Roadha Mihaaru
މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު މައްސަލަ އެލްޖީއޭއަށް

މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު އެޖެންޑާ ނުކުރުމުން އެލްޖީއޭ އަށް!

13 ޖުލައި 2020

މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުބާރު ނެތްކަމުގެ ވޯޓު، ކައުންސިލްގެ ޖަލްސާ އަށް އެޖެންޑާ ނުކުރި މައްސަލަ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅަން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުބާރު ނެތްކަމުގެ ވޯޓު، ކައުންސިލްގެ ޖަލްސާ އަށް އެޖެންޑާ ނުކުރި މައްސަލަ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅަން ނިންމައިފި އެވެ.

މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީނެވެ. އެ މައްސަލަ އެޖެންޑާ ކޮށްދޭން އޭނާ ލިޔުމަކުން އެދިވަޑައިގަތީ ލާމަރުކަޒީ ރޫހާ އެއްގޮތަށް ކައުންސިލް ހިންގުމުގައި މޭޔަރު ޝިފާ އާއި ޑެޕިއުޓީ މޭޔަރު ޝަމާއު އިހުމާލު ވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެވެ.

ފަޒީން ވިދާޅުވީ، މި މައްސަލަ އެޖެންޑާ ނުކޮށް، އާއްމު އުސޫލުން ކުރިން ވެސް ކައުންސިލް ޖަލްސާތަކަށް ކަންކަން ހުށަހަޅުއްވާ ގޮތަށް ފޮނުވަން ލިޔުމުން މޭޔަރު އެދިވަޑައިގެންފައިވާ ކަމަށެވެ.

ޝިފާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ "ކައުންސިލް ބައްދަލުވުމަށް ހުށަހަޅުއްވާ ގޮތަށް ހުށަހެޅުއްވުން ތައްޔާރުކޮށް، އެ ހުށަހެޅުމާ އެކުގައި ހުންނަން ޖެހޭ ލިއުންތަކުގެ ތަފްސީލް ފޮނުވުމަށެ"ވެ.

އެކަމަކު މައްސަލަ އެޖެންޑާނުކޮށް، އެ ގޮތަށް މޭޔަރަށް އެންގެވޭނެ ކަމަކަށް ފަޒީން ގަބޫލެއް ނުކުރައްވަ އެވެ.

"އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ ކައުންސިލްތައް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ 12 ވަނަ މާއްދާއާ އެއްގޮތަށް. މި މައްސަލައިގެ ތަފްސީލް ހުށަހަޅަން ޖެހޭނީ އެޖެންޑާ ކުރުމުން ޖަލްސާގައި، އަދި 10 ދުވަސް ގުނަން ފަށާނީ ޖަލްސާގައި ހުށަހެޅުމަށް ފަހު،" ފަޒީން ވިދާޅުވި އެވެ.

"ވޯޓު އެޖެންޑާ ނުކުރި މައްސަލަ އެލްޖީއޭ އަށް މިއަދު ހުށަހަޅާނަން."

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށްދަނީ. --ފޮޓޯ/މިހާރު

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށްދަނީ. --ފޮޓޯ/މިހާރު

އެކި މަޝްރޫއުތަކުގައި ޝިފާއަށް މީގެ ކުރިން ވެސް ބޮޑެތި ތުހުމަތުތައް ކުރައްވާފައިވާ ފަޒީން މިއަދު ވެސް ވިދާޅުވީ، މާރުކޭޓުގެ ގޮޅިތައް ދޫކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ. އޭނާ އަކީ ކައުންސިލްގެ ކޮމިޓީތަކުގެ ތެރެއިން މާރުކޭޓުގެ މައްސަލަތަކާ ބެހޭ ކޮމިޓީގެ މުގައްރިރަށް ވާ އިރު، ގޮޅިތައް ދިން ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ތަފްސީލަށް އެދިވަޑައިގަތުމުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅުއްވުމަށް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.

"އިއްޔެ ވެސް ގުރުއަތު ނެގި، ވިޔަފާރިވެރިންނަށް ވެސް އެބަހުރި ގޮޅިތައް ދޫކޮށްފައި،" އޭނާ ތުހުމަތު ކުރެއްވި އެވެ.

ފަޒީން މީގެ ކުރިން ކުރެއްވި ތުހުމަތުތައް ވެސް ޝިފާ ވަނީ ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ، ފަޒީން ކުރައްވާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލްގައި ފަޒީން ނޫނަސް ޝިފާއާ ހިޔާލު ތަފާތުވާ މެމްބަރުންތަކެއް ތިއްބަވަ އެވެ.

އިސްކަންދަރު ސްކޫލުގައި ބޭއްވި ބައްދަލުވުމެއްްގައި، އާއްމުންގެ ހިޔާލަށް ހުޅުވައިލުމުން، މައްސަލަ ހުށަހެޅި މީހުންނަށް ޝިފާ އެކަނި ޖަވާބު ދެއްވަން ފެއްޓެވެމުން ވެސް މައްސަލަ ގޯސްވެ ބައްދަލުވުން ކުރިން ހުއްޓާލަން ޖެހިފައި ވެ އެވެ.

ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ވެސް، ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހުނެވެ.

މޭޔަރު ޝިފާއާ އޭރު ހިޔާލު ތަފާތު މެމްބަރުން ތުހުމަތު ކުރާ ގޮތުގައި ލޮނުޒިޔާރަތްކޮޅުގައި ތަރައްގީ ކުރާ ޕާކް ފަދަ މަޝްރޫތައް މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދަނީ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށެވެ. ނަމަވެސް އެ ތުހުމަތުތައް ވެސް ޝިފާ ދޮގުކުރައްވަ އެވެ.

މޭޔަރުކަމެގެ ދެ ވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް އެ ޕާޓީގެ ޕްރައިމަރީގައި ޝިފާ ވާދަކުރެއްވި އެވެ. ނަމަވެސް ޕްރައިމަރީ ކާމިޔާބު ކުރެއްވީ، އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.