Roadha Mihaaru
ތައުލީމް ހިލޭވިޔަސް ސްކޫލަށް ބެލެނިވެރިންގެ ހޭދަ ބޮޑު!

ތައުލީމް ހިލޭ، އެކަމަކު ސްކޫލްތަކަށް ބެލެނިވެރިން ބޮޑު ހޭދައެއް!

17 މާޗް 2022

ކީ-ސްޓޭޖް އެކެއްގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިޔަކު އޮއްސާލީ ޝަކުވާތަކެވެ. ކުއްޔާއި ގޭތެރޭގެ ހަރަދުތައް އަމިއްލަ އަށް ބަލަހައްޓަމުންދާއިރު، ހުރި ހަމައެކަނި ދަރިފުޅުގެ ސްކޫލް ހަރަދުތައް އަތްނުފޯރާފަށަށް މައްޗަށް ދިއުމެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކީ-ސްޓޭޖް އެކެއްގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިޔަކު އޮއްސާލީ ޝަކުވާތަކެވެ. ކުއްޔާއި ގޭތެރޭގެ ހަރަދުތައް އަމިއްލަ އަށް ބަލަހައްޓަމުންދާއިރު، ހުރި ހަމައެކަނި ދަރިފުޅުގެ ސްކޫލް ހަރަދުތައް އަތްނުފޯރާފަށަށް މައްޗަށް ދިއުމެވެ.

އޭނާ ބުނާ ގޮތުން، މާލެ ސަރަހައްދުގައި ހިންގާ އެ ސްކޫލްގެ އެކި ގަޑިތަކަށް ބޭނުންވެގެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެއްޗެއް ގަންނަން ޖެހެ އެވެ.

"މިހާރު އެބަޖެހޭ އާޓް ގަޑިއަށް ވަކިން އެއްޗެހި ގަންނަން. އަދި އެ ދުވަހެއްގައި އޮންނަ މާއްދާ އަށް ވެސް ވަރަށް ގިނައިން ޖެހޭ އެއްޗެހި ހޯދަން،" އެ ބެލެނިވެރިޔާ ބުންޏެވެ.

މި ފަހުން ވެސް ކަޕް ކޭކަކާ އެކު، ކަޕް ކޭކު ހަދަން ބޭނުންވާ ހުރިހާ ސާމާނެއް ސްކޫލަށް ގެންދަން ޖެހުނެވެ.

"އޭގެ ކުރިން ދުވަހު ސޭންޑްވިޗް ހަދަން ޗީޒާއި މަސްދަޅާ ދެން އެއަށް ބޭނުންވާ ހުރިހާ އެއްޗެއް ގެންދިޔައީ،" އޭނާ ބުންޏެވެ.

"މިއަދު ބޮތްކާއި ބެޓެރިއާ ކަރަންޓު ނަރު ގެންދަންޖެހޭ."

އެ ސްކޫލުން ވަނީ ހުނަރު ދަސްކޮށްދިނުމަށް ހާއްސަ ޕްރޮގްރާމެއް ފަށައި، އޭގެ ކްލާސްތައް ނަގައިދެމުންނެވެ. އެ ހަރަކާތުގައި ބައިވެރިވާން މަޖުބޫރުކޮށްފައި އޮތުމުން ބޮޑު ހަރަދެއް ދިޔަ ނަމަވެސް އިތުރު ގޮތެއް ނެތެވެ.

"އާޓް ކްލާހަށާއި ސްކިލް ޕްރޮގްރާމަށް ބޭނުންވާ އެއްޗެހި ގަންނަން މަހެއްގެ މައްޗަށް އެބަދޭ 500 ވަރަކަށް ރުފިޔާ. ގޭގައި، އަތުގައި ނުހުންނަ އެއްޗެހި މި ގަންނަނީ، އެހެން ގޮތެއް ނޯވޭ،" އެ ބެލެނިވެރިޔާ ބުންޏެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި ކޮންމެ ދުވަހަކު މި ގޮތަށް އެއްޗެހި ނުހޯދައި ވެސް ދަރިވަރުންނަށް ބޭނުންވާ އެކި ހުނަރުތައް ދަސްކޮށްދެވިދާނެ އެވެ. ބޮޑު ހަރަދެއް ކޮށްގެން އެކި ކަންކަން ދަސްކޮށްދޭ ނަމަ ދަރިވަރުންނަށް ވެސް މި ދައްކައި ދެވެނީ ގޯސް މަންޒަރެއް ކަމަށް ބައެއް ބެލެނިވެރިން ގަބޫލުކުރެ އެވެ.

