Roadha Mihaaru
ރާއްޖެއިން އޮމިކްރޯންގެ 74 ކޭސް ފެނިއްޖެ

ރާއްޖެއިން އޮމިކްރޯންގެ 74 ކޭސް ފެނިއްޖެ

23 ޖެނުއަރީ 2022

ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ 74 މީހަކު އެ ބަލީގެ އާ ވޭރިއަންޓް، އޮމިކްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ 74 މީހަކު އެ ބަލީގެ އާ ވޭރިއަންޓް، އޮމިކްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އެޖެންސީގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާތަނަށް ފޮނުވި 1،196 ޕޮޒިޓިވް ސާމްޕަލްގެ ތެރެއިން 74 ކޭސް އޮމިކްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މި މަހުގެ 11 ގައި ފޮނުވި 100 ޕޮޒިޓިވް ސާމްޕަލް ތެރެއިން ވެސް 50 ސާމްޕަލް އޮމިކްރޯނަށް ޕޮޒިޓިވްވެފައިވާ ކަމަށް އަފްޒަލް ވިދާޅުވި އެވެ.

"މީގެން ވެސް މި ދޭހަވަނީ އޮމިކްރޯން ފެތުރިގެންދާ ހަލުވިމިނާއި އެހެން ސްޓްރެއިންތައް އޯވާޓެކް ކުރަމުންދާ ކަން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ރާއްޖެ އިން އޮމިކްރޯން ފެނުނުކަން އިއުލާންކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު 5 ގަ އެވެ.

އޮމިކްރޯންގެ ކޭސްތައް މިހާތަނަށް ފެނުން ރަށްތައް:

- މާލެ

- އައްޑޫ

- ހދ. ނޮޅިވަރަމް

- ހދ. ވައިކަރަދޫ

- ކ. ތުލުސްދޫ

- ފ. މަގޫދޫ

- ދ. ކުޑަހުވަދޫ

- ލ. ގަން

- ލ. އިސްދޫ

- ލ. މުންޑޫ

އަފްޒަލް ވިދާޅުވީ މި ހާލަތުގައި އެންމެ މުހިންމު ކަމަކީ މިހާރު ވެސް ހުރި އިރުޝާދުތަކަށް ފުރިހަމަ އަށް އަމަލު ކުރުން ކަމަށާއި ވަކިން ހާއްސަކޮށް ކަރަންޓީނާއި އެކަހެރިވުމަށް ދީފައިވާ މުއްދަތާ މެދު ސަމާލު ވާން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، މިހާރު ކޮވިޑް ފެތުރެމުންދާ ސްޕީޑަށް ބަލާއިރު ދުވާލަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދެ ގުނަ އަށް އިތުރު ވެދާނެ އެވެ. އަދި 4،000-6،000 އާ ދެމެދުގެ އަދަދަކަށް ކޭސްތައް އަރާނެ ކަމަށް ޕްރޮޖެކްޝަންތަކުން ދައްކާ ކަމަށް އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޮމިކްރޯން ވޭރިއަންޓުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭ ވަރު މަދުވި ނަމަވެސް ޖުމުލަ ނަމްބަރުތައް އިތުރުވާ ނަމަ އެޑްމިޓް ކުރަން ޖެހޭ ޕަސެންޓު ވެސް އިތުރު ވާނެ ކަމަށެވެ. އެ ވޭރިއަންޓުގައި މަރުވާ އަދަދު ވެސް މަދު ކަމަށާއި ނަމަވެސް ކޭސްތަކުގެ އަދަދު މާ މަތިވެއްޖެ ނަމަ އެ އަދަދުތައް ވެސް އިތުރު ވާނެ ކަމަށް އަފްޒަލް ވިދާޅުވި އެވެ.

މި ދުވަސްވަރު ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިިޓިވްވަމުން ދާއިރު ސާމްޕަލްގެ ނަތީޖާ އައުމުގައި ބެކްލޮގެއް ވެސް އުޅޭނެ ކަމަށް އޭނާ ވިދާޅުވެ އެވެ. އަފްޒަލް ވިދާޅުވިގޮތުގައި، ނަތީޖާ ހޯދަން 48 ގަޑިއިރުގެ ގެޕެއް ބޭނުންވެ އެވެ.

ރާއްޖެ އިން މިދިޔަ ތިން ވަރަކަށް ދުވަހަށް ބަލާއިރު އެވްރެޖްކޮށް ދުވާލަކު 2،000 މީހުން ކޮވިޑަށް ޕޮޒިޓިވްވެ އެވެ.