Roadha Mihaaru

އެފްރިކާ ސަމިޓުން އިޒްރޭލުގެ މަންދޫބު ބޭރުކޮށްލައިފި

އިތިއޮޕިއާގެ ވެރިރަށް އެޑިސް އަބާބާގައި އިއްޔެ ނިމުނު، އެފްރިކާ އިއްތިހާދުގެ ވެރިންގެ މަހާސިންތާ އިން، އިޒްރޭލުގެ މަންދޫބާއި އޭނާގެ ވަފްދު ބޭރުކޮށްލި މައްސަލައިގައި އިޒްރޭލުން ރުޅިގަދަވެ އެކަން ކުށްވެރިކޮށްފި އެވެ.

އެފްރިކާ ސަމިޓުން އިޒްރޭލުގެ މަންދޫބު ބޭރުކޮށްލައިފި

އިތިއޮޕިއާގެ ވެރިރަށް އެޑިސް އަބާބާގައި އިއްޔެ ނިމުނު، އެފްރިކާ އިއްތިހާދުގެ ވެރިންގެ މަހާސިންތާ އިން، އިޒްރޭލުގެ މަންދޫބާއި އޭނާގެ ވަފްދު ބޭރުކޮށްލި މައްސަލައިގައި އިޒްރޭލުން ރުޅިގަދަވެ އެކަން ކުށްވެރިކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި، މަހާސިންތާގެ އިފްތިތާހީ ޖަލްސާ ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް، ސަލާމަތީ އޮފިސަރަކު ގޮސް އިޒްރޭލުގެ އެމްބެސެޑަރު ޝެރޯން ބާރް-ލީ ގޮވައިގެން ޖަލްސާކުރާ މާލަމުން ބޭރަށް ނުކުންނަ މަންޒަރެވެ.

އެފްރިކާ އިއްތިހާދުގެ ޗެއާޕާސަންގެ ތަރުޖަމާނު އެއްބާ ކަލޮންޑޯ ވިދާޅުވި ގޮތުގައި އިޒްރޭލުގެ ޑިޕްލޮމޭޓް ބޭރުކުރަން ޖެހުނީ، އޭނާއަކީ އިޒްރޭލު ސަރުކާރުން އިތިއޮޕިއާ އަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމަށް ނުވާތީ އެވެ. އަދި އެ މަހާސިންތާގައި ބައިވެރިވުމަށް ދައުވަތު ފޮނުވާފައި އޮތީ، އިތިއޮޕިއާގައި ހުންނަވާ އިޒްރޭލުގެ ސަފީރު އަލޭލީ އަޑްމާސޫ އަށެވެ.

އިޒްރޭލުގެ ޑިޕްލޮމެޓަކު މި މަހާސިންތާ ފެށުމުގެ ޖަލްސާ އިން ބޭރުކުރުމުގެ އިތުރުން، އިޒްރޭލުގެ ވަފުދު ވެސް ވަނީ، ހަތަރު ދުވަހަށް ކުރިއަށް ދިޔަ މި މަހާސިންތާ އިން ބޭރުކޮށްފަ އެވެ.

އެފްރިކާ އިއްތިހާދުގެ ކޮމިޝަންގެ ޗެއާޕާސަން މޫސާ ފަކީ މުހައްމަދު ވިދާޅުވި ގޮތުގައި އެ މަހާސިންތާގައި ބައިވެރިވުމަށް އިޒްރޭލަށް ދައުވަތު ދީފައެއް ނުވާނެ އެވެ. ދައުވަތު ނުދޭ ގައުމެއްގެ ވަފުދެއް އެ މަހާސިންތާގައި ބައިވެރިވުމަށް ހާޒިރުވި މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފްރިކާ އިއްތިހާދުގައި އޮބްޒާވަރެއްގެ ހައިސިއްޔަތު އިޒްރޭލަށް ދިނުމުގެ މައްސަލަ އަދިވެސް އޮތީ ވަކި ގޮތަކަށް ނުނިމި އެވެ. މިދިޔަ އަހަރުގެ ތެރޭގައި އެ ކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު، ގޮތެއް ނިންމުމަށް އެފްރިކާ އިއްތިހާދުގެ ހަތް ގައުމެއްގެ ވެރިން ހިމެނޭ ކުޑަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށާއި، އެ ކޮމިޓީން މިހާތަނަށް އެ މައްސަލަ ނުނިންމާ ކަމަށް ވެސް ކޮމިޝަންގެ ޗެއާޕާސަން މޫސާ ފަކީ ވިދާޅުވި އެވެ.

