Roadha Mihaaru
ޖޯނީ ޑެޕް "ފެންޓާސްޓިކް ބީސްޓްސް" އިން ވަކިކޮށްފި

ގެވެށިއަނިޔާގެ މައްސަލާގައި ޖޯނީ ޑެޕް "ފެންޓާސްޓިކް ބީސްޓްސް" އިން ވަކިކޮށްފި

07 ނޮވެމްބަރ 2020

ބެލުންތެރިންގެ މެދުގައި މަގުބޫލު ފިލްމު ސީރީޒް "ފެންޓާސްޓިކް ބީސްޓްސް" ގެ ކުރިއޮތް ފިލްމުން، މަަޝްހޫރު އެކްޓަރު ޖޯނީ ޑެޕް ވަކިވާން ވޯނާ ބްރަދާޒް އިން އެންގުމާ ގުޅިގެން އޭނާ އަށް އެ ފިލްމު ދޫކޮށްލަން މަޖުބޫރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ މެދުގައި މަގުބޫލު ފިލްމު ސީރީޒް "ފެންޓާސްޓިކް ބީސްޓްސް" ގެ ކުރިއޮތް ފިލްމުން، މަަޝްހޫރު އެކްޓަރު ޖޯނީ ޑެޕް ވަކިވާން ވޯނާ ބްރަދާޒް އިން އެންގުމާ ގުޅިގެން އޭނާ އަށް އެ ފިލްމު ދޫކޮށްލަން މަޖުބޫރުވެއްޖެ އެވެ.

ޑެޕަށް ފިލްމުން ވަކިވާން އަންގާފައި މި ވަނީ 2016 ގައި ރޫޅައިލި ކައިވެނީގެ ތެރޭގައި އޭރުގެ އަންހެނުން ބަތަލާ އެމްބާ ހާޑަށް އަނިޔާކުރި ކަމަށް ބުނެ އިނގިރޭސިވިލާތުގެ ނޫސް ސަން އިން ފެތުރި ވާހަކަތަކާ ގުޅިގެން އެ ނޫހާ ދެކޮޅަށް ޑެޕް ކުރި ދައުވާ ވެސް މިދިޔަ ހަފުތާގައި ނާކާމިޔާބުވެފައި ވަނިކޮށެވެ. ސަން އިން އަބުރަށް އަރައިގަތް ކަމަށް ބުނެ ކުރި ދައުވާ ސާބިތު ނުވުމުން ޑެޕް ވަނީ އެ މައްސަލަ އިސްތިއުނާފުކުރަން ވެސް ނިންމައިފަ އެވެ.

އޭނާ "ފެންޓާސްޓިކް ބީސްޓް" ގެ ތިން ވަނަ ފިލްމު ދޫކޮށްލިކަން ފޭނުންނާ ހިއްސާކުރީ ހުކުރު ދުވަހު ނެރުނު ބަޔާނެއްގަ އެވެ. އޭގައި ބުނީ ފިލްމުން އަމިއްލަ އަށް ވަކިވާން ވޯނާ އިން އަންގާފައިވާތީ އެގޮތަށް އަމަލުކޮށްފައި ކަމަށެވެ. މި ފިލްމު ޑެޕަށް ގެއްލުނު އިރު މި ފަހުން އޭނާގެ ޒާތީ ދިރިއުޅުމުގައި ކުރިމަތިވި ބޮޑެތި މައްސަލަތަކާ ހެދި ކުރިން ވެސް ގިނަ ޕްރޮޖެކްޓަތެއް ގެއްލި ކެރިއަރަށް ލޮޅުން އަރާފައިވެ އެވެ. ޑެޕްގެ އެންމެ މަޝްހޫރު ފިލްމު ސީރީޒް ކަމަށްވާ ޑިޒްނީގެ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ކުރިއަށް އޮތް ފިލްމު ވެސް ހަދަން ނިންމާފައި ވަނީ އޭނާއާ ނުލަ އެވެ.

ޑެޕްގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުކޮށް އޭނާގެ ގާތުން އެމްބާ ވަރިވި ފަހުން ޑެޕް ރަލާއި މަސްތުވާތަކެތީގެ ޝިކާރަކައަށް ވެސް ވެފައިވެ އެވެ.

ދެހާސް ބާވީހަށް ތާވަލުކޮށްވައިވާ "ފެންޓާސްޓިކް ބީސްޓްސް 3" ގެ ކާސްޓުން ޑެޕް ނުފެންނާނެކަން ކަށަވަރުކޮށްދީ ވޯނާ އިން ނެރުނު ބަޔާނެއްގައި އޭނާ ކުޅެމުން ދިޔަ ކެރެކްޓާ ޖެލާޓް ގްރިންޑަލްވާލްޑްގެ ރޯލަށް އާ މީހަކު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.

"އަހަރެމެންނާ އެކު ޑެޕް މިހާތަނަށް މަސައްކަތަކަށް ޝުކުރު އަދާކުރަން،" ވޯނާ އިން ބުންޏެވެ.

ޑެޕްގެ ބަޔާނުގައި ބުނީ އޭނާ ފިލްމު ވަކިވާން އެންގި އެންގުމަށް އިހުތިރާމްކުރާ ކަމަށާއި ފިލްމު ދޫކޮށްލީ ވެސް އެ ސަބަބާ ހުރެ ކަމަށެވެ. އަދި ފޭނުންނާއި ލޯބިވާ އެންމެންގެ ފަރާތުން ލިބެމުން އަންނަ ސަޕޯޓާއި ހެޔޮދުއާތަކަށް ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.

އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވި "ހެރީ ޕޮޓާ" ސީރީޒްގެ ވާހަކަ ލިޔުނު ޖޭކޭ ރޯލިންގެ ވާހަކަ "ފެންޓާސްޓިކް ބީސްޓްސް" އަށް ގެނެސްދެމުން އަންނަ ފިލްމުގެ ފުރަތަމަ ބައި "ފެންޓާސްޓިކް ބީސްޓް އެންޑް ވެއާ ޓު ފައިންޑް ދެމް" ރިލީޒްކުރީ 2016 ގަ އެވެ. އަދި "ފެންޓާސްޓިކް ބީސްޓްސް: ދަ ކްރައިމްސް އޮފް ގްރިންޑެލްވާލްޑް" ގެނެސްދިނީ 2018 ގަ އެވެ.

ޑެޕް، 57، ގެ ދެ ފިލްމެއް ކުރިއަށް އެބައޮތެވެ. އެއީ ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ "ވެއިޓިން ފޯ ދަ ބާބޭރިއަންސް" އާއި އަންނަ އަހަރުގެ ފެބްރުއަރީ އަށް ތާވަލުކޮށްފައިވާ "މިނަމާޓާ" އެވެ.