Roadha Mihaaru
ފެހެންދޫ ބަނދަރުގެ 43 ޕަސެންޓް ނިމިއްޖެ

ބ.ފެހެންދޫ ބަނދަރުގެ މަސައްކަތުގެ 43 ޕަސެންޓް މަސައްކަތް ނިމިއްޖެ

19 ޖުލައި 2020

ބ.ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 43 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތްކުރާ އެމްޓީސީސީން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބ.ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 43 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތްކުރާ އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ނެރު ފުންކުރުމުގެ 76 ޕަސެންޓް މަސައްކަތް ނިންމައި ހާބަ ބޭސިން ހެދުމުގެ 80 ޕަސެންޓް މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 25،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 18،500 ކިއުބިކް މީޓަރުގެ ހާބަ ބޭސިން ފުންކުރުމާއި، 130 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓަ ލުން ހިމެނެ އެވެ. އަދި 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 214 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުމާއި، ފާލަން އެޅުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 49.6 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީން އަންނަނީ އެކި އަތޮޅުތަކުގައި ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ލ. މާވަށު ބަނދަރު ހެދުމުގެ 37 ޕަސެންޓް މިހާރު ވަނީ ނިންމައިފަ އެވެ. މި މަޝްރޫއުގައި، ކުރިން ހަދާފައިވާ ބަނދަރާއި ނެރުގެ މެއިންޓަނަންސް މަސައްކަތް ވެސް ހިމެނެ އެވެ. އަލި ކީ ވޯލް ޖެހުމަށް ބޭނުންވާ ބްލޮކް ބެހެއްޓުމުގެ މަސައްކަތް ވެސް މިދިޔަ ޖުލައި މަހު ވަނީ ފަށައިފަ އެވެ.

މާވަށު ބަނދަރުގެ މަސައްކަތް ކުރުން-- ފޮޓޯ:އެމްޓީސީސީ

މާވަށު ބަނދަރުގެ މަސައްކަތް ކުރުން-- ފޮޓޯ:އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން 26،885 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ލުމާއި، 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 110 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުމާއި، ރޭމްޕް އެޅުމާއި މޫރިންގް ބްލޮކް ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މި މަސައްކަތަށް 27 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.