Roadha Mihaaru
ކޮފީ ތަށީގައި "އައިސިސް" ޖެހި މައްސަލައެއް ހޫނުވެއްޖެ

އޯޑަރުކުރި ކޮފީ ތަށީގައި "އައިސިސް" ޖެހި މައްސަލައެއް ހޫނުވެއްޖެ

09 ޖުލައި 2020

އެމެރިކާގައި، ބުރުގާ އެޅި އަންހެނަކު އޯޑަރުކުރި ކޮފީ ތައްޓެއް ގެނެސްދިން އިރު، ތަށީގެ ބޭރުގައި އޭނާގެ ނަމުގެ ބަދަލުގައި، "އައިސިސް" ޖެހި މައްސަލައެއްގައި ސްޓާބަކްސްގެ އައުޓްލެޓެއްގެ މައްސަލަ ބަލައިދޭން ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގައި، ބުރުގާ އެޅި އަންހެނަކު އޯޑަރުކުރި ކޮފީ ތައްޓެއް ގެނެސްދިން އިރު، ތަށީގެ ބޭރުގައި އޭނާގެ ނަމުގެ ބަދަލުގައި، "އައިސިސް" ޖެހި މައްސަލައެއްގައި ސްޓާބަކްސްގެ އައުޓްލެޓެއްގެ މައްސަލަ ބަލައިދޭން ހުށަހަޅައިފި އެވެ.

ނަސްލީ ގޮތުން ތަފާތުކުރި ކަމަށް ބުނެ "ޓާގެޓް ސްޓާބަކްސް" އާ ދެކޮޅަށް މައްސަލަ ހުށަހެޅީ އެމެރިކާގެ މިނެސޯޓާގައި ދިރިއުޅޭ 19 އަހަރުގެ އަންހެނެކެވެ. މި ވާހަކަ ރިޕޯޓްކުރި މީޑިއާތަކުން އޭނާގެ ފުރިހަމަ ނަމުގެ ބަދަލުގައި ބޭނުންކޮށްފައި ވަނީ ހަމައެކަނި އައިޝާ އެވެ.

އޭނާއާ ހަވާލާދީ މީޑިއާތަކުން ބުނި ގޮތުގައި އޯޑަރުކުރި ކޮފީ ތަށީގެ ބޭރުގައި، އަނިޔާވެރި ޖަމާއަތެއް ކަމަށްވާ "އައިސިސް" ގެ ނަން ޖަހައިގެން ގެނެސްދިނީ ހެދުން އަޅައިގެން ހުރި ގޮތުންނާއި މުސްލިމަކަށްވީތީ ތަފާތުކުރުމުގެ ގޮތުންނެވެ.

ކޮފީ ތަށީގައި "އައިސިސް" ލިޔުނު މައްސަލަ މިނެސޯޓާ ޑިޕާޓްމަންޓް އޮފް ހިއުމަން ރައިޓްސް އަށް މިދިޔަ ހޯމަ ދުވަހު އައިޝާގެ ފަރާތުން ހުށަހެޅީ މިނެސޯޓާ ޗެޕްޓާ އޮފް ދަ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ސީއޭއައިއާރް-އެމްއެން) ގެ މެދުވެރިކޮށެވެ.

"ތަށީގައި އައިސިސް ޖަހާފައި އިނީމަ އަހަންނަށް ބުނާނެ އެއްޗެއް ވެސް ނޭނގި މީހާ ގަނޑުވި. ވަރަށް ދެރަވި،" މި މަހުގެ އެއް ވަނަ ދުވަހު ކުރިމަތިވި ހާދިސާއާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

އައިޝާ ބުނިގޮތުގައި އޯޑަރުދިން އިރު ވެސް ތަކުރާރުކޮށް ނަން ވަރަށް ރަނގަޅަށް އެނގޭނެހެން ލަސްލަހުން ބަރިސްތާ އަށް ކިޔައިދިނެވެ. އަދި އައިޝާ އަކީ ބަޔަކަށް ނޭނގޭހާ ބީރައްޓެހި އަދި ކިޔަން އުނދަގޫ ނަމެއް ވެސް ނޫން ކަމަށް ބުންޏެވެ.

"އެހެންވެ ކޮފީ ތަށީގައި އައިސިސް ޖަހައިގެން ގެނެސްދިނީ ހަމަ ގަސްތުގައި ކަމަށް އަހަރެން ގަބޫލުކުރަނީ،" އޭނާ ބުންޏެވެ.

އައިޝާ.

އައިޝާ.

ނަމަވެސް މި މައްސަލާގައި ޝާމިލުވާ ޓާގެޓް ސްޓާބަކްސްގެ ދެ މުވައްޒަފުން ވަނީ އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

އައިޝާ ބުނީ ކަސްޓަމަރަކާ ދޭތެރޭ އެފަދަ އިހާނެތި ގޮތަކަށް ކަންތައް ކުރުމުން އެ މީހުންގެ ސުޕަވައިރަޒަކަށް ހުރި މީހާއާ ވެސް އެ ވާހަކަ ހިއްސާކުރި ކަމަށެވެ. އަދި ބަދަލުގައި އާ ތައްޓަކާ އެކު، 25 ޑޮލަރުގެ ސްޓާބަކްސްގެ ގިފްޓް ކާޑެއް ވެސް ދިން ކަމަށް ބުންޏެވެ. އަދި އެތަނުން އޭނާ ނުކުންނަން ސެކިއުރިޓީންގެ އެހީވެސް ދިން ކަމަށް ބުންޏެވެ.

ސީއޭއައިއާރް-އެމްއެންގެ އެކްޒެޓިވް ޑިރެކްޓަރު ޖޭލާނީ ހުސައިން ވިދާޅުވި ގޮތުގައި މުސްލިމަކަށްވާތީ ދިމާކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ހާއްސަކޮށް "އައިސިސް" އޭ ކިޔައިފައި ދިމާކޮށްލުމަކީ މުސްލިމަކަށް ދެވޭނެ އެންމެ ބޮޑު އެއް އަނިޔާ ކަމަށް ބުންޏެވެ. އެހެންވެ އައިޝާ އަށް ދިމާވި ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކޭ ކަމަށް ވިދާޅުވި އެވެ.

"މިއީ ހަމައެކަނި މައާފަށް އެދުމަކުން ނިމޭނެ ކަހަލަ ކަމެއް ނޫން." ހުސައިން ވިދާޅުވި އެވެ.