Roadha Mihaaru
މޯލްޑިވިއަންގެ ފްލައިޓް ތޫފާނާ ހެދި ޓްރިވެންޑްރަމަށް

މޯލްޑިވިއަންގެ ޗެންނާއީ ފްލައިޓް ތޫފާނާ ހެދި ޓްރިވެންޑްރަމްގައި ޖައްސައިފި

12 ޑިސެމްބަރ 2016

ދެކުނު އިންޑިއާ އަށް އެރި ބާރު ގަދަ ތޫފާނަކާ ގުޅިގެން ޗެންނާއީގައި ބޯޓު ނުޖެއްސޭތީ، މޯލްޑިވިއަންގެ ފްލައިޓް ޓްރިވެންޑްރަމްގައި ޖައްސައި، ދަތުރުވެރިންނަށް އެއްގަމު މަގުން ޗެންނާއީ އަށް ދެވޭ ގޮތް ހަމަޖައްސައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ދެކުނު އިންޑިއާ އަށް އެރި ބާރު ގަދަ ތޫފާނަކާ ގުޅިގެން ޗެންނާއީގައި ބޯޓު ނުޖެއްސޭތީ، މޯލްޑިވިއަންގެ ފްލައިޓް ޓްރިވެންޑްރަމްގައި ޖައްސައި، ދަތުރުވެރިންނަށް އެއްގަމު މަގުން ޗެންނާއީ އަށް ދެވޭ ގޮތް ހަމަޖައްސައިފި އެވެ.

ބޭ އޮފް ބެންގޯލްގައި އުފެދުނު، "ވަރުދާ"ގެ ނަން ދީފައިވާ ތޫފާން ޗެންނާއީގެ އައްސޭރި ފަށަށް މިއަދު ހެނދުނު އަރާފައިވާ އިރު، ގަޑިއަކު 100 ކިލޯ މީޓަރުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މޫސުމާ ބެހޭ އޮފިޝަލުން ލަފާކުރެ އެވެ. އަދި ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމާ ގުޅިގެން ޓަމިލް ނާޑޫގެ ސްކޫލުތަކާއި ކޮލެޖުތައް ވެސް މިއަދު ވަނީ ބަންދުކޮށްފަ އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު "މިހާރު" އަށް ވިދާޅުވީ ޗެންނާއީ އެއާޕޯޓުގައި މިއަދު އެއްވެސް ގޮތަކަށް ބޯޓެއް ނުޖެއްސޭ ކަމަށެވެ. އެހެންވެ، މިއަދު ހެނދުނު ޗެންނާއީ އަށް ދިޔަ ފްލައިޓް ޑައިވާޓުކޮށް، ޓްރިވެންޑްރަމްގައި ޖެއްސީ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ޗެންނާއީ އަށް ދަތުރުކުރަނީ، އެ ސިޓީ އަށް މީހުން ބޭލުމަށް ފަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ވެސް ދާ ގޮތަށެވެ. މިއަދުގެ ފްލައިޓް ވެސް ޓްރިވެންޑްރަމްގައި ޖެއްސުމަށް ފަހު މިހާރު ވަނީ ޑާކާ އަށް މިސްރާބު ޖަހައިފަ އެވެ.

ނަޝާތު ވިދާޅުވީ ކުރިން ނިންމާފައި އޮތީ ޑާކާ އަށް މީހުން ބޭލުމަށް ފަހު، އެނބުރި އަންނަ މަގުމަތީގައި އަނެއްކާވެސް ޗެންނާއީގައި ޖެއްސޭތޯ ބެލުމަށް ކަމަށެވެ. އެކަމަކު މިއަދާ އަދި މާދަމާ ވެސް އެއްވެސް ފްލައިޓެއް ޖެއްސޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ޗެންނާއީގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، ޗެންނާއީ އަށް ދަތުރު ކުރި ދިވެހިންނާ ވާހަކަ ދެއްކުމުން އެ ބޭފުޅުން ބޭނުންވީ ކޮންމެ ގޮތަކުން ވެސް މިއަދު ޗެންނާއީ އަށް ދާން. އަޅުގަނޑުމެންގެ ހަރަދުގައި، އެއްގަމު މަގުން ޗެންނާއީ އަށް ދެވޭނެ އިންތިޒާމް މިހާރު ވާނީ ހަމަޖައްސާފައި،" ނަޝާތު ވިދާޅުވި އެވެ.

ޓްރިވެންޑަރަމުން ޗެންނާއީ އަށް އެއްގަމު މަގުން ދާން ގާތްގަނޑަކަށް އަށް ގަޑިއިރު ހޭދަވެ އެވެ.

އިންޑިއާގެ ދެކުނުގެ ދެ ސްޓޭޓް ކަމަށްވާ ޓަމިލް ނާޑޫ އާއި އަންދުރަ ޕްރަދޭޝް އަށް ތޫފާން ވަރުދާ އަރައި ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. އެ ދެ ސްޓޭޓުގެ މަސްވެރިން ކަނޑަށް ނުނުކުތުމަށް އަންގާފައިވާ އިރު، ރެސްކިއު ޓީމުތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފަ އެވެ. އަދި ރިލީފް އޮޕަރޭޝަނަށް އިންޑިއާގެ ކަނޑުގެ ސިފައިން ވެސް ވަނީ ތައްޔާރުވެފަ އެވެ.