މާލެ ސަރަހައްދުގެ ސްކޫލެއްގެ އެހެން ބެލެނިވެރިޔަކު، ގްރޭޑު އެކަކާއި ފަހެއްގައި ކިޔަވާ ދެ ކުދިން ސްކޫލަށް ފޮނުވަމުން ވެސް ކުރަނީ ހަމަ އެއް ތަޖުރިބާ އެވެ.

އެ ބެލެނިވެރިޔާ ގަބޫލުކުރާ ގޮތުގައި ދަރިވަރުންގެ އެކި ކަންކަމަށް ސްކޫލްތަކުން ބޮޑު ހަރަދެއް ކުރުވަނީ ސަރުކާރުގެ ސްކޫލްތަކުގައި ފީ ނުނަގާތީ އޭގެ ބަދަލެއްގެ ގޮތުގަ އެވެ.

"ގާނޫނުގައި މި އޮންނަނީ ހިލޭ ކިޔަވައިދޭން ޖެހޭނެއޭ. އާން، އެކަންތައް އެބަކުރޭ. އެކަމަކު ދެ ތިން ހަތަރު ދަރިން ގޮވައިގެން ކިހިނެއް ކޮންމެ ދުވަހަކު މިހެން އެއްޗެހި ގަނެލަގަނެލަ ހުންނާނީ،" އޭނާ ބުންޏެވެ.

ސްކޫލަށް ގަންނަން ޖެހޭ އެއްޗެހި ގިނަވުމުން އޭނާ ވަނީ އެކަމުގެ ޝަކުވާ ވެސް ކޮށްފަ އެވެ. އެކަމަކު، ޖަވާބު ލިބުނީ ދަރިންގެ ކިޔެވުމަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، ނުރުހުމުގެ ނަޒަރަކުންނެވެ.

"ޝަކުވާ ކުރީމަ ގޯސް ވަނީ. ބުނަނީ ބެލެނިވެރިން އެއްބާރުލުން ނުދެއޭ، ދަރިންގެ ކިޔެވުމަށް އިސްކަންދޭށޭ،" އޭނާ ބުންޏެވެ.

އެއާއެކު، މާދަމާ އަށް ބޭނުންވާ ތަކެތީގެ ލިސްޓު މިއަދު އެންގުމުގެ ބަދަލުގައި އެ ސްކޫލުން ދެން ބަދަލުކުރީ، ހަފުތާ ފެށޭއިރަށް އެ ހަފުތާއަކަށް ބޭނުންވާ ތަކެތީގެ ލިސްޓެއް ކްލާހުގެ ވައިބާ ގްރޫޕަށް ލާށެވެ.

"ކޮންމެ ކުއްޖަކަށް އެބަޖެހޭ މަދުވެގެން 300ރ. ގެ އެއްޗެހި ގަންނަން. އެގޮތަށް ގަންނަ އެއްޗެހި އިތުރަކަށް ބޭނުމެއް ނުކުރެވޭ. އެންމެ ފަހަރަކު މި ބޭނުންކުރެވެނީ. ގިނަ ފަހަރަށް ގޭގައި ނުހުންނަ އެއްޗެހި މި ބޭނުންވަނީ."

އަންހެނަކު، ކުޑަ ދެ ކުއްޖަކާއެކު ހިނގާފައި ދަނީ.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަންހެނަކު، ކުޑަ ދެ ކުއްޖަކާއެކު ހިނގާފައި ދަނީ.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އަހަރެމެން ވެސް ސްކޫލަށް ގޮސްގެން ކިޔެވިން. އެކަމަކު މިހެންނެއް ނޫން. އޭރު ބޮޑު ވަރަކަށް ވެސް ބުނާނީ ކުދިކޮށް އަލުވި ކޮށައިގެން ސްޓޭމްޕްކުރަން."

