމެދުގައި ސުހްލަވެރިކަން ގާއިމުކުރި ފަހުން، ދެ ގައުމުގެ ވެރިންގެ ފެންވަރުގައި ބޭއްވި ފުރަތަމަ ބައްދަލުކުރެއްވުމެވެ.

އިބްރާހީމީ މުއާހަދާގެ ދަށުން، އެމިރޭޓްސްގެ އިތުރުން ބަހްރައިނާއި ސޫދާނާއި މޮރޮކޯ ވެސް ވަނީ އިޒްރޭލާ އެކުގައި ސުލްހަވެރި ގުޅުމެއް އުފައްދައިފަ އެވެ.