Roadha Mihaaru
އެމެރިކާގެ ފައިޓަރުތައް އެމިރޭޓްސްއިން ނުގަންނާނެ

އެމެރިކާގެ ފައިޓަރުތައް ގަތުން އެމިރޭޓްސްއިން މެދުކަނޑާލައިފި

15 ޑިސެމްބަރ 2021

އެމެރިކާގައި އުފައްދާފައިވާ ހަނގުރާމަމަތީ މަތިންދާބޯޓުތަކެއް ގަތުމަށް އެމެރިކާއާ އެކުގައި ކުރަމުން އަންނަ މަޝްވަރާތައް މި ވަގުތަށް ހުއްޓާލައިފި ކަމަށް، އެމިރޭޓްސް ސަރުކާރުން އެމެރިކާ ސަރުކާރަށް އިއްޔެ އަންގައިފި އެވެ.

އެމެރިކާގައި އުފައްދާފައިވާ ހަނގުރާމަމަތީ މަތިންދާބޯޓުތަކެއް ގަތުމަށް އެމެރިކާއާ އެކުގައި ކުރަމުން އަންނަ މަޝްވަރާތައް މި ވަގުތަށް ހުއްޓާލައިފި ކަމަށް، އެމިރޭޓްސް ސަރުކާރުން އެމެރިކާ ސަރުކާރަށް އިއްޔެ އަންގައިފި އެވެ.

އެމިރޭޓްސް ސަރުކާރުން އެ މަޝްވަރާތައް އެންމެ ފަހު ވަގުތު މި ކެންސަލްކުރީ، ފައިޓަރު ބޯޓުތައް ގަތުމާ ގުޅޭ ގޮތުން ދެ ގައުމުގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމެއް މި ހަފުތާ ބަންދުގައި އެމެރިކާގައި ބާއްވަން ތާވަލުކޮށްފައި ވަނިކޮށެވެ.

ވޮޝިންޓަންގައި ހުންނަ އެމިރޭޓްސް އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ވިޔަފާރީގެ މުއާމަލާތް މި ވަގުތަށް ހުއްޓައިލި ނަމަވެސް، އެމިރޭޓްސްއަށް ބޭނުންވާ ދިފާއީ ހަތިޔާރު ހޯދުމުގައި އަދިވެސް އެންމެ ބޮޑަށް އިސްކަން ދޭނީ އެމެރިކާގައި އުފައްދާ ހަތިޔާރަށެވެ. މިފަހަރު ހުއްޓައިލި ވިޔަފާރީގެ ތެރޭގައި، އެމެރިކާގައި އުފައްދާފައިވާ އެންމެ ފަހުގެ ހަނގުރާމަމަތީ މަތިންދާބޯޓު ކަމަށްވާ އެފް-35 މަރުކާގެ މަތިންދާބޯޓު ވެސް ހިމެނެ އެވެ.

އެމިރޭޓްސް އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، މަތިންދާބޯޓުތައް ގަތުން މި ވަގުތަށް ހުއްޓައިލީ އެ ވިޔަފާރީގެ މުއާމަލާތް ފުރިހަމަކުރުމަށްޓަކައި ބޭނުންވާ ޓެކްނިކަލް ކަންތައްތަކާއި، އެފަދަ ބޯޓުތައް ބޭނުންކުރުމުގައި ގައުމުގެ ސިޔާދަތަށް ހުރަސްއެޅިދާ ފަދަ ޝަރުތުތައް ހުރުމާއި، އެވިޔަފާރީގެ ހަރަދާއި ފައިދާ އަޅައިކިޔުމަށް ފަހުގަ އެވެ.

އެމެރިކާގެ މަތިންދާބޯޓުތައް ގަތުން އެމިރޭޓްސް އިން މަޑުޖައްސައިލި އިރު، އޭގެ އެއް ދުވަސް ކުރިން އެމިރޭޓްސް އިން ވަނީ ފަރަންސޭސި ވިލާތުގެ މަތިންދާބޯޓުތަކެއް ގަތުމަށް އެ ގައުމާ އެކު އެއްބަސްވެފަ އެވެ. އެމިރޭޓްސްއަށް ގަތުމަށް އެއްބަސްވީ ފަރަންސޭސި ވިލާތުގައި އުފައްދާފައިވާ ރަފައޭލް މަރުކާގެ 80 ފައިޓަރު ބޯޓެވެ. މިބޯޓުތަކުގެ ޖުމްލަ އަގަކީ 15.8 ބިލިއަން ޑޮލަރެވެ.

އެމެރިކާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި އެ ގައުމުގެ މަތިންދާބޯޓުތައް ގަތުން އެމިރޭޓްސް އިން ހުއްޓައިލީ، އެފަދަ ބޯޓުތައް އެމިރޭޓްސްގައި ބޭނުންކުރާ އިރު، އެ ބޯޓުތަކާ ބެހޭ އެއްވެސް މައުލޫމާތެއް ޗައިނާގެ ޖާސޫސުންނަށް ނުލިބޭނެކަން ކަށަވަރުކުރުމަށް އެމެރިކާ އިން ހުށަހަޅާ ޝަރުތުތައް ގިނަކަމުންނެވެ.

އެމެރިކާ އާއި އެމިރޭޓްސްއާ ދެމެދު 23 ބިލިއަން ޑޮލަރުގެ އަސްކަރީ ވިޔަފާރީގެ މުއާމަލާތެއް ކުރުމަށް އެއްބަސްވެފައިވާ ކަމަށް އެންމެ ފުރަތަމަ އިއުލާންކުރީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގެ ދުވަސްވަރު، މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެމެރިކާ ސަރުކާރުން އެ ވިޔަފާރިއަށް އެއްބަސްވީ، އިޒްރޭލާ އެކުގައި ސުލްހަވެރިކަން ގާއިމުކުރުމުގެ ބަދަލެއްގެ ގޮތުންނެވެ.