Roadha Mihaaru
ޑެޕް ބޭރުކޮށް މެޑްސް އަށް ދިން ފިލްމުގެ ޓްރެއިލާ

ޑެޕް ބޭރުކޮށް މެޑްސް އަށް ދިން ފިލްމުގެ ޓްރެއިލާ ދައްކާލައިފި

16 ޑިސެމްބަރ 2021

ކުރީގެ އަންހެނުން އެމްބާ ހާޑަށް ގެވެށި އަނިޔާކުރި ކަމަށް ބުނެ ދަ ސަން އިން ގެނެސްދިން ވާހަކަތަކާ ގުޅިގެން އެ ނޫހަށް ކުރި ދައުވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯނީ ޑެޕަށް ނާކާމިޔާބުމުން އޭނާ ބޭރުކުރި ފިލްމު "ފެންޓާސްޓިކް ބީސްޓްސް" ގެ ތިން ވަނަ ފިލްމުގެ ޓްރެއިލާ ދައްކާލައިފި އެވެެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ އަންހެނުން އެމްބާ ހާޑަށް ގެވެށި އަނިޔާކުރި ކަމަށް ބުނެ ދަ ސަން އިން ގެނެސްދިން ވާހަކަތަކާ ގުޅިގެން އެ ނޫހަށް ކުރި ދައުވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯނީ ޑެޕަށް ނާކާމިޔާބުމުން އޭނާ ބޭރުކުރި ފިލްމު "ފެންޓާސްޓިކް ބީސްޓްސް" ގެ ތިން ވަނަ ފިލްމުގެ ޓްރެއިލާ ދައްކާލައިފި އެވެެ.

ކުރީގެ ދެ ފިލްމުގައި ޑެޕް ކުޅުނު ރޯލު މެޑްސް މިކެލްސަނަށް ދީގެން ހަދާފައިވާ "ފެންޓާސްޓިކް ބީސްޓްސް: ދަ ސީކްރެކްޓްސް އޮފް ޑަމްބަލްޑޯ" އަކީ ޑޭވިޑް ޔޭޓްސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އަންނަ އަހަރު ސިނަމާތަކަށް ގެންނަ އެ ފިލްމަށް ޔަގީނުން ވެސް ސަމާލުކަން ލިބޭނީ ޑެޕް ނުލައި ފިލްމު ހަދާފައިވާތީ އެވެ.

އެހެންވެ އޭނާ ކުޅެފައި އޮތް ރޯލު މެޑްސް އަށް ދީގެން އޭނާ އަށް ކިހާ ވަރަކަށް އެ ރޯލަށް އިންސާފުކޮށް ދެވިފައިވާނެތޯ ޑެޕްގެ ފޭނުން ބަލާނެ އެވެ. އަދި މިއީ ޑެޕާއި މެޑްސް އަޅާކިޔަން ވެސް ލިބޭ ފުރުސަތަކަށް ވާނެ އެވެ.

"ހެރީ ޕޮޓާ" ގެ ލިޔުންތެރިޔާ ޖޭކޭ ރޯލިންގެ ވާހަކައަކަށް ގެނެސްދޭ "ފެންޓާސްޓިކް ބީސްޓްސް" ގެ ތިން ވަނަ ފިލްމުގައި ވެސް ބޮޑު ކާސްޓެއް ހިމެނެ އެވެ. މައިގަނޑު ރޯލު އެޑީ ރެޑްމޭން ކުޅޭ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޖޫޑް ލޯ، އެޒްރާ މިލާ، ކެލަމް ޓާނާ، ޖެސިކާ ވިލިއަމްސް، ކެތަރީން ވޯޓަސަން އަދި އެލިސަން ސުޑޮލް ހިމެނެ އެވެ.

ޑެޕް ކުޅުނު ރޯލަކާ މެޑްސް ހަވާލުވި އިރު އޭނާ ކުރިން ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ކެއޯސް ވޯކިން"، "ޑޮކްޓަ ސްޓްރޭންޖް"، "އަ ރޯޔަލް އެފެއާ" އަދި ޖޭމްސް ބޮންޑް ސީރީޒްގެ ފިލްމު "ކެސިނޯ ރޯޔޭލް" ހިމެނެ އެވެ.