Roadha Mihaaru
އެމެރިކާގެ އާ ސްޓެލްތު ބޯޓު ދައްކާލައިފި

އެމެރިކާގެ އާ ސްޓެލްތު ބޯޓު ދައްކާލައިފި

06 ޑިސެމްބަރ 2022

އެމެރިކާގެ އަސްކަރިއްޔާގައި ބޭނުންކުރުމަށް އުފެއްދި އެންމެ ފަހުގެ ސްޓެލްތު (ރާޑަރަށް ނާރާ) ބޮންއަޅާ ބޯޓު އާންމުކޮށް ދައްކާލައިފި އެވެ.

އެމެރިކާގެ އަސްކަރިއްޔާގައި ބޭނުންކުރުމަށް އުފެއްދި އެންމެ ފަހުގެ ސްޓެލްތު (ރާޑަރަށް ނާރާ) ބޮންއަޅާ ބޯޓު އާންމުކޮށް ދައްކާލައިފި އެވެ.

ކެލިފޯނިއާގައި ހުންނަ، އަސްކަރީ ވައިގެ އުޅަނދުތައް އުފައްދާ ކުންފުނި ނޯތުރޮޕް ގްރޫމަންގެ ކާރުޚާނާގައި، މިދިޔަ ހުކުރު ދުވަހު ދައްކައިލި، "ބީ-21 ރައިޑާ" މަރުކާގެ އެންމެ ބޯޓެއްގެ އަގަކީ ގާތްގަނޑަކަށް 770 މިލިއަން ޑޮލަރެވެ. މިއީ ޕައިލެޓުންނަށް ވެސް ދުއްވޭ ގޮތަށް، އަދި ޕައިލެޓުންނާ ނުލައި ސެޓެލައިޓް ރިމޯޓް ކޮންޓްރޯލްގެ އެހީގައި ވެސް ދުއްވޭ ގޮތަށް އުފައްދާފައިވާ ބޯޓެކެވެ.

ނޯތުރޮޕް ގްރޫމަން އިން ބުނި ގޮތުގައި މި ބާވަތުގެ 100 މަތިންދާބޯޓު ގަތުމަށް އެމެރިކާގެ ވައިގެ ލަޝްކަރުން ވަނީ އޯޑަރު ދީފަ އެވެ. އެންމެ ފަހުގެ އަސްކަރީ ޓެކްނޮލޮޖީ ހިމަނައިގެން އުފައްދާފައިވާ މި މަތިންދާބޯޓު އާންމުކޮށް މި ދައްކައިލީ، ޔޫކްރޭންގެ މައްސަލައިގައި ވިލާތުގެ ގައުމުތަކާއި ރަޝިޔާއާ ދެމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން ބޮޑުވެ އަރާރުން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

އޭގެ އިތުރުން ތައިވާންގެ މިނިވަންކަމުގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާއާ ދެމެދު ވެސް ވަރަށް ބޮޑަށް މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި ޗައިނާ އާއި ރަޝިޔާގެ ވައިގެ ސިފައިން ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތަކެއްގެ ތެރެއިން، އެ ދެ ގައުމުގެ ބޮންއަޅާ ބޯޓުތަކެއް ހުޅަނގު ޕެސިފިކް ސަރަހައްދުން ދަތުރުކޮށްފައިވާ ދުވަސްވަރެއްގައި ކަމަށްވާތީ، ހަތިޔާރުގެ ވާދަވެރިކަން ވަރަށް ބޮޑުވެފައިވާ ދުވަސްވަރެއްގަ އެވެ.

އެމެރިކާގެ އާ ސްޓެލްތު މަތިންދާބޯޓު ދައްކައިލި އިރު، ވާދަވެރި ރަޝިޔާ އާއި ޗައިނާ އިން ވެސް އަންނަނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ސްޓެލްތު ބޯޓުތަކެއް ތަރައްގީކުރަމުންނެވެ. ރަޝިޔާގެ ޓުޕަލޯވް ޕަކް ޑާ އާއި ޗައިނާގެ ޒިއާން އެޗް-20 އަކީ، އެމެރިކާ އިން އަލަށް މިއުފެއްދި ބީ-21ގެ ބޯޓާ ވާދަކުރާނެ ދެ އުޅަނދަށް ވާނެ ކަމަށް ބެލެވެ އެވެ.

އާ މަތިންދާބޯޓު ދައްކައިލުމަށް ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވީ ބީ-21 ރައިޑާއަކީ، ޕައިލެޓުންނާ ނުލައި ރިމޯޓުން ދުއްވޭ ބޯޓެއް ކަމަށް ވިޔަސް، ޕައިލެޓުންނާ ނުލައި އެ ބޯޓު ދުއްވުމަށް އަދި ނުނިންމާ ކަމަށެވެ. އަދި މިއީ މިދިޔަ 30 އަހަރުގެ ތެރޭގައި އެމެރިކާގައި އުފެއްދި މި ބާވަތުގެ ފުރަތަމަ މަތިންދާބޯޓު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލޮއިޑް އޮސްޓިން ވިދާޅުވި ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހުރި ދުރު ރާސްތާގެ އަސްކަރީ މަތިންދާބޯޓުތަކާ އަޅައި ބަލާއިރު، އެމެރިކާ އިން އުފެއްދި ބީ-21 ރައިޑާއާ ވާދަކުރެވޭ ވަރުގެ ބޯޓެއް އެއްވެސް ގައުމެއްގައި އަދި ނެތެވެ. އަދި މިހާރު އެކި ގައުމުތަކުގައި ބޭނުންކުރާ އެންމެ ޒަމާނީ ވައިގެ ދިފާއީ ނިޒާމުގައި ހިމެނޭ ރާޑަރުތަކުގެ އެހީގައިވެސް، ވައިގެ ތެރޭގައި ދަތުރުކުރާ އިރު، މި ބޯޓު ދެނެގަތުމަށް ވަރަށް ގިނަ ތަކުލީފުތައް އުފުލަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ބޯޓު އުފައްދާފައިވަނީ އާދައިގެ މިސައިލާއި ބޮމުގެ އިތުރުން ނިއުކްލިއާ ހަތިޔާރު ވެސް އުފުލޭ ގޮތަށެވެ. އަދި ދުރު ރާސްތާ އަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިގެންވާ މި ބޯޓަކީ، ވައިގެ ތެރޭގައި ތެޔޮ އެޅޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓެކެވެ.

ނޯތުރޮޕް ގްރޫމަން އިން ބުނި ގޮތުގައި މި ބާވަތުގެ ފުރަތަމަ މަތިންދާބޯޓު އުދުއްސައިލެވޭ ވަރު ވާނީ، 2023 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި މިހާރު އުފައްދަމުން އަންނަ މި ބާވަތުގެ ހަ މަތިންދާބޯޓުގެ މަސައްކަތްތައް ހުރީ އެކި މަރުހަލާތަކުގައި ކަމަށާއި، އެ މަރުހަލާތަކުގައި ކުރަންޖެހޭ ޓެސްޓުތައް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.