Roadha Mihaaru
ސްޓާބަކްސްގެ އެންމެ ބޮޑު އައުޓްލެޓް ޝިކާގޯ އަށް

ސްޓާބަކްސްގެ އެންމެ ބޮޑު އައުޓްލެޓް ޝިކާގޯގައި ހުޅުވަން ތައްޔާރުވެއްޖެ

09 ސެޕްޓެމްބަރ 2019

އެމެރިކާގެ މަޝްހޫރު ކޮފީ ޗެއިން ސްޓާބަކްސް އިން ހުޅުވާ އެ ކުންފުނީގެ އެންމެ ބޮޑު އައުލެޓް އެމެރިކާގެ ޝިކާގޯގައި ހުޅުވުމުގެ ތައްޔާރީތައްވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ކޮފީ ޗެއިން ސްޓާބަކްސް އިން ހުޅުވާ އެ ކުންފުނީގެ އެންމެ ބޮޑު އައުލެޓް އެމެރިކާގެ ޝިކާގޯގައި ހުޅުވުމުގެ ތައްޔާރީތައްވާން ފަށައިފި އެވެ.

ހަތަރު ބުރިއަށް އިމާރާތްކޮށްފައިވާ އެ އައުޓްލެޓް ރަސްމީކޮށް ހުޅުވަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 15 ގަ އެވެ. ސްޓާބަކްސް އިން ބުނިގޮތުގައި އެ ކުންފުނީގެ އެންމެ ބޮޑު އައުލެޓްގެ ސައިޒަކީ 43،000 އަކަފޫޓެވެ.

މިހާރު ހިދުމަތް ދެމުން އަންނަ ސްޓާބަކްސްގެ އެންމެ ބޮޑު އައުޓްލެޓް ހުންނަނީ ޖަޕާނުގެ ޓޯކިއޯގަ އެވެ. ނަމަވެސް ޝިކާގޯގެ އައުޓްލެޓާ އެކު، ޖަޕާނަށް އޮތް އެ ޝަރަފު ގެއްލޭނެ އެވެ.

ސްޓާބަކްސް އިން ބުނިގޮތުގައި ޒަމާނީ ފެންވަރަށް ޝިކާގޯގެ އެންމެ ހިތްގައިމު އެއް ސަރަހައްދު ކަމަށްވާ މެގްނިފިޝަންޓް މައިލް ނެއިބާހުޑްގައި ތަރައްގީކޮށްފައިވާ އައުޓްލެޓް ފަރުމާކޮށްފައި ވަނީ ޓޫރިސްޓުންގެ ސަމާލުކަން ވެސް ވަރަށް ބޮޑަށް ލިބޭނެ ގޮތަށެވެ. އަދި ސްޓާބަކްސްގެ އެހެން އައުޓްލެޓްތަކުން ނުފެންނަހާ ތަފާތު ކަންކަން ޝިކާގޯ އައުޓްލެޓުން ތަޖުރިބާކުރެވޭނެ ކަމަށް ބުންޏެވެ. އެގޮތުން އެ އައުލެޓުން ތަފާތު ގިނަ ރަހަތަކުގެ ކޮފީ އާއި ސައި ވެސް ލިބޭނެ ކަމަށް ބުންޏެވެ.

ސްޓާބަކްސްގެ އެންމެ ބޮޑު އައުލެޓް ޝިކާގޯގައި ހުޅުވާކަން އިއުލާންކުރީ 2017 ގަ އެވެ. އެ ކުންފުނިން މި ޕްރޮޖެކްޓް ސިފަކޮށްފައި ވަނީ "ފުލީ ސެންސޯރިއަލް އެންވަޔަރަމަންޓް" އެއްގެ ގޮތަށެވެ.

މީގެ 48 އަހަރު ކުރިން 1971 ގައި ވުޖޫދަށް އައި ސްޓާބަކްސްގެ 30،000 އަށް ވުރެ ގިނަ އައުޓްލެޓް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ހިންގަމުންނެވެ. އަދި މިއީ ކޮފީ ދުނިޔޭގެ ނަން މަޝްހޫރު ކޮފީ ޗެއިންތަކުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ މަގުބޫލު އެއް ބްރޭންޑެވެ.