ސްކޫލަށް ކޮންމެ ދުވަހަކު ކުރާ ހޭދައިގެ އިތުރުން، ސްކޫލްގެ ކޮންސެޓަށް ވެސް ބެލެނިވެރިން ބޮޑު ހޭދައެއް ކުރުވަ އެވެ. ބައެއް ސްކޫލުތަކުގައި ސްކޫލަށް ބޭނުންވާ އަސާސީ ބައެއް ސާމާނު ވެސް ބެލެނިވެރިން ގަނެދޭން ޖެހެ އެވެ.

ޕްރައިވެޓް ބައެއް ސްކޫލުތަކުގައި އިތުރު ހަރަދެއް ނެތް

ދަރިވަރުންގެ މަހު ފީ ފިޔަވައި، ޣިޔާސުއްދީން ސްކޫލުން ބެލެނިވެރިންގެ އަތުން ކުރާ އިތުރު ހޭދައެއް ނެތޭ ބުންޏަސް ރަނގަޅުވާނެ އެވެ.

އެ ސްކޫލްގެ ފުރަތަމަ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވީ ދަރިވަރުން ސްކޫލަށް ވަންނަ ހިސާބުން އެ ސްކޫލްގެ ބެލެނިވެރިންނާ ބައްދަލުކޮށް، އެ ތަނުގައި އަމަލުކުރާ އާއްމު އުސޫލުތަކުގެ މައުލޫމާތު ދޭ ކަމަށެވެ. އޭގެ ތެރޭގައި ކޮންސެޓަށް އަމާޒުކޮށް ބޮޑެތި ހެދުން ފެހުމަކީ ޣިޔާސުއްދީން ސްކޫލުން ދުރު ކަންތައްތައް ކަމަށް ތޯހާ ވިދާޅުވި އެވެ.

"ސްކޫލުން އެޕްރޫވްކުރާ މިންވަރަކަށް ކޮންސެޓަށް ވެސް ހެދުން ފެހޭނީ. ކޮންސެޓުގެ ބޭނުމަކީ ކުދިންގެ ކިބައިގައި ހުރި ގާބިލްކަން ދެއްކުން. އެއީ ފެޝަން ޝޯއެއް ނޫން."

"ސްކޫލުން އެޕްރޫވްކުރާ މިންވަރަކަށް ކޮންސެޓަށް ވެސް ހެދުން ފެހޭނީ. ކޮންސެޓުގެ ބޭނުމަކީ ކުދިންގެ ކިބައިގައި ހުރި ގާބިލްކަން ދެއްކުން. އެއީ ފެޝަން ޝޯއެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"ފީ ދެއްކުމުގެ ކުރިން ވަކި ވަކިން ބެލެނިވެރިންނާ ބައްދަލުކޮށްފައި ބުނަން ކޮންމެ މުބާރާތަކަށް ޖޯޒީއެއް ނުގަންނާނެއޭ. ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމޭ ބޭނުންކުރާނީ ބިބާއެކު މުބާރާތްތަކުގައި ކުޅެން."

ޓީޗަރުންގެ ދުވަހު ވެސް އެންމެ ބޮޑު ވަރަކަށް ވެސް ދެވޭނީ ކާޑެއް ކަމަށާއި ދަރިވަރެއްގެ އުފަން ދުވަހެއް ނަމަ ކްލާހުގައި ގިނަ ވެގެން ކުއްޖަކަށް ދެ މެޓާ ދެވޭނެ ކަމަށް އޮންނަނީ އަންގައިފަ އެވެ.

"އިތުރު ހަރަދު ނުކުރާ ސަގާފަތް އުފައްދަން ބޭނުންވަނީ ކުދިންގެ މަސައްކަތުން ތަފާތު ދައްކައިދިނުމަށް،" ތޯހާ ވިދާޅުވި އެވެ.

އަސާސީ ތައުލީމް ހިލޭ ފޯރުކޮށްދިނުމަށް ސަރުކާރުގެ މައްޗަށް ގާނޫނުން ފަހިކޮށްދިނަސް، ސަރުކާރުގެ ސްކޫލްތަކުގެ ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސްކޫލްތަކަށް ކުރަންޖެހޭ ހަރަދު ބޮޑުވުމެވެ. ނަމަވެސް މި ހޭދަތަކާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ނުލިބުނެވެ.