"އެހެންވީމާ އެފްރިކާ އިއްތިހާދުގައި އިޒްރޭލު ބައިވެރިވުމުގެ ގާނޫނީ ހައިސިއްޔަތު އަދި އޮތީ ވަކި ގޮތަކަށް ނުނިމި. އެ ސަބަބަށްޓަކައި މި މަހާސިންތާގައި ބައިވެރިވުމަށް އިޒްރޭލުގެ މަސްއޫލުވެރިންނަށް އަހަރެމެން ދައުވަތެއް ނުފޮނުވަން،" ކޮމިޝަންގެ ޗެއާޕާސަން މޫސާ ފަކީ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަހަރެމެންނަށް ފާހަގަ ކުރެވުނީ، މަހާސިންތާ ފެށުމުގެ ޖަލްސާގައި ބައިވެރިވުމުގެ ފާހެއް ހިފައިގެން، އެ ޖަލްސާ އަށް ދައުވަތު ނުދޭ މީހަކު އެ ޖަލްސާ އަށް ވަދެ އިން ކަން. އަދި އޭނާ އަކީ މި ގައުމުގައި ހުންނަވާ ޑިޕްލޮމޭޓެއް ވެސް ނޫން، އޭނާއަކީ އިޒްރޭލުން މި މަހާސިންތާ އަށް އައި މީހެއް."

ޗެއާޕާސަން ވިދާޅުވި ގޮތުގައި އެހެން މީހަކަށް ބަދަލު ނުކުރެވޭ ފާހެއް ހިފައިގެން، ދައުވަތު ނުދޭ މީހަކު މަހާސިންތާ އަށް ވަދެ އިން މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލަ ފަޅާ އެރީ، އިޒްރޭލުގެ ވަފުދެއް އެ ޖަލްސާ އަށް ވަދެ ތިބިކަން، އަލްޖީރިއާ އާއި ދެކުނު އެފްރިކާގެ ވަފުދަށް ފާހަގަކުރެވިގެން، ރިއާސަތަށް އެ މައްސަލަ ހުށަހެޅުމުންނެވެ.

މި މައްސަލައިގައި އިޒްރޭލުން ވަރަށް ބޮޑަށް ރުޅި ގަދަވެ، ޚާރިޖިއްޔާ އިން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން އިޒްރޭލުގެ ވަފުދާ މެދު އެފްރިކާ އިއްތިހާދުން މުއާމަލާތު ކުރީ ވަރަށް އިހާނެތި ގޮތަކަށެވެ.

އެ ކަމުގެ ފަހަތުގައި އޮތީ އަލްޖީރިއާ އާއި ދެކުނު އެފްރިކާ ކަމަށް ތުހުމަތުކޮށް، އިޒްރޭލުގެ ޚާރިޖިއްޔާ އިން ބުނި ގޮތުގައި އެފްރިކާ އިއްތިހާދު އޮތީ، އެހެން މީހުންނާ މެދު ނަފްރަތު އުފައްދާ ގައުމުތަކެއްގެ މުށު ތެރޭގައި ރަހީނުވެފަ އެވެ.

އެފްރިކާ އިއްތިހާދުން ވަނީ އިޒްރޭލަށް އޮބްޒާވަރެއްގެ ހައިސިއްޔަތު ދިނުމަށް 2021 ވަނަ އަހަރު ނިންމައިފަ އެވެ. ނަމަވެސް، އެއީ ފަލަސްތީނު މައްސަލައިގައި އެފްރިކާ އިއްތިހާދުން ގެންގުޅެމުން އަންނަ ސިޔާސަތާ ފުށައަރާ ނިންމުމެއް ކަމަށް ބުނެ، އަލްޖީރިއާ އާއި ދެކުނު އެފްރިކާ އިން އެކަމާ ދެކޮޅު ހެދުމުން، އިޒްރޭލުގެ ހައިސިއްޔަތު އަދި އޮތީ މުޅިން ފުރިހަމަ ނުވެ އެވެ.