Roadha Mihaaru
ސްޓާބަކްސް ޗައިނާގައި ހޫނުފެނަށް

ސްޓާބަކްސް ޗައިނާގައި ހޫނުފެނަށް ވެއްޓިއްޖެ

15 ޑިސެމްބަރ 2021

މުއްދަތު ހަމަވެފައިވާ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރާ އެއްޗެހި ޗައިނާގައި ވިއްކާ ކަމަށް ފެންމަތިވި މައްސަލައަކާ އެކު، އެމެރިކާގެ މަޝްހޫރު ކުންފުނި ސްޓާބަކްސް ހޫނުފެނަށް ވެއްޓި، ގިނަ ބައެއްގެ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މުއްދަތު ހަމަވެފައިވާ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރާ އެއްޗެހި ޗައިނާގައި ވިއްކާ ކަމަށް ފެންމަތިވި މައްސަލައަކާ އެކު، އެމެރިކާގެ މަޝްހޫރު ކުންފުނި ސްޓާބަކްސް ހޫނުފެނަށް ވެއްޓި، ގިނަ ބައެއްގެ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ބެއިޖިން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮފީ ޗެއިނެއްގެ ގޮތުގައި މަޝްހޫރު ސްޓާބަކްސްގެ މި މައްސަލަ ފަޅާއެރީ އެ ނޫހުން ކުރިއަށް ގެންދިޔަ "އަންޑަކަވާ އިންވެސްޓިގޭޝަން" އެއްގެ ތެރެއިންނެވެ. އެގޮތުން އިރުމަތީ ޗައިނާގެ ވޫޒީ ސިޓީގައި ހިންގާ ސްޓާބަކްސްގެ ދެ އައުޓްލެޓެއްގައި މުއްދަތު ހަމަވެފައިވާ ތަކެތިން ތައްޔާރުކުރާ އެއްޗެހި ކަސްޓަމަރުންނަށް ވިއްކަމުންދާ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލަ ފެންމަތިވެ ގިނަ ބައެއްގެ ފާޑިކިޔުންތަކާއި ފިއްތުންތައް ކުރިމަތިވާން ފެށުމުން ސްޓާބަކްސް އިން ވަނީ މާފަށް އެދި ބަޔާނެއް ވެސް ނެރެފަ އެވެ. އޭގައި ބުނީ އެކަމާ ގުޅިގެން މިހާރު ހާއްސަަ ބޮޑު އިންސްޕެކްޝަނެއް ފަށާފައިވާ ކަމަށައި އޭގެ ދަށުން ޗައިނާގައި ހިންގާ ސްޓާބަކްސްގެ 5،400 އައުޓްލެޓް ޗެކްކުރާނެ ކަމަށެވެ. މީގެ އިތުރުން މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށް ވަރަށް އަވަހަށް ޓްރޭނިން ޕްރޮގްރާމްތަކެއް ވެސް ފަށާނެ ކަމަށް ބުންޏެވެ.

ސްޓާބަލްސްގެ ޗައިނާގެ އައުޓްލެޓެއް.

ސްޓާބަލްސްގެ ޗައިނާގެ އައުޓްލެޓެއް.

ސްޓާބަކްސް އިން ފެންމަތިވި މައްސަލައާ ގުޅިގެން ވޫޒީ ސިޓީގެ މާކެޓް ސުޕަވިޝަން އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ދެ ތަނަކުން ފާހަގަވި މައްސަލަތަކާ ގުޅިގެން މިހާތަނަށް 82 ތަނެއް ޗެކްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 15 ތަނަކުން މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި މުއްދަތު ހަމަވެފައިވާ ތަކެތި ބޭނުންކުރުމާއި މުވައްޒަފުން އެކަށީގެންވާ ގޮތަށް ޔުނިފޯމް ނޭޅުމާއި ކޮވިޑްގެ ރައްކާތެރިކަމަށްޓަކައި ތަންތަން ރަނގަޅަށް ޑިސްއިންފެކްޓް ނުކުރުން ފަދަ މައްސަލަތައް ހިމެނެ އެވެ. ސްޓާބަަކްސް އަކީ 80 ގައުމެއްގައި 33،833 އައުޓްލެޓް ހިންގަމުން އަންނަ ކުންފުންޏެކެވެ. .